ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ޓީމެއްގައި ބިދޭސީ ކުޅުންތެރިން ހިމެނޭ އަދަދު ތިނަކަށް ބަދަލުކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއިން) ނިންމައި ކްލަބްތަކަށް އަންގައިފި އެވެ.
ބިދޭސީ ތިން ކުޅުންތެރިން ގެނެވޭ ގޮތަށް ގަވާއިދު ބަދަލުކުރަން، އެފްއޭއެމް އިން ނިންމީ އެސޯސިއޭޝަންގެ ޓެކްނިކަލް ކޮމިޓީގެ ވެސް ލަފާގެ މަތިންނެވެ.
އެފްއޭއެމްގެ މި ނިންމުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާ ހިއްސާކޮށް ވަނީ ސާކިއުލާއެއް ފޮނުވައިފަ އެވެ.
އެންމެ ފަހުން، ބިދޭސީ ކުޅުންތެރިން ގެނެވޭ ގަވާއިދު ބަދަލުކުރީ، 2023 ވަނަ އަހަރު އެވެ. އެފްއޭއެމް އޭރުގެ ހިންގާ ކޮމިޓީން ނެގި ވޯޓަކުން ނިންމީ، އޭއެފްސީ މުބާރާތްތަކުގައި ކުޅޭ ޓީމުތަކަށް ބެލުމަށް ފަހު، ބިދޭސީ ކުޅުންތެރިން ގެނެވޭ އަދަދު ހަޔަކަށް ހެދުމަށެވެ.
އޭއެފްސީގެ 2023/2024 ކްލަބް ފުޓްބޯޅަ ސީޒަނުން ފެށިގެން ބިދޭސީ ހަ ކުޅުންތެރިއަކު، ޓީމު ލިސްޓުގައި ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް ދޭން ނިންމި އެވެ. އެ އެ ގޮތުން، ޓީމުގައި ހިމަނާ އެ ބިދޭސީ ހަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ވާން ޖެހޭނީ އޭޝިއާ ބައްރުގެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއަކަށެވެ.
އޭއެފްސީގެ އެ ނިންމުމުގެ ތެރެއިން ކުރިއަށްދާން އެފްއޭއެމް އިން މީގެ ދެ އަހަރު ކުރިން، ގަވާއިދު ބަދަލުކުރިއިރު، އޭގެ ކުރިން، ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ގެނެވެނީ ބިދޭސީ ހަތަރު ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކު އޭޝިއާގެ ގައުމަކަށް ނިސްބަތްވާ ގޮތަށް ލާޒިމުކުރުމަށް ފަހު އެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޓީމުތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންނާ އެކު ހަދާ އެއްބަސްވުމާ އެއްގޮތަށް މުސާރަ ނުދޭ މައްސަަލަ ވަނީ ބޮޑުވެފަ އެވެ. ގިނަ ޓީމުތައް ގޮވައިގެން ކުޅުންތެރިން ފީފާ އަށް މައްސަަލަ ޖައްސާފައިވާއިރު، ރާއްޖޭގެ ބައެއް ކްލަބްތަކަށް ފީފާ އިން ވަނީ ފިޔަވަޅު ވެސް އަޅައިފަ އެވެ.
މި ފަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ބެލިއިރު، ގިނަ ކްލަބްތަކަކަށް ޓްރާންސްފާ ބޭންއެއްގައި އޮންނަން ޖެހުނީ ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ ކަންކަން ހައްލުނުކުރާތީ، ކްލަބް ލައިސަންސްގެ ކަންކަން ފުރިހަަމަނުވުމުންނެވެ. އެކަަމަކު، މިހާރު ގިނަ ކްލަބްތަކުން އަންނަނީ ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ފުރިހަަމަަކުރަމުންނެވެ. އެއީ އާ ސީޒަނުގައި ވާދަކުރަން ލައިސަންސް ހޯދުމުގެ ގޮތުންނެވެ.











