މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފި ނަމަ ޖަލަށް ލުމުގެ އަދަބު ވެސް ދެވޭނެކަން ބަޔާންކުރާ ގަރާރެއްގައި އެ އޮތޯރިޓީގެ ހުރިހާ މުވައްޒަފުން ލައްވައި ސޮއިކުރުވަން ފަށައިފި އެވެ.
މި ގަރާރުގެ ބައެއް ސަފުހާތައް އަދަދު އަށް ފެނިފައިވާއިރު، އޭގައި ބުނަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން އެމްއެމްއޭގެ ގަވާއިދުތަކާއި މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ކޮޑް ކޮންޑަކްޓުގެ ދަށުން އެމްއެމްއޭއިން ލިބޭ ނުވަތަ އެނގޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓަން ލާޒިމު ކަމަށެވެ.
"އަދި، އޮތޯރިޓީގައި އަހުރެން އަދާކުރާ ވަޒީފާ އަދާކުރުމުގައި އެނގޭ ނުވަތަ ލިބޭ އެންމެހާ މައުލޫމާތުގެ ސިއްރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981 އާއި އެ ގާނޫނުގެ ދަށުން، ހަދާ ގަވާއިދުތަކާއި، މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކޯޑް އޮފް ކޮންޑަކްޓް، އަދި އޮތޯރިޓީ އާއި އަހުރެންނާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް، ހިފާހައްޓާނެ ކަމުގެ ޔަގީންކަންދެމެވެ،" ގަރާރުގައި ބަޔާންކޮށްފައި ވެ އެވެ.
ސިއްރު މައުލޫމާތުގެ މާނަ ވަރަށް ފުޅާކޮށް އެމްއެމްއޭގެ ގަރާރުގައި ބަޔާންކޮށްފައިވާއިރު، ގާނޫނުގައި ބުނާ ގޮތަކަށް މެނުވީ ހާމަކުރުމަކީ ކުށެއްކަން އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ލިޔެފައިވެ އެވެ. ޖެހިގެން އޮތް ޖުމްލައިގައި ބަޔާންކޮށްފައި ހުރީ ލިބޭ އަދަބުތަކެވެ.
titledesc

އެމްއެމްއޭގެ ސިއްރުތައް ހާމަކުރުމުގެ ލިބޭ އަދަބުތަކުގެ ތެރޭގައި ޖަލަށް ލުމާއި އަރުވާ ލުމާއި ގޭގައި ބަންދު ކުރުމާއި ޖޫރިމަނާ ކުރުން ހިމެނެ އެވެ. ގާނޫނުގައި އޮންނަ ގޮތުން އެންމެ ދިގު މުއްދަތަކަށް ވެސް ޖަލަށް ލެވޭނީ ދެ އަަހަރަށެވެ.
އެމްއެމްއޭގެ އެއްވެސް މައުލޫމާތެއް ހާމަނުކުރަން، ހަރުކަށި ގަރާރެއްގައި މުވައްޒަފުން ސޮއިކުރަން މަޖުބޫރުކުރުވަމުންދާއިރު، މީގެ ކުރިން ބައެއް މައުލޫމާތު ލީކު ވެގެން ފުލުހުން ގެންގޮސްގެން ވެސް ތަހުގީގުތައް ކޮށްފައި ވެ އެވެ. އަދި އެމްއެމްއޭއިން މައުލޫމާތު ބޭރުވާ މައްސަލައިގައި ގަވަރުނަރު އަހުމަދު މުނައްވަރު ނުރުހުންވެވަޑައިގެން، އެކަން ހިނގާ ގޮތެއް ހޯދަން އެތެރޭގެ ތަހުގީގުތައް ވެސް ހިންގާފައި ވެ އެވެ.
ކުރިން އާންމުކޮށް ހަބަރުތަކަށް ނާރާ އެމްއެމްއޭގެ މިފަހުން ހަބަރުތަކަށް އެރި ސަބަބުތަކުގެ ތެރޭގައި ހުޅުމާލޭން ބިމެއް ގަންނަން އުޅުމާއި، އެ ނިންމުމާ ގުޅިގެން ބޯޑު މެންބަރުންތަކަކާއި ކުރީގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އިސްތިއުފާ ދެއްވުމުގެ އިތުރުން ބޭރުގެ އަޑި ނޭނގޭ ކުންފުންޏެއް ކަމުގައިވާ އެމްބީއެސް ކިޔާ ކުންފުންޏަކާ އެކީ ފައިނޭންޝަލް ސެންޓަރެއްގެ މަސައްކަތް ފެށުން ހިމެނެ އެވެ.
އޭގެ އިތުރުން، އެ ކުންފުނީގެ ބޯޑުން އިދުހާމް ރަޝީދު ވަކިކުރި މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އޭނާއަކީ އެ ބޯޑުގައި ހުންނަތާ އެންމެ ގިނަ ދުވަސްވީ މެންބަރެވެ. އޭނާ ބޯޑުން ވަކިކުރީ ބޯޑުގައި ހުންނަވާތާ އަށް އަހަރު ފަހުންނެވެ.














