ދުނިޔޭގެ ސްލެކްލައިނިން ޗެމްޕިއަން، ޖާން ރޫޒްގެ ހުނަރު ރާއްޖޭގައި ދައްކާލައިފި އެވެ.
ސިޔާމް ވޯލްޑާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ރެޑްބުލްގެ އެތުލީޓު ރޫޒް އޭނާގެ ހުނަރު ދައްކާލީ ޕެރަސެއިލަކާއި ބޯޓަކާ ދެމެދު އަޅާފައި އޮތް ސްލެކްލައިން މަތިން ހިނގައިގެންނެވެ.
ސްލެކްލައިން މަތިން ހިނގުމުގެ ޗެލެންޖު ރޫޒްއަށް ފުރިހަމަކުރެވުނީ ދެ ދުވަހުންނެވެ. މިގޮތުން ފުރަތަމަ ދުވަހު 16 ފަހަރު އެޓެމްޕްޓުކޮށްގެން ފެއިލްވިއިރު، އޭނާއަށް ޗެލެންޖު ފުރިހަމަ ކުރެވުނީ ދެވަނަ ދުވަހު މުޅި ޖުމްލަ 34 ވަނަ އެޓެމްޓުންނެވެ.
އެ ޗެލެންޖުގައި ރޫޒް ސްލެކްލައިން މަތިން ހިނގަން ޖެހުނީ ބެލެންސް ކުރުމާއި ވަޔާއި ރާޅުގެ އިތުރުން ސްޓެބިލިޓީއަށް ވެސް ބަލައިގެންނެވެ.

އެ ގޮތުން ރޫޒް ބުނީ ޗެލެންޖުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ލައިން މައްޗަށް އަރައި ބޯޓާއި ޕެރަސެއިލްގެ މޫވްމަންޓަށް ބެލުމަށް ފަހު ހިނގަން އެންމެ ރަނގަޅު ވަގުތު ދެނެގަތުން ކަމަށެވެ.
"އާންމުކޮށް ސްލެކްލައިން ހުންނަނީ ދެ ސްޓެޓިކް ޕޮއިންޓުގެ ދެމެދުގައި. އެކަމަކު، މި ފަހަރު ސްލެކްލައިން އަޅާފައި މިހުރީ އެކި ކޮޅަށް މޫވްކުރާ ދެ އޮބްޖެކްޓުގައި،" ރޫޒް ބުންޏެވެ.
މިއީ އުދުހެމުންދިޔަ އެއްޗަކާއި ދުއްވަމުންދިޔަ އެއްޗަކާ ދެމެދު އަޅާފައި އޮތް ސްލެކްލައިނެއް މަތިން ހިނގަން ރޫޒް ޗެލެންޖެއް ނަގައިގެން އެކަން ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.
ރޫޒް ވަނީ ދުނިޔޭގެ ސްލެކްލައިނިން ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ.













