ރާއްޖޭގައި ބޭއްވި ފުރަތަމަ އަލްޓިމޭޓް ފްރިސްބީ 5 ވީ 5 ޓޯނަމެންޓް ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޖިސްޓްރީކުރި ފްރިސްބީ އެސޯސިއޭޝަނުން އަންނަނީ މި ކުޅިވަރު ރާއްޖޭގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ކުޅިވަރު ތައާރަފް ކުރުމަށް ބޭއްވި އަލްޓިމޭޓް ފްރިސްބީ 5 ވީ 5 މުބާރާތުގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.
އެއީ ޑޯޑޯ, ތަންޑާސްޓޯމް, ފަޔާ ނޭޝަން, ޑިސްކޯ އޯ, ޓީބީޑީ, ޔޫއެފްއޯ އަދި ފްރިސްބީޒް އެވެ. މި މުބާރާތުގެ ފައިނަލުުގައި ވާދަކުރީ ތަންޑާސްޓޯމް އާއި ފަޔާ ނޭޝަން އެވެ. މި މެޗު 10-9 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފަޔާ ނޭޝަންސް އެވެ.
ފްރިސްބީ އެސޯސިއޭޝަނުން ބުނީ މި ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެނުން އަންނަ ކަމަށެވެ.
އެ ގޮތުން، މިހާރު ވެސް 200 އަށް ވުރެ ގިނަ ކުޅުންތެރިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ކުޅިވަރު ހުޅުވާލުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި، އެގޮތުން ފުވައްމުލަކު ސިޓީ އަށް މިހާރުވެސް ކުޅިވަރު ތައާރަފުކުރެވިފައިވާ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނުގެ އަމާޒަކީ ބައިނަލްއަގްވާމީ ފެންވަރުގައި މި ކުޅިވަރު ކުރިއެރުވުން ކަމަށެވެ.












