ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައު ހިންގާ ކޮމެޓީން ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ޒޯން ލީގުތަކުގެ މަސައްކަތް މި އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
އާ ހިންގާ ކޮމެޓީ އިން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ ޖުމްލަ ހަ ކަމެއް ފެށުމަށް ނިންމައިފަ އެވެ.
އެ ގޮތުން، އެފްއޭއެމްގެ އަސާސީ ގަވައިދުގެ 86 ވަނަ މާއްދާގެ ނުވަ ނަމްބަރުގައި ބަޔާންކުރާ ރީޖަނަލް އެސޯސިއޭޝަން އުފެއްދުމުގެ މަގުސަދުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވައިލައިގެން އަތޮޅު، ޒޯން އަދި ރީޖަނަލް ފުޓުބޯޅަ މުބާރާތް/ލީގު، 2025/2026 ގެ އެފްއޭއެމް ކަލަންޑަރުގައި ހިމަނަން ވަނީ ނިންމާފަ އެވެ. އަދި މި ލީގު މި އަހަރުގެ ތެރޭގައި ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެފްއޭއެމުން ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާ ގޮތް
- ނޯތު ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ)
- ސެންޓްރަލް ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)
- ސައުތު ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ)
- މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)
މީގެ އިތުރުން އެފްއޭއެމް އިން ވަނީ މި އަހަރަކީ ރާއްޖޭގެ ފުޓުބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރޭ އަހަރުކަމުގައި ވުމުން އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމާފަ އެވެ.
އެގޮތުން އެފްއޭއެމްގެ އަސާސީ ގަވައިދުގެ ތެރެއިން އެކަމަށް ހާއްސަ ކޮމެޓީ "ޑައިމަންޑް ޖުބްލީ ކޮމެޓީ" ނަމުގައި އުފެއްދުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރު ފުޓްސަލް އަދި ބީޗް ސޮކާ އަށް "ފުޓްސަލް އެންޑް ބީޗް ސޮކާ ކޮމެޓީ" ގެ ނަމުގައި ކޮމެޓީ އެއް އުފައްދަން ވެސް ވަނީ ނިންމައިފަ އެވެ.
އެފްއޭއެމް އިން ވަނީ އަލަށް އެކުލަވާލި ދެ ކޮމެޓީ އަށް ނަންތައް ހުށަހެޅުމުގެ ފުރުސަތު އެފްއޭއެމްގެ މެންބަރު ހުރިހާ ކްލަބަކަށް ހުޅުވައިލާފަ އެވެ. އަދި ނަންތައް ހުށަހެޅުން 3 އޮގަސްޓް 2025 ގެ މެންދުރު 02:00 އާ ހަމަ އަށް ދިނުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން މިއަދު ބޭއްވުނު ބައްދަލުވުމުގައި ވަނީ އަލަށް އެކުލަވާލާ ސީޒަން ކަލަންޑަރާ މެދު މަޝްވަރާ ކުރުމަށް ނިންމާ، ކޮމެޓީތަކަށް މެމްބަރުން އަންޔަން ކުރެވުމުން ކަލަންޑަރާ ދޭތެރޭގައި ގޮތެއް ނިންމުމަށް ނިންމާފަ އެވެ.
މީގެ އިތުރުން މިއަދުގު ބައްދަލުވުމުގައި ވަނީ ގައުމީ ޓީމުގެ ބައިނަލްއަގްވާމީ މުބާރާތްތައް ކުރިއަަށް ހުރުމާއެކު ގައުމީ ޓީމުތަކުގެ ކޯޗުންނާ އޮފިޝަލުން ކަނޑައަޅާނެ ގޮތާމެދު މަޝްވަރާ ކުރެވި، އަލަށް އެކުލަވާލާ ކޮމެޓީތައް އެކުލަވާ ނިމުމުން ގައުމީ ޓީމުތަކަށް ކޯޗުން އައްޔަން ކުރަން ނިންމާފަ އެވެ.












