ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ސަރުކާރުގެ އިސްވެރިންނާއެކު ފުލުހުން މާހެފުން ބާއްވައިފި އެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި މި މާހެފުން ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސްގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމުގެ ބައިވެރިވެލެއްވި އެވެ. އަދި، ފުލުހުންގެ އިސްވެރިންނާއި ވަޒީރުން އަދި ސްޓޭޓުން އަދި ޑެޕިއުޓީ މިނިސްޓަރުން މިއަދުގެ މާހެފުމުގައި ބައިވެރިވެލެއްވި އެވެ.
އޭގެއިތުރުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކު ތަކުގެ ފުލުހުންގެ އިތުރުން އިސްކަންދަރު ކޮށީގައި މަސައްކަތްކުރާ އާންމު މުވައްޒަފުން ވެސް މި މާހެފުމުގައި ބައިވެރިވިއެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ފުލުހުން ސަރުކާރުގެ އިސްވެރިންނާއެކު މާހެފުމެއް ބާއްވާފައި މިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށެވެ.

ފުލުހުންނާއި ސިފައިންގެ ކެއިން ބުއިމަށް ދައުލަތުން ބޮޑު ހަރަދެއް ކުރެ އެވެ. އެ ކަމާ ގުޅިގެން އަބަދުވެސް އާންމުންގެ ފާޑުކިޔުން އޭރެއްގައި އޮންނަ ސަރުކާރަށް އަމާޒުވެ އެވެ.













