ޖޭޕީގެ އޮފީސް ކުނޫޒާއި މާލޭގެ ފަސް ތަނެއްގައި ބޮން ގޮއްވަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލަން ޕީޖީ އޮފީހުން ވަކާލާތުކޮށްފި

އިއުތިސާމު 2017 ގައި ހައްޔަރުކުރިއިރު އަދި ޖެނުއަރީ މަހު ކޯޓު އަޑުއެހުމުގައި ހުރިއިރުގެ ދެ ފޮޓޯ --- އާޓްވޯކް: އަދަދު

އިއުތިސާމު 2017 ގައި ހައްޔަރުކުރިއިރު އަދި ޖެނުއަރީ މަހު ކޯޓު އަޑުއެހުމުގައި ހުރިއިރުގެ ދެ ފޮޓޯ --- އާޓްވޯކް: އަދަދު

ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ބޮމެއް ހަދަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލަން ދަށު ކޯޓުގައި ދައުލަތުން ވަކާލާތުކޮށްފި އެވެ.

ބަންދުން ދޫކޮށްލަން ދައުލަތުން ވަކާލާތުކުރީ އޭޕްރީލް، 2017، ގައި މ. ކުނޫޒުގައި އޭރު ބޭއްވި ޖަލްސާއަކަށް އަމާޒުކޮށް ބޮމެއް ގޮއްވާލަން ރޭވި ކަމުގެ ދައުވާ ލިބޭ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގަ އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ހުއްޓައި، އޭނާ ދޫކޮށްލަން އެދި އަލުން ކްރިމިނަލް ކޯޓަށް ދިޔައީ ޕްރޮސެކިއުޓާ ޖެެނެރަލްގެ ފަރާތުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އޭނާ ބަންދު ކުރުމަށެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނިންމި ނިންމުން ދަމަހައްޓަން ކްރިމިނަލް ކޯޓުން ޖެނުއަރީ 14، ގައި ނިންމި ނަމަވެސް އެ އަމުރު އާންމުކޮށްފައެއް ނުވެ އެވެ. އޭނާ ބަންދުން ދޫކޮށްލަން ދައުލަތުން ވަކާލާތުކުރިކަން ހާމަވީ އިއުތިސާމުގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުންނެވެ.

މި މައްސަލައިގައި ހައި ކޯޓުގައި ބޭއްވި ހަމައެކަނި އަޑުއެހުން ބޭއްވީ ފެބްރުއަރީ 18، ގަ އެވެ. އަޑުއެހުމުގައި އިއުތިސާމުގެ ވަކީލު ވިދާޅުވީ ދަށު ކޯޓުގައި ދައުލަތުން ވަކާލާތުކުރީ، ޝަރުތުތަކަކާއެކު މޮނީޓާ ކުރެވޭނެހެން އޭނާ ދޫކޮށްލުމަށް ކަމަށެވެ. އެހެންކަމުން އިއުތިސާމު ބަންދުގައި ބަހައްޓަން ކޯޓުން ނިންމި ނިންމުން އިންސާފުވެރި ނޫން ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލު ވެސް ވަނީ ދަށު ކޯޓުގައި އިއުތިސާމު ދޫކޮށްލަން ދައުލަތުން ވަކާލާތު ކުރިކަމަށް އިއުތިރާފުވެފަ އެވެ. ޖެނުއަރީ މަހު އެގޮތަށް ވަކާލާތުކުރީ ޖަލުގެ ޖާގައިގެ ދަތިކަން ހުރިކަމަށް ބުނެ ލިބުނު ސިޓީއަކާއި އޭނާ ބަންދުން ދޫކޮށްލުމުން މޮނީޓާ ކުރެވޭނެ ކަމަށް ފުލުހުން އަނގަބަހުން ބުނި ބުނުމެއްގެ މައްޗަށް ބަލައިގެން ކަމަށް ވަކީލު ވިދާޅުވި އެވެ.

