ޗެމްޕިއަނަށް އުމްރާ ދަތުރެއް ލިބޭ ވެޓަރަންސް ކެރަމް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
ޔަލަމްލަމް ހައްޖާއި އުމްރާ ގްރޫޕްގެ ސްޕޮންސަޝިޕެއްގައި ކެރަމް އެސޯސިއޭޝަނުން މި ކަނޑައެޅި އިނާމު ލިބިގެންދާނީ، ކުރިއަށް އޮތް ދެ ވަނަ ވެޓަރަންސް ކެރަމް ޗެމްޕިިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަނަށެވެ. ސިންގަލްސްގެ އިތުރުން ޑަބަލްސް އިވެންޓްސް ވެސް ކުރިއަށްދާނެ އެވެ.
އަންހެން އާއި ފިރިހެން، ދެ ކެޓަގަރީ އެއްކޮށް އިވެންޓްސް ބާއްވަން ކެރަމް އެސޯސިއޭޝަނުން ނިންމާފައިވަނީ، މިދިޔަ އަހަރުތަކުގެ ތަޖުރިބާ އަށް ބެލުމަށް ފަހު އެވެ. އެއީ، މި އުމުރުފުރާގެ ކުޅުންތެރިން ބައިވެރިވާ ނިސްބަަތަށް ބެލުމަށް ފަހު އެވެ.
އުމުރުން 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ މި ވެޓަރަންސް މުބާރާތް، މި މަހު 29 ގައި ފަށާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ރޭ 22:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެެވެ. ބައިވެރިވުމުގެ ކަންކަން، ކެރަމް އެސޯސިއޭޝަނާ ގުޅުމުން ހަމަޖެހިގެންދާއިރު، ގުޅޭނެ ނަމްބަރެއްގެ ގޮތުގައި ހިއްސާކޮށްފައިވަނީ، 9636558 އެވެ.
މުބާރާތުގެ ގަވާއިދަށް ބަލާއިރު، 40 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިން ބައިވެރިވެވޭނެ ފަރާތްތަކުގެ ތިން ޝަރުތެއް ވަނީ ހިމަނައިފަ އެެވެ. އެއީ، ފާއިތުވި ތިން އަހަރު ގައުމީ ސްކޮޑުގައި ހިމެނިފައިނުވާ ކުޅުންތެރިން، ފާއިތުވި ތިން އަހަރު ގައުމީ މުބާރާތުގެ ގަދަ އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިނުވުން އަދި ފާއިތުވި ތިން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިފައިނުވުމެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގެ ހުރިހާ އިވެންޓެއް ވެސް ކުރިއަށްދާނީ އަށް ބޯޑުގެ ތިން ސެޓުން ދެ ސެޓަށެވެ.












