ސިނަމާލެ ހައިވޭގައި މިމަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން މަރުވި ބިދޭސީ މީހާގެ ބޮލުގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދާދި ދެންމެއަކު ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ އެ ހާދިސާގައި މަރުވީ ބަންގްދަލަދޭޝްއަށް ނިސްބަތްވާ ޖާވިދު ޗައުދަރީ 30، ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ޗައުދަރީ ދުއްވަމުން ދިޔަ ސައިކަލު ހައިވޭގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އޭނާ ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލަކުން ޗައުދަރީގެ ބޮލުގައި ޖެހުމުން ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ އާ ގުޅިގެން ފަހަތުން އައި ސައިކަލު ދުއްވަން އިން މީހާގެ ލައިސެންސް ހިފަހައްޓައި އޭނާ ދުއްވި ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ލައިސެންސް ހިފަހައްޓިފައިވާ މުއްދަތު މިހާރު އިތުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ޗައުދަރީ ގައިގައި ފަހަތުން އައި ސައިކަލު ޖެހި އެކްސިޑެންޓުވުމުން، އެ ސައިކަލު ދުއްވަން އިން މީހާ އެ ސަރަހައްދުގައި މަޑު ކުރި ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކޮށް ފަހަތުން އައި ސައިކަލުގެ ދުވެލި ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.













