މިދިޔަ ޖެނުއަރީ މަހު އެކަނިވެސް 200،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 200،241 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، 11 ޕަސެންޓުގެ ކުރި އެރުމެކެވެ.
މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 180،288 ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު، 2023 ގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 162،134 ފަތުރުވެރިންނެވެ.
މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ގިނަ ފަތުރުވެރިންގެ މަންޒިލަކަށް ވީ ރާއްޖޭގެ ރިސޯޓުތަކެވެެ. ޖެނުއަރީ 29، ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 69.7 ޕަސެންޓް ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، އޭގެ ތެރެއިން 25.5 ޕަސެންޓް ފަތުރުވެރިން ވުއްޓީ ހޭދަ ކޮށްފައި ވަނީ ގެސްޓްހައުސްތަކުގަ އެވެ. ބާކީ 4.9 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ޓޫރިސްޓު ހޮޓާތަކާއި އުޅަނދުތަކުގަ އެވެ.
މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެެރިން ރާއްޖެއަށް ޒިޔާރަތް ކުރީ ޗައިނާއިންނެވެ. ލިސްޓުގެ ދެވަނައިގައި ރަޝިޔާ އޮތްއިރު، ލިސްޓުގެ ތިންވަނައިގައި އޮތީ އިޓަލީ އެވެ. އަވަށްޓެރި އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ.














