ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަހުމަދު ޒަރީރު ހަމަޖައްސަން، އެފްއޭއެމްގެ އާ ހިންގާ ކޮމިޓީން ނިންމައިފި އެވެ.
އެފްއޭއެމްގެ އާ ހިންގާ ކޮމީޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ޒަރީރު، އެކްޓިން ޖެނެރަލް ސެކްރެޓަރީ އަކަށް ހަމަޖައްސަން ނިންމިއިރު، އޭނާ ވަނީ މީގެ ކުރިން، 2016 ވަނަ އަހަރު، އެފްއޭއެމްގެ މިހާރުގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) އިންތިހާބުވިއިރު، ހިންގާ ކޮމިޓީގައި ހިމެނޭ މެމްބަރެކެވެ. އަދި، މީގެ އިތުރުން މިއަދުގެ ޖަލްސާގައި ޒަރީރު ވަނީ އެފްއޭއެމްގެ އިންޓަނޭޝަނަލް ރިލޭޝަން މެނޭޖަރު ކަމަށް ވެސް ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ، އެންމެ ކާމިޔާބު ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ބޯޑު މެމްބަރުކަން، 2012 އިން 2015 އަށް ކުރި ޒަރީރު އަކީ އެ މުއްދަތުގެ ތެރޭގައި އެ ކްލަބުން ހޯދި ކާމިޔާބީތަކުގައި ހިއްސާ ބޮޑު ފަރާތެކެވެ.
މި ސަރުކާރުން އުފެއްދި މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، ޒަރީރު އެ ޒިންމާތަކުން ވަކިވެ، ދެން މަސައްކަތްކުރާނީ ރާއްޖޭގެ ކުޅިވަރުގައި އެންމެ މަސްއޫލިއްޔަތު ބޮޑު އެއް ވަޒީފާ ކަމަށްވާ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ އެވެ. ޖެނެރަލް ސެކްރެޓަރީގެ ޒިންމާ އަކީ، ހިންގާ ކޮމިޓީގެ ވިސްނުންތަކާ އެއްގޮތަށް، އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ނަގަހައްޓައި، ދުވަހުން ދުވަހަށް އެސޯސިއޭޝަންގެ ކަންކަން ހިންގުމެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ކަމާ ހަވާލުވި ޒަރީރު ވަނީ މީގެ ކުރިން، ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަންގެ މަގާމުގައި ނުވަ ވަރަކަށް އަހަރު މަސައްކަތް ކޮށްފަ އެވެ. އަދި ކުރިން ވަތަނިއްޔާގައި ސީނިއާ އެގްޒެކްޓިވް ޑިޖިޓަލް މީޑިއާގެ މަގާމުގައި ވެސް މަސައްކަތްކުރި އެވެ.
އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ މުއްދަތުގައި ތިން ފަރާތަކުން ޖެނެރަލް ސެކްރެޓަރީގެ ޒިންމާ އަދާކުރި އެވެ. އެންމެ ފުރަަތަމަ ޖައުޝަން ޝަރީފް (ޖައު) އެ މަގާމުގެ ޒިންމާ އުފުލިއިއިރު، ފަހުން، ނާހިލް އަހުމަދު ސިއްދީގު، އެ މަގާމަށް އައްޔަންކުރި އެވެ. އެކަމަކު، މަގާމާ ހަވާލުވިތާ ތިން މަހެއްހާ ދުވަސް ފަހުން، ނާހިލް އިސްތިއުފާ ދިނުމުން، އޭގެ ފަހުން، ފެބްރުއަރީން ފެށިގެން އެކްޓިން ޖެނެރަލް ސެކްރެޓަރީ އަކަށް މަސައްކަތްކުރީ މުހައްމަދު ސުޖާއު އެވެ.











