ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފު ވެސް އެ ޕާޓީއިން ވަކިވެ، އިދިކޮޅު އެމްޑީޕީއާ ގުޅެން ނިންމައިފި އެވެ.
ހަސަން ވަނީ މިއަދުގެ ވަގުތެއްގައި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ވަކިވެފަ އެވެ. ނަމަވެސް އަދި އެމްޑީޕީއަށް ސޮއި ކުރިކަމެއް ނޭނގެ އެވެ. އެކަމަކު މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ ވަރަށް އަވަހަށް އެމްޑީޕީއަށް ސޮއި ކުރައްވާނެ އެވެ.
ހަސަން ލަތީފް "އަދަދު" އަށް ވިދާޅުވީ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ.
ހަސަން ލަތީފް ވަނީ ޑިމޮކްރެޓްސްގެ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ މެންބަރުން އޭނާއަށް ދެެއްވި އެއްބާރުލުން ފާހަގަކުރައްވާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
"އަޅުގަނޑަށް މިވަގުތު ޕާޓީގެ ރައީސްގެ މަގާމުގައި ހުރެވެން ނެތުމުން އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ވާހަކަ ދަންނަވަން. ޝުކުރިއްޔާ،" އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ނައިބު ރައީސް ހަސަން ޝިފާޒް އާއި ރިޔާސީ އިންތިހާބުގައި ވައިސް ޕްރެޒިޑެންޝަލް ކެންޑިޑޭޓަކަށް ކުރިމަތިލެއްވި ހުސެއިން އަމްރު އަދި ކުރީގެ މެންބަރު އަލީ އާޒިމް އިއްޔެ ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ.







