މަގާމާ ހަވާލުވިތާ ތިން މަހެއްހާ ދުވަސް ފަހުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން، ނާހިލް އަހުމަދު ސިއްދީގު އިސްތިއުފާދީފި އެވެ.
އުމުރުން 24 ގެ ނާހިލް އަކީ އެފްއޭއެމް އާ ހަވާލުވި އެންމެ ހަގު އުމުރުގެ ޖެނެރަލް ސެކްރެޓަރީ އެވެ. އޭނާ އެ މަގާމާ ހަވާލުވީ، މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީން އާންމުކޮށް ކުރި އިއުލާނެއްގައި ކުރިމަތިލައިގެން އިންޓަވިއު އިން ވެސް ހޮވިގެންނެވެ.
އެފްއޭއެމް ނޯމަަލައިޒިން ކޮމިޓީން ނިންމާ ނިންމުންތަކާ އެއްގޮތަށް، އެސޯސިއޭޝަންގެ ދުވަހުން ދުވަހަށް ހިންގަން ޖެހޭ ކަންކަން ބެލުމުގެ ޒިންމާ ބޮލުގައި އެޅިފައި އޮތް ޖެނެރަލް ސެކްރެޓަރީގެ މަގާމުން ނާހިލް އިސްތިއުފާ ދީފައިވާކަން، އެފްއޭއެމް އޮފިޝަލަކު ވަނީ "އަދަދު ސްޕޯޓްސް" އަށް ކަށަވަރުކޮށްދީފަ އެވެ.
މީގެ ކުރިން، އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރި ނާހިލް ސަރުކާރުގެ ވަޒީފާ އަށް ދިއުމަށްޓަކައި، އެފްއޭއެމް އިން ވަކިވީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ.
އެފްއޭއެމްގައި، ވަޒީފާ އަދާކުރިއިރު، އެފްއޭއެމް މެދުވެރިކޮށް ލިބުނު ފުރުސަތުތެއްގައި، ފުޓްބޯޅައިގެ މެނޭޖްމަންޓް ސެޓްފިކެޓެއް ވެސް ނާހިލް ވަނީ ހާސިލްކޮށްފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ދިއުމުގެ ކުރިން ނާހިލް ހުރީ ސްޕޯޓްސް މިިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ.











