ރޯދަ ހަދިޔާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރައްޔިތުންނަށް ދޭ މަސްދަޅު ކޭސް މާލޭ ސަރަހައްދުން ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕޯޓަލް މެދުވެރިކޮށް މިއަދު އިރުއޮއްސި 06:00 އިން ފެށިގެން ނަންބަރު ދޫކުރަމުންދާނެ ކަމަށެވެ.
މަސްދަޅު ކޭސް ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކުރީ ބުރާސްފަތި ދުވަހު މަސްދަޅު ދޫކުރަން ފެށުމުން ދަމާލި ދިގު ކިޔޫގެ ސަބަބުންނެވެ. މިގޮތުން އެ ރޭ ވަރަށް ދަންވަންދެން ކިޔޫ ހުސްވުމާ ހަމައަށް މަސްދަޅު ބެހި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި މަސްދަޅު ބަހަން ފެށީ ދެ މަރުކަޒަކުންނާއި ހުޅުމާލޭގައި ދެ މަރުކަޒަކުން އަދި ވިލިމާލެއިންނެވެ. އެ މަރުކަޒުތަކުގައި އެރޭ ދަމައިލި ދިގު ކިޔޫ ނިމުނީ މެންދަންވި ފަހުންނެވެ. އެކަމާގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
އެ ފާޑުކިޔުންތަކާ އެކު މިރޭ މާލޭ ސަރަހައްދުން މަސްދަޅު ބަހަން ޖުމްލަ 13 މަރުކަޒެއް ވަނީ ކަނޑައަޅާފަ އެވެ.

މަސްދަޅު ބަހާ މަރުކަޒުތައް އަދި ދޫކުރާ ނަންބަރުގެ އަދަދު
- މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ނަންބަރު
- އެމްޓީސީސީ ސޯމިލް - 200 ނަންބަރު
- ހެންވޭރު ދަނޑު - 100 ނަންބަރު
- ގަލޮޅު ދަނޑު (ސެޓަޕް 1) - 50 ނަންބަރު
- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ނަންބަރު
- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ނަންބަރު
- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ނަންބަރު
- ސޯޝަލް ސެންޓަރު - 100 ނަންބަރު
- ވިލިމާލޭގެ ވެމްކޯ ސައިޓު - 100 ނަންބަރު
- އުމަރު ޒާހިރު ބިލްޑިން - 100 ނަންބަރު
- ޕޮލްކޯ ޓަވަރު (ސީ ބްލޮކް) - 100 ނަންބަރު
- ހިޔާ ޓަވަރު 10 - 100 ނަންބަރު
- ކާމިލްދީދީ ޕްރީސްކޫލް - 100 ނަންބަރު
އޮންލައިންކޮށް ނަންބަރު ނުނެގޭ ފަރާތްތަކުން މަސްދަޅު ދޫކުރާ މަރުކަޒަކަށް ދިޔުމުން، ނަންބަރު ނެގުމަށް އެހީތެރިވެދޭނެ އެވެ. އަދި ކޮންމެ ނަންބަރަކަށް ދޫކުރާނީ ގިނަވެގެން 3 ކޭސް މަހެވެ.
މާލޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ލިބެންދެން މަސްދަޅު ބެހުން ކުރިއަށް ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަށް މި އަހަރު މަސްދަޅު ދޫކުރާއިރު، މިދިޔަ އަހަރު ރޯދަ ހަދިޔާ އަށް ދޫކުރީ 10 ކިލޯ ގޮދަންފުށެވެ.












