މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން އިސްނަގަައިގެން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާ މިރޭ ވެސް ފަށައިފި އެވެ.
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރީ "ދުލެއް ނުކުރާނަން" ނަމުގައި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން ސިލްސިލާކޮށް އިހުތިޖާޖުކުރާތާ މިއީ ފަސް ވަނަ ރެ އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާ ކުރާ ޒުވާނުން ބުނެފައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ކޮޅެއްގައި ޖެހެންދެން އެ ހުއްޓާނުލައި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފަ އެވެ. އޭގެތެރޭގައި ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވައިލުން ހިމެނެ އެވެ.
ޒުވާނުން ކުރި ޑިމާންޑުތަކުގެ ތެރެއިން މިހައިތަނަށް ފުއްދާފައި ވަނީ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު އިސްތިއުފާ ދިނުމާއި ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.

އެ ޑިމާންޑުތަކަކީ؛
- ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
- މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
- ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
- ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
- ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
- ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
- ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން (ފުދިފައި)
- ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
- ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން
ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޒުވާނުން މުޒާހަރާ ކުރަން ފެށި ފަހުން، ހާދިސާ ހިނގިތާ ހަ ދުވަސް ވެސް ފާއިތުވި ފަހުންނެވެ.












