"ބޯޅައިގެ ޒޯން ލީގުގެ މަސައްކަތް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޯޅައިގެ ވަސީލަތްތައް ޤާއިމުވެފައި މިންވަރު ދެނެގަތުމުގެ ގޮތުން ޓެކްނިކަލް ރިވިއުއެއް ހެދުން ކޮންމެހެން ބޭނުންތެރި،"
މިއީ، "އަދަދު ސްޕޯޓްސް" ގައި އިއްޔެ ޝާއިއުކުރި، އެފްއޭއެމް އިން ރާއްޖޭގެ ޒޯން ލީގުތަކުގެ މަސައްކަތް މި އަހަރު ފަށާނެ ކަަމަށް އިއުލާނުކުރި ހަބަރަށް، އެފްއޭއެމްގެ ހިންގާ ކޮމިޓީ މެމްބަރުކަމާއި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކުރި އަދާކުރި، މުހައްމަދު އީސަ (މޯ) ފާޅުކުރި ޝުއޫރެވެ.
އީސަ އަކީ 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސަކަށް މި ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރެއްވި އަހުމަދު ތޯރިގު (ޓޮމް) ހުންނެވިއިރު، އޭނާގެ ލީޑަޝިޕްގައި، ހިންގާ ކޮމިޓީގެ މެމްބަރެކެވެ.
ރާއްޖެ އަށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމުގައި، މެނޭޖަރެއްގެ ޒިންމާ އަދާކުރި އީސަ، ރާއްޖޭގެ ފުޓްބޯޅައިގައި ހުރި ވަސީލަތްތަކުގެ ރިވިއުއެއް ހެދުމުގެ މި ވިސްނުމަށް، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އަލީ ސުޒޭން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ސުޒޭން ބުނީ، ރާއްޖޭގައި އޮތީ ކިތަށް ދަނޑުތޯ، އަދި ރަށުގައި ދިރިއުޅޭ އާބާދީ އާއި އިންތިޒާމެއްގެ ތެރެއިން، އާދަވެ، ފުޓްބޯޅަ ކުޅޭ ރަށްތަކާއި އެކަޑަމީތަކާއި ކޯޗުންގެ އަދަދާއި އެ މީހުންގެ ކޮލިފިކޭޝަންސް އަދި ފެންވަރު ރަނގަޅު މުބާރާތްތައް ބާއްވާ ސަރަހައްދުތަކާއި އެ މުބާރާތްތަކުގެ ސްޓެޓިސްޓިކްސް (ތަފާސްހިސާބު) ވެސް ހޯދުން ވަރަށް މުހިންމު ކަމަށެވެ.
ޖުމްލަ ގޮތެއްގައި، އީސަ އާއި ސުޒޭންގެ ވިސްނުން މި ބިނާކޮށް، ޝުއޫރުފާޅުކުރީ، މުޅި ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ބިނާކުރަނިވި މަސައްކަތެއް ފަށާކަމުގައިވަނީ ނަމަ، މި ވަގުތު ތިބި ހިސާބެއް އަދި ހާސިލްވެފައި ހުރި ކަމެއް ދެނެގަތުމަކީ އެންމެ މުހިންމު ކަންތައް ކަަމަށެވެ.
ފުޓްބޯޅައިގެ ތަޖުރިބާކާރަކު، "އަދަދު ސްޕޯޓްސް" އަށް ބުނީ، ޒޯން ލީގުތަކުގެ މަސައްކަތް ފަށާއިރު، ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ މަސައްކަތްތަކެއް ކުރި ރަށްރަށުގައި މި ވަގުތު ހާލަތު އޮތްގޮތް ދެނެގަނެ، ފުޓްބޯޅަ ކުރިއެރުވޭނެ ރަށްތަކަށް ފޯކަސްކޮށްގެން، އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރުން ވެސް މުހިންމު ކަމަށެވެ.
"ރަނގަޅު ދަނޑުތަކެއް އެބަހުރި ރަށްރަށުގައި، މިސާލަކަށް އޭދަފުށީގައި އެ އޮތް ސްޓޭޑިއަމް، ގަމު ސްޓޭޑިއަމް، އައްޑޫ ސްޓޭޑިއަމް، ކުޅުދުއްފުށި ސްޓޭޑިއަމް ދެން، މިހެން ގޮސް ވަރަށް ގިނަ ދަނޑުތަކެއް އެބަހުރި، ދެން ބަލަންވީ، މި ތަންތަނަށް އިތުރު ތަރައްގީ ގެނެސް ރަނގަޅު ލެވަލެއްގައި ބޭނުންކުރެވޭނެ ސްޓޭންޑަޑަށް ގެނައުމަށް،" އޭނާ ބުންޏެވެ.
އެފްއޭއެމްގެ ރައީސް ކަމަށް އަހުމަދު ތޯރިގު (ޓޮމް) އިންތިހާބުވެ، އޭނާގެ ލީޑަޝިޕުން ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ވެސް މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުންތެރި ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އެ ގޮތުން، ހަތަރު ސަރަހައްދަށް ބަހާލައިގެން ބާއްވާ ޒޯން ލީގުގެ މަސައްކަތް މި އަހަރު ތެރޭ ފެށުމަށް ނިންމި ނިންމުމަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.
މީގެ ގޮންޖެހުން ބޮޑު ކަމަކީ، އެފްއޭއެމް އިން މިދިޔަ އަހަރުތަކުގައި އިއުލާނުކުރި ގިނަ މުބާރާތްތަކެއް ފުރިހަމަ ނުވެ ނިންމާލަން ޖެހި، ގިނަ ބަޔެއްގެ އިތުބާރު އެކަމުގައި ވެސް އެފްއޭއެމަށް ގެއްލިފައިވުމެވެ. އެ އަށް އިޝާރާތް ކުރައްވައި، ތޯރިގު ވިދާޅުވީ، އެފްއޭއެމް އިން އިސްކަމެއްގެ ގޮތުގައި، ކުރަން ޖެހޭ ކަމަކީ، ކަލަންޑަރު ކުރެވޭ މުބާރާތްތައް ފުރިހަމަ ކުރުން ކަމަށެވެ.
އެފްއޭއެމުން ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާ ގޮތް
- ނޯތު ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ)
- ސެންޓްރަލް ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)
- ސައުތު ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ)
- މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)











