ފުލުހުން ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް އިއްޔެ ނައްތާލައިފި އެވެ.
އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ އެ މުއައްސަސާއިން ޓޯކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން 446 އުޅަނދެއް ނައްތާލި ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ 378 ސައިކަލާއި ހަތަރު ފުރޮޅު ލީ 40 އުޅަނދުގެ އިތުރުން 28 ބައިސްކަލެވެ.
މާލޭގެ މަގުތަކުން ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތާލަނީ އެ އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތްތަކަށް މުއްދަތެއް ދިނުމަށްފަހު އެވެ.
ގަވާއިދާ ހިލާފުވެގެން ޓޯ ކުރާ އުޅަނދުތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ވެސް ފުލުހުން ޓޯކޮށް ނައްތާލަ އެވެ.

ނަމަވެސް އެފަދަ އުޅަނދުތައް ނައްތައިލުމުގެ ބަދަލުގައި ނީލަމުގައި ވިއްކައިލުން ފަދަ ބޭނުންތެރި ގޮތެއްގައި އެކަން ކުރުމަށް އާންމުން އަބަދުވެސް ހިޔާލު ފާޅު ކުރެ އެވެ.