އިއުތިސާމު ޝަރީއަތް ނިމެންދެން ބަންދުކުރިއިރު އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލުގެ ހާލަތަށް ބަދަލު ނާންނަކަން ވެސް ހައި ކޯޓުގައި ދައުލަތުގެ ވަކީލު ވަނީ ފާހަގަކުރައްވާފަ އެވެ.

އެއާއެކު މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ މި މައްސަލާގައި ދައުލަތުން އަމަލުކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ދައުލަތުން މަސައްކަތް ކުރަނީ ދަށު ކޯޓާއި ހައި ކޯޓުގެ ވަގުތު ނަގާލުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ތިހެން [ދައުލަތުން ބަންދުން ދޫކޮށްލަން ވަކާލާތު ކުރި ކަމަށް] ވަންޏާ މިތަނުގަ މިހާރު ކީއްތޯއޭ މި ކުރަނީ. ތިބޭފުޅުން ފުރަތަމަ ކޯޓަށް ވަޑައިގެންނެވީ ކީއްކުރައްވަންތޯ. ނޫހުގެ ސުރުހީ ބަދަލުވާތީތޯ. ކޯޓުން ދޫކޮށްލައިފިއޭ ބުނަން. އެއީތޯ އަންނަ ބަދަލަކީ،" ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ ފަނޑިޔާރު ވިދާޅުވި އެވެ.

އަދި، ނިޒާމުގެ ތެރެއިން އިއުތިސާމު ދޫވާނެ ފަދަ ހާލަތެއް އޮތް ކަމަށް ދެއްކެވީ ދައުލަތުން ކަމަށާއި ދައުލަތުން "އެކިފަހަރު އެކި ދުލުން" ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ޖަލުގައި ޖާގަ ނެތް ނަމަ ދޫކޮށްލަން ޖެހޭނީ އިއުތިސާމު އެކަނި ތޯ ދީބާނާޒް ސުވާލު އުފެއްދެވި އެވެ.

"ދޫކޮށްލަން ނުޖެހޭ ކަމަށް އަމިއްލަފުޅަށް ގަބޫލުކުރެވެންޏާ ކީއްވެގެންތޯ އެންމެ ފުރަތަމަ ހުށަހެޅުއްވީ. އެޔެއް ނޫންތޯ އެބޭފުޅުންގެވެސް ޝަކުވާއަކީ..،" ފަނޑިޔާރު ވިދާޅުވި އެވެ. "މި ނިޒާމުގެ ތެރޭގަ އިސްތިއުނާފުކުރާ ފަރާތް ދޫވާނެ ކަމުގެ އުންމީދެއް ދައުލަތުން އުފަންކޮށްދެއްވި ގާނޫނީ ސަބަބެއް ވިދާޅުވެދެއްވާ."

ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ފާހަގަކުރެއްވީ ދާދި އެއް ވާހަކަތަކެކެވެ. އެއީ ޖަލުގެ ޖާގައިގެ ދަތިކަމާއި އޭނާ ދޫކޮށްލުމުން މޮނީޓާ ކުރެވޭނެ ކަމަށް ފުލުހުން ބުނި ބުނުމެވެ. އަދި، ޖާގައިގެ ދަތިކަމާހުރެ އެހެން މީހުން ދޫކޮށްލަން ވެސް ދައުލަތުން އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތާ ދެކޮޅަށް ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުން އިސްތިއުނާފުނުކުރަން ނިންމި ކޯޓުގެ ނިންމުމުގައި، މޮނީޓާ ކުރަން ފުލުހުން ބުނީ އަނގަބަހުން ކަން ފާހަގަކޮށްފައި އޮތުމާއި އެކަމާ ގުޅޭ ލިޔުމެއް ލިބިފައި ނެތުމުން ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

އެ ދުވަހުގެ އަޑުއެހުން ނިންމާލީ ދެން ބާއްވާނީ މައްސަލަ ނިންމާ އަޑުއެހުން ކަމަށް އިއުލާނުކުރުމަށްފަހު އެވެ. ނަމަވެސް އިތުރު އަޑުއެހުމެއް ނުބޭއްވެނީސް އިއުތިސާމުގެ ފަރާތުން އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ގެންދަން އޭނާގެ ފަރާތުން އެދުނީ އަޑުއެހުން ބޭއްވި ދުވަހުގެ ފަހު ދުވަހު އެވެ.

