ބަކަރި އުޅޭ ތަނެއް ވާނީ ބަކަރިކޮށްޓަކަށެވެ.

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ދުވަހުގެ ހެނދުނާއެކު ލިބުނު ނޫސް ހިފާލައިގެން ވަރަށް ހަމަޖެހިލައިގެން ބައްޕައަކު އިނެވެ. އޭނާގެ ކުޑަ ދަރި އައިސްގެން ހަމަ އުނދަގޫ ކުރަނީއެވެ. އެއްގޮތަކަށް ވެސް ކައިރިން ދުރަށް ދާކަށް ނޫޅުނެވެ. ބޮލަށް ދަމާލަފާނެއެވެ. ތުނބުޅީގައި ހިފާފާނެއެވެ. މި ތުއްތު ކުއްޖާ މައިތިރި ކުރާނެ ރަނގަޅު ވަޑާމެއް ބައްޕައަށް ވިސްނުނީ ނޫހުގެ މެދުތެރެއިން ދެފަރާތަށްވާ ގޮތަށް ޕްރިންޓްކޮށްފައި އޮތް ދުނިޔޭގެ ޗާޓެއް ފެނުމުންނެވެ. އެބޮޑު ޗާޓު ހިމެނޭ ސަފުހާ ނަގާފައި، ކަތުރަކުން އެކި ޒާތްޒާތަށް ޗާޓު ބުރިބުރިކޮށްލިއެވެ. އަދި އެޔަށްފަހު ދަރިފުޅު އަތަށް ދިނެވެ. މިއީ ކުޅިވަރެއްކަމަށާއި ޗާޓު އަލުން ރާވައިގެން އައުމަށް ބުންޏެވެ. ހަލާކުވެފައިވާ ދުނިޔޭގެ ޗާޓު ރޭވުމުގެ ބުރަ މަސައްކަތް ދަރިފުޅަށް ޖެއްސީމާ ބައްޕަ ހީކުރީ ދެން މިއަދު ސަލާމަތްވީ ކަމަށެވެ.

ފަނަރަވަރަކަށް މިނިޓްގެ ތެރޭގައި ދަރިފުޅު ފަސޭހަކަމާއެކު ދުނިޔޭގެ ޗާޓު ރާވައިގެން އައިމާ ބައްޕަ ސުވާލުކުރިއެވެ. ތިޔަހާ އަވަހަށް ތިކަން ކުރީ ކިހިނެއްހެއްޔެވެ؟ ތިހާ ރަނގަޅަށް ޖޯގްރަފީ ދަރިފުޅަށް ދަސްކޮށްދިނީ ކާކު ހެއްޔެވެ؟ ކުއްޖާ ބުންޏެވެ. ޖޯގްރަފީ އެނގެނީކީ ނޫނެވެ. އެ ސަފުހާ ބައްޕަ ކަތުރުން ކަފަން އިންއިރު އޭގެ އަނެއް ފުށުގައި މުޅި ގަނޑަށްވާ ގޮތަށް އިންސާނެއްގެ ފޮޓޯ ހުރިތަން ފެނުނީއެވެ. އެހެންވީމާ ޗާޓު ރާވަންދިނީމާ އަހަރެން ރޭވީ އަނެއް ފުށެވެ. އިންސާނާ ރޭވީއެވެ. އެއަށްފަހު ފުށުންޖެހީމާ ދެން އޮތީ ހަލާކުކޮށްފައި ބައްޕަ ދިން ދުނިޔެ މުޅިން އިސްލާހުވެ ނިމިފައެވެ.

ދުނިޔެ ފަސާދަވެފައިވާކަމަށް ގަބޫލުކުރާނަމަ ޝައްކެތް ނެތެވެ. އެއީ އިންސާނުން ފަސާދަވެފައިވާ ކަމުގެ ރިފްލެކްޝަނެއް ފިޔަވައި އިތުރު އެހެން އެއްޗެއް ނޫނެވެ. ގައުމެއް ފަސާދަވެފައިވާކަމަށް ގަބޫލުކުރާނަމަ އެ ގައުމެއް ރަނގަޅުކުރަން އެދޭނަމަ، އެގައުމުގައި ދިރިއުޅޭ އިންސާނުން ބިނާކުރުން ފިޔަވައި އިތުރު ގޮތެއް ނޯންނާނެއެވެ.

ރައްޔިތުންގެ މަޖިލީސް ރައްޔިތުންގެ މަޖިލީހަކަށްވަނީ އެ އިދާރާގެ ގެކޮޅު ބޮޑުކޮށް އުސްކޮށް އިމާރާތްކޮށްފައި ރީތި ބިލްޑިންގެއް ހުރީމައެއް ނޫނެވެ. އެތަން ރައްޔިތުންގެ މަޖިލީހަކަށްވަނީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް މަޝްވަރާކުރަން އެނގޭނެ އަދި އެފަދަ ތައުލީމާއި ވިސްނުމުގެ ގާބިލުކަންހުރި އަދި އަމިއްލަ ސިކުނޑި ސިޔާސީ ލީޑަރުންގެ ތައްޕާހުން ސަލާމަތްކޮށް ބަސްބުނުމުގެ ކެރިފޯރުންތެރިކަން ހުރި ބަޔަކު އެތަނުގައި ތިބީމައެވެ. ހަމަ ކޮންމެ މިނިވަން މުއައްސަސާއަކާއި ކޮންމެ އޮފީހަކަށް ވެސް އޮތީ މިވާހަކަ މިހެންނެވެ.

ކިތަންމެ ރީތި އިމާރާތެއް ވެސް އެތަނުގެ ބޭރުގައި އޮންނަ ނަންބޯޑުގައި އޮންނަ ނަން އެއިމާރާތުގެ ހަގީގަތްކަމުގައި ހަދަނީ، އެތަނެއްގެ މަސްއޫލިއްޔަތު އަދާކުރަން ތިބޭ އިންސާނުންނެވެ. އެއިން އެއްވެސް އޮފީހެއްގައި ދިރިއުޅެމުންދަނީ ބަކަރިތަކެއް ނަމަ އެތާގެ ނަންބޯޑުގައި ކިތަންމެ ރަން އަކުރުން އެއީ މިވެނި އޮފީހެކޭ ޖަހާފައި އޮތަސް އެތަން ވާނީ ހަމަ ދައުލަތުން ހަރަދުކުރަމުންދާ ބަކަރި ކޮއްޓަކަށެވެ.

މީގެ އިދިކޮޅުވެސް އޮތީ މިހެންނެވެ. ބަކަރި ކޮއްޓަކަށް ވެސް އިންސާނުން ވަދެ އުޅެން ފަށައިފިނަމަ، އިސާހިތަކު އެތަނުން ބަކަރި ވަސް ކެނޑި، މުޑުދާރުކަން ފިލައި، ސާފުތާހިރު ތަހުޒީބު ތަނަކަށް އެތަންވެގެން ހިނގައިދާނެއެވެ. އެކަމަކު އަހަރެމެން ކަންކަން ކުރަން ދިމާކޮށްފައި ތިބޭ ގޮތަކީ ފުރަތަމަ ބަދަލުކުރަނީ އެތެރެއެއް ނޫނެވެ. ބޭރެވެ. ދެން ނަންބޯޑެވެ.

ރުޅިއައިސްގެންނެއް ނޫނެވެ. ނިކަން ދެރަވެފައި ދަންނަވާ ވާހަކައެކެވެ. ދައުލަތުން މަހަކު އެއްލައްކަ ރުފިޔާގެ މުސާރައެއް އެމްޑީއަށް ދީގެން، އަދި ނުވިތާކަށް އެކިވަރުވަރުން ކުންފުނީގެ އެކި ދިމަދިމާއަށް މީހުން ލައިގެން ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިންގާ ކުންފުންޏަކުން، ޝިޕްމަންޓަކަށް ދައްކާ ފައިސާއަށް ވީނުވީ އެއް ނޭނގި ގެއްލޭނަމަ، އެތަނުގައި އެތިބީ އިންސާނުންތޯ ސުވާލު އުފެދޭނެ ނޫންބާވައެވެ. ދައުލަތުން ކުރަމުންދާ އެހަރަދުތަކަށް ބަކަރި ކޮއްޓެއް ހިންގި ނަމަވެސް ދިވެހިންނަށް މާފައިދާވާނެ ނޫންބާވައެވެ؟ އެފަދަ ބޮޑެތި ވައްކަން ހިނގާއިރު، ރައްޔިތުން ތަމްސީލްކުރުމުގެ ނަމުގައި ދައުލަތުގެ ހަޒާނާ ހުސްވާވަރުގެ އިނާޔަތްދީފައި އަށްޑިހަ އެތަކެއް މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނޭ ކިޔައިގެން އެބަ މުހާތަބުކުރަމުއެވެ. ކުރެވޭ ހަމަ އެއްވެސް ކަމެއް ނުފެނެއެވެ.

ހައްލަކީ، އިންސާނެއް ބިނާކުރުމެވެ. ދެން އެފަދަ ދެވަނަ އިންސާނެކެވެ. ދެން މުޖުތަމައެކެވެ. އެތަނެއްގައި އޮންނަނީ ރަސްކަމެއް ވިޔަސް ޖުމްހޫރިއްޔަތެއް ވިޔަސް ނުވަތަ ވެރިޔަކު ނެތަސް އިންސާނުން ތަނެއްގައި އުޅެން ފަށައިފިނަމަ، އެތަނެއް ނިކަން ތަހުޒީބުވެދާނެއެވެ. އެތަނަކުން އަނިޔާވެރިކަން ނެތި އަދުލުވެރިކަން އާންމުވެދާނެއެވެ.

