މެޑްރިޑް (ޖެނުއަރީ 23) - އާމްދަނީގެ ގޮތުގައި އަހަރެއްގެ ތެރޭގައި އެއް ބިލިއަން ޔޫރޯ ހޯދި ފުރަތަމަ ޓީމުގެ ޝަރަފް، ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ރެއާލް މެޑްރިޑުން ހޯދައިފި އެވެ.
ޑެލޮއިޓް މަނީ ލީގުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ ސީޒަން، 2023/2024 ގައި ރެއާލުން ވަނީ އާމްދަނީގެ ގޮތުގައި އެއް ބިލިއަން ޔޫރޯ ހޯދައިފަ އެވެ. މިއީ މިހާތަނަށް ފުޓްބޯޅަ ކްލަބަކުން އަހަރެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި އެއް ބިލިއަން ޔޫރޯ ހޯދި ފުރަތަމަ ފަހަރެވެ.
ރެއާލުން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، އެ ޓީމަށް މެޗުތަކުން 248،000 މިލިއަން ޔޫރޯ، ބްރޮޑްކާސްޓިން އިން 316،000 މިލިއަން ޔޫރޯ އަދި އިސްތިހާރުގެ ގޮތުގައި 482 މިލިއަން ޔޫރޯ ލިބިފައިވެ އެވެ.
އާމްދަނީ ލިސްޓުގެ ދެ ވަނައިގައި އޮތީ 838،000 މިލިއަން ޔޫރޯ ލިބުނު މެންޗެސްޓާ ސިޓީ އެވެ. ތިން ވަަނައިގައި އޮތް ޕީއެސްޖީ އަށް 806،000 މިލިއަން ޔޫރޯ ލިބިގެންދިޔައިރު، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 771،000 މިލިއަން ޔޫރޯ ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ބަޔާނަށް ލިބުނީ 765،000 މިލިއަން ޔޫރޯ އެވެ.
ގަދަ 10 ގައި ދެން، ހިމެނެނީ، ބާސެލޯނާ، އާސެނަލް، ލިވަޕޫލް، ޓޮޓެންހަމް އަދި ޗެލްސީ އެވެ.