ހަރުކަށި ފިކުރާއި އިއުތިސާމުގެ ރެކޯޑު

ކުނޫޒު ހިމެނޭހެން މާލެގެ ފަސް ތަނަކަށް ބޮމުގެ ހަމަލާދޭން އުޅުނު މައްސަލާގައި އިއުތިސާމުގެ އިތުރުން ތިން މީހަކަށް ދައުވާ އުފުލާފައިވެ އެވެ. އޭގެތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ ހއ. ހޯރަފުށި، އަލަނާސިގޭ، މުހައްމަދު ތަސްލީމް ވެސް ހިމެނެ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.

މިކަމާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ އިއުތިސާމާއި ތަސްލީމު އަދި ދެ މީހަކު ހައްޔަރުކުރީ 2017 ގަ އެވެ. އޭގެ އަހަރެއް ފަހުން ޝަރުތުތަކަކާއެކު އެ އެންމެން ކޯޓުން ދޫކޮށްލި އެވެ.

ދޫކޮށްލާފައި ހުރުމަށްފަހު ދެވަނަފަހަރަށް އިއުތިސާމު ހައްޔަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން މާލޭގައި ދިން ބޮމުގެ ހަމަލާއަށްފަހު މެއި 17، 2021، ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އައްޑޫ ސިޓީގެ ހިތަދޫ އިންނެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ތަސްލީމް އާ އޮތް ގުޅުމުގެ ތެރެއިންނެވެ. ތަސްލީމަކީ ނަޝީދަށް ދިން ހަމަލާގެ އެއް މޭސްތިރި އެވެ.

އެފަހަރު ހައްޔަރު ކުރުމަށްފަހު ޝަރީއަތް ނިމެންދެން އިއުތިސާމު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުކުރީ ނޮވެމްބަރު 23، 2021، ގަ އެވެ. އެއީ 2017 ގެ މައްސަލައިގަ އެވެ. ދައުލަތުން ޖެނުއަރީ މަހު މުރާޖައާކުރީ އެ އަމުރެވެ.

އެފަހަރު އިއުތިސާމު ހައްޔަރުކުރީ އެހެން ތުހުމަތު ތަކަކާއެކު އެވެ. ކްރިމިނަލް ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޭރު ފުލުހުން އިއުތިސާމަށް ތުހުމަތުކުރީ ޓެރަރިސްޓު ޖަމާއަަތަކަށް ތާއީދުކުރާ ލިޔެކިޔުމާއި ފޮޓޯ ގެންގުޅުމުގެ ތުހުމަތުގަ އެވެ.

ދައުލަތުން ހުށަހެޅި ދައުވާގައިވާ ގޮތުން، އިއުތިސާމް އުޅުނު ތަން ފުލުހުން ބަލައިފާސްކުރި އިރު ފެނުނު ދެ ފޯނަކުންނާއި އޭނާގެ ޖީބުން ފެނުނު ޕެން ޑްރައިވަކުން އައިއެސް ޖަމާއަތަށް ތާއީދު ކުރާ ފޮޓޯ އާއި ވީޑިއޯ ވަނީ ފެނިފަ އެވެ.

އެ ދައުވާއަށް އިއުތިސާމް އިންކާރު ކުރި އެވެ. ދިފާއުގައި އޭނާ ދެއްކި ވާހަކައަކީ އޭނާއަކީ އިލެކްޓްރޯނިކް ތަކެތި މަރާމާތު ކޮށްދޭ މީހެއް ކަމަށާއި ޕެން ޑްރައިވަކީ ވެސް މީހަކު މަރާމާތު ކުރަން އޭނާއަށް ދީފައިވާ އެއްޗެއް ކަމަށެވެ.

އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ކޯޓުން ހުކުމް ކުރީ އިއުތިސާމްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox