ރުފިޔާ ޑެބިޓު ކާޑު ބޭނުން ކޮށްގެން ޓީމޫ އާއި ޝީން ފަދަ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ބޭންކް އޮފް މޯލްޑިވްސް އިން 30 ޕަސެންޓު ފީއެއް ނަގަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ގޮވާލެއްވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރަކަށް ހުންނަވާ ޝަމްހީދު އެމްޑީޕީގެ ޖަގަހަ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ ޑެބިޓު ކާޑު ބޭނުންކުރާ މީހުންގެ އަތުން ކުއްލިއަކަށް ނަގަން ފެށި 30 ޕަސެންޓު ފީ އަކީ ޓެކުހެއް ކަމަށެވެ.
"މިއީ ހަގީގަތުގައި ޓެކުހެއް. މިކަމެއް ބޭންކު އޮފް މޯލްޑިވްސްއަކަށް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
"މި ޓެކްސް ނެގުން ނެގުން ސަރުކާރުން ހުއްޓާލަން ޖެހޭ."
ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭނީ އެކަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކުރާ ބިލް ތަސްދީގުކޮށްގެންނެވެ. އެހެންވެ ބީއެމްއެލްގެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެ ނިންމުން ބަދަލު ނުކުރާނަމަ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ދެވެން އޮތް އެންމެ މައްޗަކަށް ދާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ. އިޝާރާތް އެ ކުރެއްވީ ކޯޓަށް މައްސަލަ ހުށަހެޅުން ކަމަށް ބެލެވެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ގައުމުން ރާއްޖެއަށް އެތެރެކުރާ މުދަލަށް އެއްވެސް ޓެކުހެއް ނުނެގޭނެ ކަމަށާއި، އެހެންވެ ބީއެމްއެލް މެދުވެރިކޮށް ފީއެއްގެ ގޮތުގައި ނުސީދާކޮށް ޓެކުހެއް ނުނެގޭނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ދިވެހިރައްޔިތުންގެ ބޭންކުގެ ނަމުގައި އިސްތިހާރުކުރާ ބީއެމްއެލްއިން މިފަދަ ފީއެއް ނެގުން ޝަމްހީދު ސިފަކުރެއްވީ ގާނޫނުއަސާސީގައި ބުނާ ތަފާތު ނުކުރުމާއި ހަމަހަމަކަން ވެސް ގެއްލިގެންދިޔަ ނިންމުމެއްގެ ގޮތުގަ އެވެ.
ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ ކޮންމެ ވިޔަފާރިއެއްގެ 30 ޕަސެންޓު ފީއެއް ޖުލައި 1 އިން ފެށިގެން ބީއެމްއެލްއަށް ނަގަން ނިންމުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
titledesc
ނަމާދު ވަގުތު
- ފަތިސް 04:40
- އިރުއަރާ 05:58
- މެންދުރު 12:14
- އަޞްރު 15:38
- މަޣްރިބް 18:23
- ޢިޝާ 19:41











