ސްޓްރޯކެއް ޖެހުނު މީހަކަށް ފަރުވާ ނުދީ، އެއީ މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށް ތުހުމަތުކޮށް ފުލުސް އޮފީހުގައި ހަ ގަޑިއިރު ބެހެއްޓި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ރިވިއު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
ސްޓްރޯކް ޖެހުނީ ޓެކްސީ ޑްރައިވަރެއް ގޮތުގައި މަސައްކަތްކުރާ އަލީ ޝިމާން ނަސީރު، 41، އަށެވެ. އޭނާ ދުއްވި ކާރު ހުޅުމާލެ ފޭސް 1 ވެމްކޯ ބްރިޖް ކައިރިން އިއްޔެ ހެނދުނު 10:13 ހާއިރު އެކްސިޑެންޓުވުމުން، އެތަނަށް އެޓެންޑުވި ފުލުހުން ބެލީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
ފުލުހުން ބުނީ މައްސަލައާ ގުޅިގެން ޝިމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށް ފަހު، ނެގެޓިވްވުމުން ދޫކޮށްލާފައިވާ ކަމަށެވެ.
ޝިމާންގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ޝައްމޫން ނަސީރު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ޝިމާންއަކީ ހާޓް ޕޭޝަންޓެއްގެ އިތުރުން ޑައިބެޓިކް ޕޭޝަންޓެއް ކަމަށެވެ. އޭނާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ފުލުހުން ބުނުމުން އެކަމާ ގުޅިގެން ސުވާލު ވެސް އުފެދުނު ކަމަށް އޭނާ ބުންޏެވެ.

"ޝިމާންއަކީ ހާޓް ޕޭޝަންޓެއް. މީގެ ތަންކޮޅެއް ކުރިން ސްޓްރޯކެއް ޖެހިގެން ހޮޅިކޮޅު ލައްވާފައި ހުރި ކުއްޖެއް. އަދި ޑައިބެޓިކް ޕޭޝަންޓެއް،" ޝައްމޫން ބުންޏެވެ.
ޝިމާންއާ ބައްދަލުވުމުގެ ފުރުސަތު އިރުއޮއްސި 06:00 ޖަހާއިކަށްހާއިރު ދިނުމުން ވަގުތުން އޭނާ ގޮވައިގެން ދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށާއި ފުލުހުން ޗިޓުގައި ސޮއި ނުކުރެވިގެން އޭރު ވެސް މަޑު ކުރުވަން އުޅުނު ކަމަށް ޝައްމޫން ބުންޏެވެ.
ޝިމާންއަށް ސްޓްރޯކެއް ޖެހުނުކަން ހުޅުމާލެ ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާކަން ކަށަވަރުކޮށްދީ ޝައްމޫން ބުނީ ސީޓީ ސްކޭނެއް މިހާރު ހަދާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް އާއިލާއިން ބުންޏެވެ.
ޝިމާންގެ އާއިލާއިން ބުނީ ފަރުވާ ލަސްކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.













