ނޫސްވެރިޔާ ކުރި މުހިންމު ސުވާލާއި އިކޮނޮމިކް މިނިސްޓަރު ދެއްވި ދޯހަޅި ޖަވާބު

އިންޑިއާގެ ވިއޯން އަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޑާވޯސްގައި އިންޓަވިއު ދެއްވަނީ.

އިންޑިއާގެ ވިއޯން އަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޑާވޯސްގައި އިންޓަވިއު ދެއްވަނީ.

ޑާވޯސްގައި ބޭއްވުނު ދުނިޔޭގެ އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ނޫސްވެރިއަކު ރާއްޖޭގެ އިގްތިސާދީ ވަޒީރާ ވަރަށް މުހިންމު ސުވާލެއް ކުރިމަތިކުރި އެވެ. އެ ސުވާލުގެ މައިގަނޑު ބިނާވެފައި އޮތީ، ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ އިންޑިއާއާ ކައިރީގައި ރާއްޖެ އޮތްއިރު، ރާއްޖެއަކީ އިންވެސްޓް ކުރަން އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ދެކެނީ ކީއްވެތޯ އެވެ. މިއީ އާދައިގެ ސުވާލެއް ނޫނެވެ. މިއީ ރާއްޖޭގެ މަގާމާއި، ސަރަހައްދީ އުސޫލުތަކާއި، އަދި އަމިއްލަ އިގުތިސާދާމެދު ގައުމުން ދެކޭގޮތާ ބެހޭގޮތުން ކުރެވުނު ސުވާލެކެވެ. ހަމައެއާއެކު މިއީ އެ ފޯރަމުގައި ބައިވެރިވި އެތައް ގައުމަކަށް ރާއްޖޭގައި އިންވެސްޓުކުރަންވީ ސަބަބުތައް އޮޅުންފިލުވައި ދިނުމަށް ދެވުނު ދައުވަތެކެވެ.

މި ސުވާލަށް ވަޒީރު ދެއްވާ ޖަވާބަކީ ގައުމުގެ ވިސްނުން ތަމްސީލުކުރާ، އަދި އީޖާދީ ޖަވާބަކަށް ވާންޖެހެ އެވެ. ދިވެހި ދައުލަތުގެ ހަރަދުގައި މިނިސްޓަރު އެ ހުންނެވީ ދުނިޔޭގެ އިގުތިސާދު ތަމްސީލުކުރާ ގައުމުތަކުގެ ކުރިމަތީގަ އެވެ. އެތަނަށް ވަޑައިގަތީ 'ކޯލްޑް ފީލް ކުރައްވައި ސްނޯ މައުންޓަންސް އެންޖޯއީ ކުރައްވަން' ނޫންކަން ގައިމެވެ. އެ ގައުމުތަކުގެ ކުރިމަތީގައި ރާއްޖެ ތަމްސީލު ކުރައްވާށެވެ. އެހެންނަމަވެސް ނޫސްވެރިއާ ކުރި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބުން ފެނުނީ ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތައް އިޝްތިހާރުކުރުމަށް މި ލިބިވަޑައިގަތް ރަނުގެ ފުރުސަތު މިނިސްޓަރު ނަންގަވާލެއްވި މަންޒަރެވެ.

ވިދާޅުވި އެވެ. 'ސަންޝައިން، ވައިޓް ސޭންޑީ ބީޗެސް، ބިއުޓިފުލް ލެގޫން. އެންޑް ޔޫ މެންޝަން ވީ އާ އިން ޑާވޯސް، ސީ، ފީލް ކޯލްޑް، ސްނޯ މައުންޓަންސް، އެންޑް ޔޫ އާ އިން ދަ މިޑްލް އޮފް ޔޫރޮޕް. ސޯ މޯލްޑިވްސް އިޒް ލައިކް، ޔޫނޯ، ލައިކް އަ ސޮލިއުޝަން ފޮ ވެން ވަރލްޑް ގޯޒް އިންޓު ސްޓްރެސް. ވެން ވީ ޓޯކް އެބައުޓް ބިގް ސަބްޖެކްޓްސް އެންޑް ޔޫ އާ ކޯލްޑް ހިއަރ، އިޓްސް އޭން އެކްޗުއަލް ސޮލިއުޝަން'

ސައީދު ދެއްކެވި މި ވާހަކައިގެ ތަރުޖަމާއަކީ މިއެވެ؛ ""އިރުގެ އަލިކަމާއި، ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި، ރީތި ފަޅުތައް. އަދި ތިޔަ ފާހަގަކުރީ އަހަރެމެން މިތިބީ ޑާވޯސްގައި ކަން—ފިނި އިހުސާސްވޭ، ސުނޯއިން ފުރިފައިވާ ފަރުބަދަތައް، އަދި ތިޔަ ހުރީ ޔޫރަޕްގެ މެދުގައި. އެހެންކަމުން، ދުނިޔެ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ދާއިރު، ދިވެހިރާއްޖަަކީ އޭގެ ހައްލެއް ކަހަލަ ތަނެއް. އަހަރެމެން ބޮޑެތި މައުޟޫއުތަކަށް ވާހަކަދައްކާއިރު، އަދި މިތަނުގެ ފިނިގަދަކަން އިހުސާސްވާއިރު، ރާއްޖެއަކީ ހަގީގީ ހައްލެއް."

މި ޖަވާބު ދެއްވުމުން ނޫސްވެރިޔާ ވެސް އިތުރު ސުވާލެއް ނުކޮށް އެތަނުން ބެޗީ އެވެ.

ވަޒީރުގެ ޖަވާބު ހަގީގަތުގައި އަމާޒުވީ މުޅިން ތަފާތު ދިމާލަކަށެވެ. އެމަނިކުފާނު ވާހަކަދެއްކެވީ ނުވަތަ ދައްކަވަން އުޅުއްވިހެން ހީވަނީ ރާއްޖެއަށް ދޭ ރީތި އަތްވާއި ހުދު ދޮންވެލި ގޮޑުދޮށްތަކާއި، ނޫވިލުތަކާއި، ވިލާތުގެ ފިނި ފަރުބަދަތަކާ ދެމެދު ހުރި ތަފާތުތަކުގެ މައްޗަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، ދުނިޔެއަށް ނުތަނަވަސްކަން ކުރިމަތިވާއިރު ރާއްޖެއަކީ ނަފްސާނީ ގޮތުން ލިބޭ ހިތްހަމަޖެހުމެކެވެ.

ވަޒީރު ދެއްވި ޖަވާބަކީ އެއްކޮށް ކަނޑައި ގުނަކޮށް ގެއްލައި، ޖުމުލަ މާނަ ހަމަޖައްސާލުމުން މުޅިއަކުން ގޯސް ވާހަކައެއް ނޫނެވެ. ރާއްޖޭގައި ރީތި އަވިންނާއި، ގޮނޑުދޮށްތަކާއި، ވިލުތަކުން ލިބޭ ހިތްހަމަޖެހުމަކީ ތަފާތު ކަމެކެވެ. ނަމަވެސް، ކޮންމެ ވާހަކައެއް ވެސް ދައްކަން ވަގުތާއި ހާލަތެއް އޮންނާނެ އެވެ. އިންވެސްޓަރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ކުންފުނިތަކުގެ ވެރިން ރައުސްމާލު ބޭނުންކުރާނެ ގޮތާއި ދިގު މުއްދަތުގެ އިގްތިސާދީ ރޭވުންތަކާ ބެހޭގޮތުން މަޝްވަރާކުރާ ޑާވޯސް ފަދަ ތަނެއްގައި، މި ޖަވާބަކީ އެ ތަނާ ނުގުޅޭ ޖަވާބެކެވެ. ކުރި ސުވާލާ ވެސް ގުޅުމެއް ނެތް ޖަވާބެކެވެ. އެކަހަލަ ޖަވާބެއް ދޭނޭ ނަމަ އެތަނަށް ފޮނުވާނީ ފަތުރުވެރިކަމާބެހޭ ވަޒީރެއް ނޫންތޯ އެވެ.

އަސްލު މައްސަލައަކީ ބުނި ބަހެއް ވެސް ނޫނެވެ. ނަމަވެސް ނުބުނެ ދޫކޮށްލި ވާހަކަތަކެވެ. ކުރެވުނު ސުވާލަކީ ރާއްޖެ އޮތް ސަރަހައްދާއި، އިންޑިއާއާ އޮތް ކައިރިމިނާއި، އަދި ސަރަހައްދީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިންވެސްޓްމަންޓް މުސްތަގުބަލަށް ކުރާނެ އަސަރާ ބެހޭގޮތުން ބަހުސްކުރުމަށް ދެވުނު ފުރުސަތެކެވެ. އެހެންނަމަވެސް، ޖަވާބުގައި ރާއްޖެ ސިފަކުރެވުނީ ހަމައެކަނި އަރާމުކޮށްލަންދާ މަންޒިލެއްގެ ގޮތުގަ އެވެ. މިގޮތަށް ވާހަކަދެއްކުމުން، އިގްތިސާދީ ބާރެއްގެ ބަދަލުގައި ރާއްޖޭގެ ދަރަޖަ "ކޮންސިއުމާ އެކްސްޕީރިއަންސް" ނުވަތަ ހަމައެކަނި ހިދުމަތް ހޯދާ ތަނެއްގެ ދަރަޖައަށް ތިރިވެގެން ދެ އެވެ. އިންވެސްޓަރުންނަށް މި ތަފާތަކީ ވަރަށް މުހިންމު ކަމެކެވެ.

ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި ބޭނުންކުރާ ބަސްމަގަކީ ފަތުރުވެރިކަމުގެ މައުރަޒުތަކަށް ރަނގަޅު އެއްޗަކަށް ވިޔަސް، އިންވެސްޓްމަންޓް ފޯރަމްތަކުގައި އެއީ މާބޮޑު ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. ރާއްޖޭގެ ރީތިކަން އިންވެސްޓަރުންނަށް މިހާރުވެސް އެނގެ އެވެ. އެމީހުން ބޭނުންވަނީ ސަރަހައްދީ އިގްތިސާދީ ނިޒާމުގެ ތެރޭގައި ރާއްޖެ ހިމެނޭ ގޮތާއި، ނުރައްކާތައް މެނޭޖްކުރާ ގޮތާއި، ރާއްޖޭގައި ގާއިމުވެފައި ހުރި ގާނޫނީ އޮނިގަނޑުތަކާއި، އަދި ރިސޯޓުތަކުން ބޭރުގައި އޮތް ތަސައްވުރަކީ ކޮބައިކަން ދެނެގަތުމަށެވެ. ހަމައެކަނި ޖަޒުބާތީ ވާހަކަތަކަކަށް ސަމާލުކަން ދިނުމުން، ރާއްޖޭގެ އިގްތިސާދަކީ ހަމައެކަނި ފަތުރުވެރިކަން ކަމަށް ދެކޭދެކުމަށް އިތުރު ބާރެއް ލިބިގެންދެ އެވެ.

އިންޑިއާއާ ބެހޭގޮތުން ކުރެވުނު އިޝާރާތުގެ ސަބަބުން، ގެއްލިގެން ދިޔަ ފުރުސަތު ވަކިން ބޮޑަށް ސާފުވެގެންދެ އެވެ. އިންޑިއާއާ ކައިރިވުމަކީ ހަމައެކަނި ޖިއޮގްރަފިކަލް ހަގީގަތެއް ނޫނެވެ. އެއީ އިގްތިސާދީ އިސްތިރާޖީގައި ވެސް ލިބިފައިވާ ބޮޑު ކުރިއެރުމެކެވެ. އިންޑިއާއަކީ އުފެއްދުންތެރިކަމުގެ މަރުކަޒެކެވެ. ޓެކްނޮލޮޖީގެ ބާރެކެވެ. އަދި އިންވެސްޓްމަންޓާއި ހުނަރުވެރިކަމުގެ ވެސް ބޮޑު ވަސީލަތެކެވެ. މިފަދަ ބޮޑު އިގްތިސާދެއްގެ ކައިރީގައި، މުހިންމު ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގައި އޮތް ކުޑަ ޖަޒީރާ ގައުމަކަށް، ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ނުވަތަ ކަނޑުގެ ވަސީލަތްތަކުގެ މަރުކަޒެއްގެ ގޮތުގައި އަމިއްލަ ނަފްސު އިޝްތިހާރު ކުރެވުނީހެވެ. ރާއްޖޭގައި އިންވެސްޓުކޮށްގެން ރާއްޖޭގައި ތިބި ނަމަވެސް، އިންޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށް އެކްސެސް އޮންނާނެކަމަށް ވެސް ދެއްކުނީހެވެ. ނަމަވެސް މިފަދަ އެއްވެސް ކަމެއް ފާހަގައެއް ނުކުރެ އެވެ.

އޭގެ ބަދަލުގައި، މިނިސްޓަރުގެ ޖަވާބުގައި އިންޑިއާއާ ބެހޭ ގޮތުން ދެއްކެވީ މުޅިން އެހެން ވާހަކަ އެކެވެ. މިގޮތަށް އެކަން ދޫކޮށްލުމަކީ، އެކަމާ މެދު ވާހަކަދައްކަން އުނދަގޫވުން ނުވަތަ އެގޮތަށް ވިސްނުން ތަރައްގީވެފައި ނެތުން ކަމަށް އެ ނޫސްވެރިޔާއާއި އޭނާ ގެނެސްދޭ ޕްރޮގްރާމް ބަލާ އެންމެން ދެކޭނެ އެވެ. ކުދި ގައުމުތަކުން އެ ގައުމުތައް އޮންނަ ސަރަހައްދާއި ބައިވެރިންގެ ބޭނުން ހިފަންޖެހޭ ވަގުތެއްގައި، މިފަދަ ކަންކަމުގައި ހަނު ތިބުމަކީ ރޭވުންތެރިކަމެއް ނެތްކަމުގެ ނިޝާނެއްގެ ގޮތުގައި މާނަކުރެވިދާނެ އެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް އަމިއްލަ ނަފްސު ހުށަހަޅަނީ ވަރަށް ހަނި ދާއިރާއަކުންނެވެ. އެއީ ސުވަރުގެއެއް ފަދަ، މަޖާކޮށްލަންދާ، އަގުބޮޑު މަންޒިލެއްގެ ގޮތުގަ އެވެ. މި ސިފަކުރުމުގެ ސަބަބުން ފަތުރުވެރިކަމުން ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، ދުނިޔެ ރާއްޖެއާ ދޭތެރޭ ދެކޭގޮތް ވަނީ ވަކި ދާއިރާއަކަށް ހަނިވެފަ އެވެ. މިކަހަލަ ކޮންމެ ފޯރަމެއްގައި ވެސް އެ ފޯރަމްގެ މަގުސަދަށް ނުބަލައި، ހަމަ އެއް ވާހަކަތަކެއް ތަކުރާރުކުރާނަމަ، ގައުމުގެ އިގްތިސާދީ ދައުރު އެންމެ ދާއިރާއަކަށް ބަންދުވުމުގެ ބިރު އެބައޮތެވެ.

މި ފުރުސަތުގައި، ފަތުރުވެރިކަމުގެ ކުރިއެރުމާއެކު މުޅި އިގްތިސާދީ ތަސައްވުރު ހިމެނޭ ފަދަ ވަރުގަދަ ޖަވާބެއް ދެވުނީހެވެ. މިސާލަކަށް، ފަތުރުވެރިކަމުގެ ސަބަބުން ގާއިމުވެފައިވާ އުމުރާނީ ވަސީލަތްތަކާއި، ގާނޫނީ ތަޖުރިބާ އާއި، ދުނިޔޭގެ އިތުބާރަކީ އިގުތިސާދު ސިންދަފާތު ކުރުމުގެ ބިންގާ ކަމަށް ވަޒީރަށް ވިދާޅުވެވުނީހެވެ. އިންޑިއާއާ އޮތް ގާތްކަމަކީ ވާދަވެރިކަމެއްގެ ބަދަލުގައި ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެއްވުނީހެވެ. އިއާދަކުރަނިވި ހަކަތަ، ކަނޑުގެ ހިދުމަތްތައް، ނުވަތަ މޫސުމީ ބަދަލުތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ވާހަކަދެއްކެވުނީހެވެ.

އެފަދަ ޖަވާބެއްގެ ސަބަބުން ރާއްޖޭގެ އަސްލު އައިޑެންޓިޓީއަކަށް ބަދަލެއް ނާންނާނެ އެވެ. އޭގެ ބަދަލުގައި އެ އައިޑެންޓިޓީ އިތުރަށް ފުޅާވެގެންދާނެ އެވެ. ކުދި ޖަޒީރާ ގައުމުތަކުން ބޮޑެތި އިގްތިސާދުތައް ކޮޕީކުރާނެ ކަމަކަށް އިންވެސްޓަރުން އުއްމީދެއް ނުކުރެއެވެ. އެމީހުން ބޭނުންވަނީ ސާފު މުސްތަގުބަލެއްގެ ތަސައްވުރާއި ހަމަޖެހުމެވެ.

ޑާވޯސްގެ ފޯރަމުގެ ހަވާސާއިން މި ފެނުނު މަންޒަރަކީ ހަމައެކަނި އިންޓަވިއުއަކަށްވުރެ ބޮޑު ކަމެކެވެ. މިއިން ހާމަވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ބާރާއި މަގްސަދު ހާމަކުރުމުގައި ތަކުރާރުވަމުންދާ ގޮންޖެހުމެވެ. ރީތިކަމަކީ ވަސީލަތެކެވެ. ނަމަވެސް އެއީ އިސްތިރާތީޖީ ރޭވުމެއް ނޫނެވެ. އިންވެސްޓްމަންޓް ފޯރަމްތަކުގައި ބޭނުންވަނީ ޅެންވެރި ބަހުރުވައެއް ނޫނެވެ. އިގުތިސާދީ ފުރުސަތުތައް ހޯދުމަކީ ފިލިކޯޅި ހަމަނޫން ޅެމަކުން ލިބިގަނެވޭނޭ ފަރުވާއެއް ނޫނެވެ.

ކުރިމަތިކުރެވުނު ސުވާލަކީ ވާދަވެރި ދުނިޔެއެއްގައި ކުޑަ ގައުމަކުން އޭގެ މުސްތަގުބަލާމެދު ވިސްނާގޮތް ބަޔާންކޮށްދިނުމަށް ދެވުނު ދައުވަތެކެވެ. ނަމަވެސް އު ސުވާލަށް ޖަވާބުދީ، ރާއްޖެ މާކެޓުކުރުމަށް އޮތް ފުރުސަތު ގެއްލުވާލީ އެވެ. އެ ނޫސްވެރިޔާ ކުރި ސުވާލަކީ އަދި އެ ޒާތުގެ ސުވާލުތަކަކީ އަބަދުވެސް ތަކުރާރުވާ ސުވާލުތަކަކަށްވާއިރު، އެ ސުވާލުތަކަށް ދޭނޭ ޖަވާބުތައް ދުރާލާ ތައްޔާރުކޮށްފައި ބެހެއްޓުމަކީ ކުރެވިދާނޭ ކަމެކެވެ. ދަންނަ ކުއްޖަކު އިނގިރޭސި ބަހުން، ތާނަ އަކުރުން އެ ސުވާލުތަކާއި ޖަވާބުތައް ލިޔެދިނީމާ ހިތުދަސްކޮށްލައިގެން އެ ޖަވާބު ތަކުރާރު ކުރާނީ އެވެ. އެހެން ހެދިއްޖެނަމަ މިކަހަލަ ކިތަންމެ ލަދަކުން ސަލާމަތްވެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox