ސެޓިފިކެޓު މައްސަލަ: މިނިސްޓްރީގެ ސިޓީ އާއި "އަދަދު" ގެ ޖަވާބު

Apr 23, 2025, 4:09 AM
މިނިސްޓަރު އިހުސާން

މިނިސްޓަރު އިހުސާން

ނޯޓު: "ނުކިޔަވާ ގަންނަ ސެޓިފިކެޓު، ކިޔަވާ މީހުންނަށް ކުރާ މަލާމާތެއް" ސުރުހީގައި މާޗު މަހު، އަދަދު ނޫހުގައި ޝާއިޢުކުރި ރިޕޯޓާ ގުޅިގެން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން އަދަދު ނޫހަށް ސިޓީއެއް ފޮނުވާފައިވެ އެވެ. ތިރީގައި މިވަނީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ފޮނުވި ސިޓީ އާއި އަދަދު ނޫހުން ދިން ޖަވާބެވެ.

---

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސިޓީ

އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް ޙުސައިން ފިޔާޒް މޫސާއަށް،

Advertisement

"ނުކިޔަވާ ގަންނަ ސެޓިފިކެޓު، ކިޔަވާ މީހުންނަށް ކުރާ މަލާމާތެއް" މިސުރުޚީ ގެ ދަށުން ލިޔެފައިވާ އަރޓިކަލްގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނަށް ނިސްބަތްވާ ގޮތަށް ގެނެސްފައިވާ ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ސާފުކޮށްދެއްވާ، އެކަންކަމަށް ރިޢާޔަތްކޮށް އެއާ އެއްގޮތަށް ޚަބަރު އިސްލާހުކޮށްދެއްވުމަށް އެދެމެވެ.

"ނުކިޔަވާ ގަންނަ ސެޓިފިކެޓު، ކިޔަވާ މީހުންނަށް ކުރާ މަލާމާތެއް" މި ހެޑްލައިންގެ ދަށުން ލިޔެފައިވާ އަރޓިކަލް ގައި، ޚުދު އެ އަރޓިކަލްގައި "އޭނާއަކީ ވެސް ކިޔަވައިގެން ހުރި މީހެކެވެ." ޖަހާފައި ވާއިރު، މިނިސްޓަރ އަލީ އިޙްސާނުގެ ފޮޓޯ ބޭނުންކޮށް ޝާއިއުކޮށްފައިވަނީ ކީއްވެގަން ކަން؟

"ސޯޝަލް މީޑިއާގައި މިހާރު ހިނގަމުންދާ އެންމެ ހޫނު އެއް ބަހުސަކީ ހޯމް މިނިސްޓަރު އަލީ އިހުސާން ސެޓިފިކެޓެއް ގަނެގެން ނަމުގެ ކުރިއަށް ޑޮކްޓަރު ޖެހި މައްސަލަ އެވެ. އިހުސާންއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނީ ނުކިޔަވާ, ގަންނަ ސެޓިފިކެޓުތެއް ޕީއެޗްޑީއާ އެއް ފެންވަރު ކުރާތީ އެވެ." ކަމަށް ލިޔެފައިވާއިރު، "ނުކިޔަވާ ގަންނަ ސެޓްފިކެޓް" ތަކާއި ޕީ.އެޗް.ޑީ އާ މިނިސްޓަރ އަލީ އިހްސާނު އެއްފެންވަރު ކޮށްފައިވާ ކަމަށް ބުނެފައިވާ ބުނުމަށް ބާރުދިނުމަށް އެއްވެސް މަސްދަރެއް ބަޔާންކޮށްފައިނުވެއެވެ. އަދި މިއީ މިނިސްޓަރ އެއްވެސް އިރަކު އެއްވެސް މަންސަ އެއްގައި ފާޅުކޮށްފައިވާ ޚިޔާލަކަށް ނުވާއިރު މިބީދައިން މިޚަބަރު ޖަހަން ޖެހުނު ސަބަބަކީ ކޮބައިކަން؟ އަދި މިނިސްޓަރ އަލީ އިޙްސާނުގެ ނަމުގެ ކުރިއަށް ޑރ ޖެހުމަށް އެއްވެސް ފަރާތަކަށް އަންގާފައިނުވާއިރު، އަދި އެއްވެސް އިރަކު އަމިއްލަ ނުވަތަ ރަސްމީ ހައިސިއްޔަތުން އެލަގަބު ބޭނުންކޮށްފައިނުވާއިރު، " ހޯމް މިނިސްޓަރު އަލީ އިހުސާން ސެޓިފިކެޓެއް ގަނެގެން ނަމުގެ ކުރިއަށް ޑޮކްޓަރު ޖެހި މައްސަލަ އެވެ" ބަޔާން ކުރަން ޖެހުނު ސަބަބު؟

"އެކަމަކު ނަމުގެ ކުރިއަށް "ޑރ" ޖަހަން ޖެހޭ ފެންވަރަށް އަދި ނުކިޔެވޭކަން އިހުސާން ވެސް ގަބޫލުކުރަން ޖެހެ އެވެ." މިހެން ބަޔާން ކޮށްފައިވާއިރު، މިނޫން ގޮތަކަށް މިކަން އޮންނަ ޖެހޭ ކަމަށް މިނިސްޓަރ ފާޅުކޮށްފައިވާ ޚިޔާލެއް ނުވަތަ ބަޔާންކޮށްފައިވާ ސްޓޭޓްމަންޓެއް ނޫސްވެރިއާއަށް ލިބުނު ގޮތަކާއި، އެލިބުނު މައުލޫމާތެއް؟ އަދި އެފަދަ އެއްޗެއް ނެތްނަމަ، އެއީ މިނިސްޓަރގެ ވިސްނުންފުޅުކަން ދޭހަވާ ގޮތަށް އެމަޢުލޫމާތު ބަޔާންކޮށްފައިވަނީ ކީއްވެގެންކަން؟

އަދި މުޅި އަރޓިކަލް ބިނާކޮށްފައިވަނީ މިނިސްޓަރ ޢަލީ އިޙްސާނުގެ ހުރިކަމަށް ނޫސްވެރިޔާ ނުވަތަ ބަޔަކު ތުހުމަތުކުރާ ވިސްނުމަކަށް ކަމަށްވާއިރު، އެއްވެސް ވަރަކަށް މިނިސްޓަރ ޢަލީ އިޙްސާނުގެ ވިސްނުންފުޅު މިކަމުގައި ސާފުކޮށްފައިނުވާކަން ފާހަގަކުރަމެވެ.

ނޫސްވެރިކަމުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކުރައްވާ، ރާއްޖޭގެ ނޫސްވެރިކަމުގެ "ބްރޭންޑް ނަމެއް" ގެ ގޮތުގައި މަނިކުފާނުގެ ނަން ބޭނުންކުރެވެމުން ދިޔުމާއެކު، ނޫސްވެރިކަމާއި، ގޮސިޕްކުރުމާ ދެމެދު ހުރި ފަރަޤު އެންމެ ރަނގަޅަށް އެނގިލައްވާނެ އެއް ފަރާތަކީ މަނިކުފާނު ކަމުގައި ޤަބޫލުކުރާ ހާލު، އެކަމެއްގެ އަސްލެއް ހަޤީގަތެއް ނޭނގޭ ގޮތަށް ސޯޝަލް މީޑިއާގައި ދައްކާ ގޮސިޕް ވާހަކަތައް ރަސްމީ ހައިސިއްޔަތުން ނޫހެއްގައި ޚަބަރެއްގެ ގޮތުގައި ޖަހާނަމަ، އެވާހަކައެއްގެ މަސްދަރު އޮޅުންފިލުވުމެއް، އެވާހަކެއް ރައްދުވާ ފަރާތެއްގެ ބަހެއް ހޯދުމެއް، އެވާހަކައިގައި ހުރި ބުރަދަނެއް ބެލުމެއް ނެތި، ނޫސްވެރިކަމުގެ އެންމެ އަސާސީ މިންގަނޑަށްވެސް ނުފެތޭ ގޮތަށް "އަދަދު" ނޫހުގެ ނޫސްވެރިއަކު ގެނެސްފައިވާ އަރޓިކަލް އިސްލާހުކޮށްދެއްވުމަށް އެދެމެވެ. ރާއްޖޭގައި ހިންގޭ އެންމެ ބޮޑެތި ނޫސްތަކުގެ ތެރެއިން ނޫހެއްގެ ނޫސްވެރިއެއްގެ ކިބައިގައި، ގޮސިޕް ކުރަމުން ހިނގާ ފުރާވަރުގެ ކުދިންނާއި، ހޮޅުއަށީގައި ތިބޭ ކަންމަތީ އާންޓީސްއަށް ވުރެ މަތީ ފެންވަރެއް ހުންނަން ވާނެކަން ޤަބޫލުކުރަންޖެހެއެވެ.

އިބްރާހިމް މިގުދާދު

މިނިސްޓަރުގެ ޕީއޭ

-----

އަދަދު ނޫހުގެ ޖަވާބު

ހޯމް މިނިސްޓަރު އަލީ އިހުސާންގެ ޕީއޭ, އިބްރާހިމް މިގުދާދަށް

"އަދަދު" ނޫހުގައި, "ނުކިޔަވާ ގަންނަ ސެޓިފިކެޓު, ކިޔަވާ މީހުންނަށް ކުރާ މަލާމާތެއް” ސުުރުހީގައި ލިޔެފައިވާ އާޓިކަލް އިސްލާހުކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓީއާ ގުޅިގެން ދަންނަވަމެވެ.

އެ އާޓިކަލްގައި މިނިސްޓަރު އިހުސާންގެ ފޮޓޯ ބޭނުންކޮށްފައި ވަނީ މި ވަގުތު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަދި އާންމުން އެކަމުގައި ބަހުސްކުރަމުންދާ, ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވާސިޓީގެ ޕްރޮފެޝަނަލް ޑޮކްްޓޯރަލް ސެޓްފިކެޓެއް ހޯއްދަވާފައިވާ އެންމެ ހައިޕްރޮފައިލް ބޭފުޅަކީ މިނިސްޓަރު އިހުސާން ކަމުގައިވާތީއެވެ.

ނޫސްވެރިކަމުގެ އަހުލާގީ (އެތިކްސް) މިންގަނޑުތަކަށް ރިއާޔަތްކުރާއިރު, ނިއުސް ކަވަރޭޖަށް އާޓިކަލްއެއްގައި ޖަހާ ފޮޓޮއެއް ބޭނުންކުރުމުގެ ކުރިން, އެ ފޮޓޮއަކީ އާންމުކޮށް ލިބެން ހުރި ފޮޓޮއަކަށްވާ ހާލަތުގައި, އެއްވެސް މީހެއްގެ ހުއްދައެއް ހޯދާކަށް ނުޖެހެ އެވެ. އަދި މި އާޓިކަލްގައި އެ ފޮޓޯ ބޭނުންކޮށްފައިވަނީ ނޫސްވެރިކަމުގެ އާންމު އަހުލާގީ މިންގަނޑާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ އަހުލާގީ މިންގަނޑާ އެއްގޮތަށް ކަމަށް ގަބޫލުކުރަމެވެ.

މިނިސްޓަރު އަލީ އިހުސާންއަށް ލިބިފައިިވާ ޕީޑީސީ, ޕީއެޗްޑީއަކާ އެއް ފެންވަރު ކުރިކަމަށް ލިޔެފައިވާ އިބާރާތަކީ ނޫސްވެރިޔާގެ ހިޔާލެއް ނޫނެވެ. އެ އިބާރާތް އެގޮތަށް ބޭނުންކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކުގައި އެ ގޮތަށް ބުނަމުން އަންނާތީ އެކަމަށް ރިއާޔަތްކޮށެވެ. އެ ޕެރެގުރާފުގައި ލިިޔެފައިވާ ހުރި ޖުމްލަތަކުން ދޭހަކޮށްދެނީ އެ ވާހަކައެވެ.

މިއީ އެއްވެސް މަންސައެއްގައި މިނިސްޓަރު އިހުސާން ފާޅުކުރައްވާފައިވާ ހިޔާލެއް ނޫން ކަމަށް ތިޔަ ފަރާތުން ބުނާއިރު, މިނިސްޓަރު އިހުސާން ބޭނުންކުރައްވާ ފޭސްބުކް އެކައުންޓުގައި ޕީޑީސީ ލިބުމުން ޑޮކްޓަރު ލަގަބު ލިބިފައިވާ ކަމަށް ސަރީހާ އިބާރާތުން ބަޔާންކޮށްފައިވާ ފޭސްބުކް ޕޯސްޓެއް އެބައޮތެވެ. މި ބުނާ ޕޯސްޓުގެ ސައްހަކަން ކަށަވަރުކުރަން މި ނޫހުން ވާނީ އެއީ ޑޮކްޓާޑް (އެއްވެސް ވަރަކަށް ބަދަލުކޮށްގެން ނޫނީ އުފައްދާފައިވާ) ފޮޓޮއެއްތޯ ނުވަތަ އޭއައި ބޭނުންކޮށްގެން ޖެނަރޭޓުކޮށްފައިވާ ފޮޓޯއެއްތޯ ކަށަވަރުކޮށްފައެވެ. މިކަން ކަށަވަރުކޮށްދޭން އެ މައުލޫމާތު މި ސިޓީއާއެކީ އެއްކަރުދާސްކުރެވިފައި ވާނެއެވެ. އެހެންކަމުން އެއްވެސް އިރެއްގައި އެއްވެސް މަންސައެއްގައި މިިނިސްޓަރު އިހުސާން އެހެން ވިދާޅުނުވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވަނީ ސައްހަ މައުލޫމާތަކަށް ރިއާޔަތްކޮށް ނޫންކަން ފާހަގަކުރަމެވެ. އޭގެ އިތުރުން މިނިސްޓަރު އިހުސާންގެ ނަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގައިވާ ޕްރޮފައިލްގައި މިއަދު ވެސް ބޭނުންކޮށްފައި ވަނީ ޑޮކްޓަރު ލަގަބުކަން ފާހަގަކޮށްލަމެވެ.

