ދިވެހިރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.
އަންނަ މަހުގެ ފަހުކޮޅު އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރާ ދިމާކޮށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ އިކޮނޮމިކް ޒޯނެއްގެ އިތުރުން، ފްރީ މޫވްމަންޓް ޒޯނެއް ގާއިމުކުރުމަށް ވެސް ދެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ބަހެއް ނުބުނެ އޮތުމަށްފަހު މިރޭ ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމް ކުރަން ސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އެއީ މިހާތަނަށް ހިޔާލު ކުރެވި ނުވަތަ މަޝްވަރާ ކުރެވިފައިވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެ ޒޯނު ގާއިމުކުރުމަށް އެގްރިމެންޓާ ހަމައަށް ވާސިލްވެވިއްޖެ ނަމަ ވިސާއަކާއި ނުލައި މަސައްކަތް ކުރުމުގެ ހައްގާއި ވިޔަފާރި ކުރުމުގެ ހައްގާއި ޕްރޮޕަޓީ ގަތުމުގެ ހައްގު ލިބޭނެ އެވެ.
އެ އެއްބަސްވުމުގެ ބާރު، ކަސްޓަމްސް އާއި ތައުލީމާއި ސިއްހީ ދާއިރާ އާއި ބޭންކިންގެ ދާއިރާއަށް ވެސް ހިނގާނެ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެ ދެ އެއްބަސްވުން ގާއިމް ކުރުމަށްޓަކައި ދެ ގައުމުގެ އޮފިޝަލުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ލަންކާ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ލިބޭނެ ހައްގުތައް:
- އެގްރިމެންޓުގެ ދަށުން ވިސާއެއް ބޭނުމެއް ނުވާނެ. އަދި ވިޔަފާރި ކުރުމުގެ ހައްގު ލިބިގެންދާނެ.
- ޕްރޮޕަޓީ ގަތުމާއި ކުއްޔަށް ދިނުމާއި ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމުގެ ހައްގު ލިބޭނެ
- ސްޓޭޓް ތައުލީމާއި ސިއްހީ ހިދުމަތްތަކާއި އެހެނިހެން ޕަބްލިކް ހިދުމަތްތައް ލިބޭނެ
- ޑަބަލް ޓެކްސޭޝަން އުވި، ޓެކްސްތައް އެލައިން ކުރެވޭނެ
- ދަރިވަރުންނާއި އެކެޑެމިކް މީހުންނާއި ރިސާޗް ދަރިވަރުންނަށް ވިސާއަކާ ނުލައި ދަތުރު ކުރުމުގެ ހައްގު ލިބޭނެ











