މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް، ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެ، މއ. ކޮޓްންވިލާ، އަހުމަދު ސަފްނީޒު، 41، އާއި ޏ. ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، މުހައްމަދު އިވާން، 23 އަދި 17 އަހަރުގެ ކުއްޖެއް ކަމަށެވެ.
"އެ މީހުން ހައްޔަރުކޮށްފައިވަނީ އެ ގެ ބަލައި ފާސްކުރި އިރު ހެރޮއިން ކަމަށް ޝައްކުކުރެވޭ 1 ގްރާމް، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމް އަދި ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެންނެވެ. މީގެ އިތުރުން 24,110 ރުފިޔާވެސް އެ ގެއިން ފެނިފައިވެ އެވެ،" ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަހުމަދު ސަފްނީޒް 10 ދުވަހަށް އަދި މުހައްމަދު އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.











