ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ މަޑީގެ ބާވަތްތަކަށް ކާންދޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެންވަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިންޒާރު ދީފި އެވެ.
އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޑީގެ ބާވަތްތަކަށް ކާން އެޅުމަކީ އެ ތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. ނަމަވެސް މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުގައި އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން މަޑީގެ ބާވަތްތައް ބަލަން އެތަކެއްޗާއެކު މޫދުގައި ފީނާ މީހުންނަށް އެކި ކަހަލަ އަނިޔާވެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ހިނގާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން މަޑިތަކަށް ކާން އަޅައިގެން އެ އެޗެއްސާއެކު ފީނަން އުޅޭ މީހުންގެ ގައިގައި މިޔަރު ހިފުން ނުވަތަ މަޑި ކަށި ހެރިގެން ހާދިސާތައް ދިމާވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މަޑިތަކާއެކު ފީނާ މީހުންނަށް އަނިޔާވެ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ގެއްލުންވާނެ ކަމެއްކަން ފާހަގަކޮށް އީޕީއޭއިން ވަނީ މަޑިތަކަށް ކާންދޭ ފަރާތްތަކުން ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ތިމާވެށްޓާ ރައްޓެހި ހަރަކާތްތަކަކަށް ހެދުމަށް ގޮވާލައިފަ އެވެ.
އުސޫލާ ހިލާފަށް މަޑިތަކަށް ކާންދޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.














