މިނިވަން މީޑިއާ ނެތިކޮށްލުމަށް މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ފާސްކޮށްފިނަމަ، ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި އެ ގާނޫނު އުވާލާނެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ، މަޖިލީހުގައި ބިލު އޮއްވާ ތިމާގެ ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އެކަކަށް ވެސް އޮތް މިނިވަންކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނަން،" ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން އެކްސްގައި ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ، ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއް ވިދާޅުވި އެވެ.
ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން، ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން ކަމަށް މިވަގުތު އެމްޑީޕީ ލީޑު ކުރައްވަމުން ގެންދަވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

"މީގެ ކުރިން ވެސް ވެރިޔަކު ތި މަސައްކަތް ކުރެއްވި. ކާމިޔާބެއް ނުވޭ. އިރާދުކުރެވިއްޔާ މިފަހަރު ވެސް ކާމިޔާބެއް ނުވާނެ،" ފައްޔާޒު އިތުރަށް ލިޔުއްވާފައިވެ އެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ތިމާއަށް އަބުރަކާއި އިއްޒަތެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް އަބުރާއި އިއްޒަތް ލިބިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިން އޮތް ދިވެހި ވަންތަކަށް ބިނާވަނީ އެ ކަންކަމުގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބިފައި އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ. ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވެގެން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބޭރުކޮށްލަން ދިވެހި ނޫސްވެރިންނާއި އިދިކޮޅު ސިޔާސީން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ދަނީ މުއިއްޒަށް ގޮވާލަމުންނެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.













