ލ. ކައްދޫ އެއާޕޯޓަށް ފައިމަގުގައި ދިޔަ ދެ އަންހެނުން ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއްވެ އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގައި މަރުވީ އުމުރުން 64 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ މަރުވީ ލ. ގަމު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގީ ދެ އަންހެނުން ކައްދޫ އެއާޕޯޓަށް ދާން ޒިބްރާ ކްރޮސްއިން ހުރަސްކުރި ވަގުތު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް އެ ދެ މީހުން ގައިގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި މަގު ހުރަސްކުރި ދެމީހުންގެ އިތުރުން ސައިކަލު ދުއްވަން ތިބި ދެމީހުންނަށް ވެސް އަނިޔާވެގެން ގަމު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 7:18 ހާއިރު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ލ. ފޮނަދޫ އާއި ގަން ގުޅާލާފައި އޮންނަ ލިންކް ރޯޑުގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނަ ގޮސްފައިވެ އެވެ. އެއީ ރާއްޖޭގައި އޮންނަ އެންމެ ދިގު އެއް މަގެވެ.