ސިޓީގައި ފާހަގަކޮށްފައިވާ ތިން ވަނަ ނުކުތާ އާއި ހަތަރު ވަނަ ނުކުތާގައި މިނިސްޓަރު އިހުސާނަށް ނިސްބަތްކުރައްވާ ބަޔާންކޮށްފައިވާ ވާހަކަތަކުގައި މަސްދަރަކާ ހަވާލާދީފައި ނެތް ކަމަށް ބުނި ނަމަވެސް, މިއީ ވެސް މިިިނިސްޓަރު އިހުސާންގެ އަމިއްލަފުޅަށް ޕޯސްޓުކޮށްފައިވާ, އަދި ސައްހަކަން ކަށަވަރުކުރެވިފައިވާ މަސްދަރަކާ ހަވާލާދީ އާޓިކަލްގައި ހިމަނާފައި ހުރި މައުލޫމާތެވެ. މި އާޓިކަލް ލިޔުނު ނޫސްވެރިޔާއާ މިނިސްޓަރު އިހުސާންއާ ފޯނުން ދެކެވުނު ވާހަކަތަކުގައި އެމަނިކުފާނު ވެސް ވަނީ އޭރު ލިބިފައި ހުރި މައުލޫމާތެއްގެ މައްޗަށް ލިޔެފައި ހުރި ވާހަކަތެއް ކަމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ނޫސްވެރިޔާ ބުނެފައިވާކަން ވެސް ފާހަގަކޮށްލަމެވެ. އަދި މިކަމުގައި މިނިސްޓަރުގެ ވިސްނުންފުޅު ސާފުކުރަން ހުދު އަޅުގަނޑު ފޯނުން ގުޅައިގެން އެ މައުލޫމާތު ހޯދަން މަސައްކަތްކުރީމެވެ. ނަމަވެސް އެ ވަގުތު ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓަރު އިހުސާންގެ ބަހެއް ނުލިބެއެވެ.

ހަމައެހެންމެ, ނޫސްވެރިޔާ މައުލޫމާތު ދީފައިވާ ގޮތުގައި އެ އާޓިކަލްގައި އެ ސެޓިފިކެޓު ހޯދާ ގޮތާ ގުޅިގެން ގެނެސްދީފައި ހުރި މައުލޫމާތަކީ ސައްހަ މައުލޫމާތުކަމަށް މިނިސްޓަރު އިހުސާން އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މި ބުނާ އީއައިޔޫއަކީ ރާއްޖޭގައި އެއްވެސް އެކްރިޑޭޝަނެއް ލިބިފައި ނުވާ ޔުނިވާސިޓީއެއް ކަމަށް މިނިސްޓަރު އިހުސާން އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތުދީފައިވެއެވެ. މުޅި އާޓީކަލްގައި ހުރި ވާހަކަތަކަށް ޖުމްލަކޮށް ބަލާއިރު, އޭގައި ހުރި ނުރަނގަޅު ވާގިއާއެއް ނުވަތަ ގޮސިޕް ކަމަށް ތިބުނާ ވާހަކަތަކެއް ތިޔަ ފަރާތުން ފޮނުވި ސިޓީއަކުން ސާފެއް ނުވެ އެވެ.

އެހެންކަމުން މި އާޓިކަލްއަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާއި އަދި ރާއްޖޭގައި އަމަލުކުރަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ ހިލާފު އާޓިކަލްއެއް ކަމަށް މި ނޫހުން ނުދެކެމެވެ.

ހުސެއިން ފިޔާޒު މޫސާ

ޗީފް އެޑިޓަރު

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox