މެންދަމު ގެތައް ބަލައިފާސްކުރުން: ރައްކާތެރިކަމެއް ނެތް، މޭޔަރު ގޮވާލެއްވީ ފުލުހުންގެ ޕްރޮފެޝަނަލް ވުމަށް

މޫކޭ ދިރިއުޅޭ ގ. ދިލްކަޝްގޭގެ އެޕާޓްމެންޓު ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ފުލުހުން ބަލައި ފާސްކުރަމުން ދިޔައިރު ފުލުހުން އެތަނުގެ ދޮރުމަތީގައި ފޯރިއަށް. -- ފޮޓޯ: އަދަދު

މޫކޭ ދިރިއުޅޭ ގ. ދިލްކަޝްގޭގެ އެޕާޓްމެންޓު ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ފުލުހުން ބަލައި ފާސްކުރަމުން ދިޔައިރު ފުލުހުން އެތަނުގެ ދޮރުމަތީގައި ފޯރިއަށް. -- ފޮޓޯ: އަދަދު

ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، ކޯޓު އަމުރު ނަގައިގެން މެންދަމު ގޭގެއަށް ވަދެ ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާތީ، ކަންބޮޑުވުން ފާޅުކޮށް، ފުލުހުން ޕްރޮފެޝަނަލިޒަމް ހިފަހައްޓަން މާލޭ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.

އާދަމް އާޒިމް މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކައުންޓަކުން ބައެއް އާއްމުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، ހެކި ހޯދަން ކަމަށް ބުނެ، ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހަތަރު ގެއެއް ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ގެންގޮސްފައި ވަނިކޮށެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ މީގެ ސެޕްޓެމްބަރު، 2022، ގަ އެވެ. އެ މައްސަލައިގައި ފުލުހުން އާރުޑީސީ ބަލައި ފާސްކުރީ ނޮވެމްބަރު 14، 2023، ގަ އެވެ.

އޭގެ އެއް އަހަރު ފަހުން ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ބަލައި ފާސްކުރީ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) މާލޭގައި ދިރިއުޅުއްވާ އެޕާޓްމެންޓާއި، އޭނާގެ ކުރީގެ އަނބިކަނބަލުން ހުޅުމާލޭގައި ދިރިއުޅުއްވާ އެޕާޓްމެންޓު އަދި އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެކެވެ.

މޭޔަރު އާޒިމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަކި މައްސަލައެއް ފާހަގަ ކުރައްވާފައި ނެތަސް، އިޝާރާތް އެ ކުރައްވަނީ ބުރާސްފަތި ދުވަހުގެ ރޭގެ އޮޕަރޭޝަނަށް ކަމަށް ބެލެވެ އެވެ.

"މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަގުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން، އާއިލާތައް މިވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށެވެ. މިއަދު މިފަދަ ކަންކަން ހިނގާތައް، ފެނުމަކީ އަޅުގަނޑަށް ވަރަށް ބޮޑު މާޔޫސް ކަމެއް ލިބޭ ކަމެކެވެ،" އާޒިމް ވިދާޅުވި އެވެ.

އެކަމުން އިހުސާސް ވަނީ އަމާންކަމާއި ރައްކާތެރިކަން ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ އެތައް ކަމެއް މާޒީގައި ތަޖުރިބާ ކުރެވިފައިވާކަން ވެސް ފާހަގަ ކުރައްވައި، އެ ހަނދާން އޭނާ އާކުރެއްވި އެވެ.

"އަމިއްލައަށް އުފަންކުރުވާ އިންޓެލިޖެންސް ރިޕޯޓާއި އަދި ފްރޭމްކުރުމަށް ހެކި ބަހައްޓާގެން ހިންގި ރޭޑުތަކުން އެތައް އާއިލާތަކަކަށް ވަނީ އަނިޔާއި ހިތާމަ ބޭއިންސާފުން ލިބިފަ އެވެ. އަދި މިއަދާ ހަމައަށްވެސް މިފަދަ ބޮޑެތި ޖަރީމާތައް ހިނގި ފަރާތްތައް އިންސާފު ކުރިމަައްޗަށް ގެނެވިފައިނެތެވެ،" އާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޑިފެންސް މިނިސްޓަރަކަށް އާޒިމްގެ އެއްބަނޑު އެއްބަފާ ބޭބޭ މުހައްމަދު ނާޒިމްގެ ގެއަށް މެންދަމެއްގައި ފުލުހުން ވަދަ ހިންގި އޮޕަރޭޝަންގައި ފިސްތޯލެއް ފިނިފައިވާ ކަމަށް ބުނެ ކުރި ދައުވާ ސާބިތުކޮށް، 11 އަހަރަށް އޭނާ ޖަލަށްލި އެވެ. އެއީ ފްރޭމުކުރުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މިހާރު މާފަންނު އުތުރު ދާއިރާގެ މެންބަރަކަށް ހުންނެވި ނާޒިމް ޖަލަށް ލީ، އޭނާ ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށެވެ. ނާޒިމުގެ ހުކުމް ބާތިލުކޮށް މިނިވަންވީ، ޔާމީންގެ ވެރިކަން 2018 ވަނަ އަހަރު ބަދަލު ވުމަށް ފަހު އެވެ.

"މިފަދަ ހިތާމަވެރިކަންކަން، އަމިއްލައަށް ތަހައްމަލުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ދަންނަވަންއޮތީ، ގާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކުގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމް ދަމަހައްޓަވައި ދެއްވާށެވެ. މިއަދު ލިބިފައިވާ ބާރު ބަދަލު ހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެއްވުމުން، ދުރުހެލިވެތިބުމަށް، އަޅުގަނޑު ފުލުންހުންގެ މުއައްސާސާއަށް ހަނދާންކޮށްދެމެވެ،" އާޒިމް ވިދާޅުވި އެވެ.

އާރުޑީސީގެ މައްސަލައިގައި މޫކޭ އާއި ޔާސިރުގެ ގެ ބަލައި ފާސްމިކުރީ މި ފަހަކަށް އައިސް މި ސަރުކާރުގެ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ފެންމަތިވެ ރައްޔިތުންގެ ފާޑުކިތުން ގިނަވެފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox