އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ އެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަލާމުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓުގައި ވަކި ގައުމެއްގެ ނަން ގެނެސްފައި ނެތެވެ. ނަމަވެސް އަވަށްޓެރި އިންޑިއާ އާއި ސްރީ ލަންކާގެ ބައެއް އަވަށްތަކުގައި ވަރަށް ހަލުއި ކަމާއެކު ޗިކުންގުންޔާ ދަނީ ފެތުރެމުންނެވެ.
މި ބޮޑު އީދުގެ ބަންދާ ދިމާކޮށް ބޭރު ގައުމުތަކަށް ހާއްސަކޮށް، އިންޑިއާ އާއި ސްރީ ލަންކާ އަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާނެ ކަމަށް ބެލެވެ އެވެ.
އެހެންވެ ޗިކުންގުންޔާއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައިވެ އެވެ.
titledesc

ޗިކުންގުންޔާ ފެތުރެނީ ދެ ވައްތަރެއްގެ މަދިރިންނެވެ. އެއީ ޑެންގޫ ފަތުރާ އީޑީސް މަދިރި އާއި އޭޝިއަން ޓައިގަ މަދިރިން އެވެ. މަދިރިއަށް މި ބަލި ޖެހެނީ ޗިކަންގުންޔާ ހުރި މީހެއްގެ ގައިން ލޭ ބުއިމުންނެވެ.
ބަލި ޖެހުމުން ގަދައަށް ހުން އައިސް، ހުޅުތަކުގައި ރިއްސައި ބައެއް ފަހަރު ހުޅުތައް ދުޅަވެ، ބަލީގެ ވޭން ވަރަށް ގަދަވެ އެވެ. ބައެއް މީހުން އެ އުނދަގޫތައް ގިނަ ދުވަސްތަކަކަށް ތަހައްމަލުކުރަން ޖެހެ އެވެ.