އިސްލާމްދީން ގޮވަނީ މިކަމަށެވެ. އިންސާނުން ބިނާކުރުމަށެވެ. އިންސާނުން ތަހުޒީބުކުރުމަށެވެ. ނިކަން ވިސްނަވާށެވެ. އެންމެ ފުރަތަމައަށް އައި ވަޙީ ބަސްފުޅުގައި ތަކުރާރުކޮށް ފަށްފަށުން އަމުރުފުޅު އައިސްފައިވަނީ ކިޔުމަށެވެ. އާދޭހެވެ! ލިޔެފައިހުރި އެއްޗެއް ކިޔުމަށެވެ. ލިޔެގެން އުޅޭ ޤާނޫނުއަސާސީގައި ތިންބާރު އޮންނާނީ ވަކިވެފައި ކަމަށް ލިޔެފައި އޮތަސް، އަދި ރައްޔިތުންގެ ކިތަންމެ ހައްގުތަކެއް އޭގައި ލިޔެފައި އޮތަސް އެކަމެއް އެނގޭނީ އެމަޖިލީހުގެ މެންބަރުންވެސް އެއެއްޗެއް ހުޅުވައިގެން ކިޔާނަމަތާއެވެ.

އިސްލާމްދީން ދެކޭ ގޮތުގައި ސިވިލައިޒޭޝަނެއް ގާއިމުވަނީ އިންސާނާ އިންސާނަކަށް ވެގެންނެވެ. އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގައި ވެއެވެ. "...ހަމަކަށަވަރުން، ބަޔަކުމީހުންގެ ހާލަތެއް އެބަޔަކުގެ ނަފުސުތަކުގައިވާ ކަންކަން ބަދަލުކޮށްފުމަށްދާނދެން، މާތް ﷲ ބަދަލެއް ނުކުރައްވާނެއެވެ..."

ބޭނުންވަނީ އިންސާނެކެވެ. ﷲ ފިޔަވައި އެހެން ހުރިހާ އެއްޗެއްގެ ކިބައިން ތިމާގެ ނަފުސު މިނިވަންކުރުން އެއީ، ޝަހާދަތުގެ ދެކަލިމައިގެ މާނައިގެ ތެރޭގައި ހިމެނޭކަމެއްކަން ހިތުގައި ބިންވަޅު ނެގިފައިވާ މިނިވަން އިންސާނެކެވެ. ފަރުޟު ނަމާދުތައް ވަކި ގަޑިތަކަކަށް ތަރުތީބު ކުރެއްވި ކަލާނގެ ހިކުމަތްތެރިކަން ދަނެގެން ގަޑިއަށް މަސައްކަތާއި ޒިންމާތައް އަދާކުރަން އެނގޭނެ އަދި ފަރުޟު ނަމާދުގެ ޖަމާއަތެއް ގޯހުން ހިނގާނަމަ އަޑުއުފުލަން އެންގެވި ފަދައިން އިންސާނީ ޖަމާއަތުގެ ކަންކަން ގޯސްކޮށް ހިނގާނަމަ އަޑުއުފުލަން ކެރޭނެ އިންސާނެކެވެ.

ޒަކާތުގެ ހިކުމަތް ދަނެގެން، ހުރިހާ ރިސޯސްއަކާއި މުދާވެރިކަމެއް އެއީ ތިމާގެ އެކަނި ހައްގުނޫންކަން މުދާވެރި ކޮންމެ މީހެއްގެ މުދާވެރިކަމުގައި ޖަމާއަތުގެ ހައްގުތަކާއި މަންފާވެރިކަން އެކުލެވިފައި އޮންނާނެކަން ގަބޫލުކުރާނެ އިންސާނެކެވެ. ދެއްކުންތެރިކަމުން އެއްކައިރިވެފައިވާ ރަމްޟާން މަހުގެ އަޅުކަމުގެ ހިކުމަތްތައް ދަނެގެން، ކުރާ ކޮންމެ ކަމެއް ކްރެޑިޓްނެގުމާއި ތާރީފު އަދައިގެން ކުރުމުގެ ބަދަލުގައި، ކުރާ ކޮންމެ ކަމެއް އެއީ ﷲ ބައްލަވާ ވޮޑިގެންވާނެތީ، އެންމެ ރަނގަޅަށް ކުރަންޖެހޭ ކަންކަންކަމުގެ ވިސްނުން ހުރި އިންސާނެކެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުގެ ހިކުމަތްތައް ދޭހަކުރެވި، އެންމެހާ އިންސާނުންނަކީ ހަމަހަމަ ބައެއްކަމާއި، ޤިޔާމަތް މަޙްޝަރު ދުވަހުގައި ވެސް ހަމަ ކޮންމެ މީހަކުވެސް ހަމަހަމަވެގެންވާނެކަމާއި، ތިމާއަކީ ވަކި މަގާމެއްގައި ހުރީމާ މާބޮޑު މީހެއް ނޫންކަމާއި، ކިތަންމެ މުދާވެރިކަމާއި އާރާއިބާރުގައި އުޅުނަސް މަރުވެގެންދާއިރު ސަންދޯކަށް ލެވެނީ ގައިމަތިން އޮޅާލެވޭ ހުދު ފޮށާގަނޑެއް އެކަނިކަން އަބަދުމެ ހަނދާންކޮށްގެން ހުންނާނެ އިންސާނެކެވެ. އެފަދަ އިންސާނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox