ނަފުސުގެ އިއްޒަތެއް ނެތް މީހުން މުދާފައިސާއަށްޓަކައި ބަރަހަނާވެ އެވެ.

 އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ރަން ހާރެއް.

އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ރަން ހާރެއް.

ފާރިސީންގެ ރަންޒަމާނުގައި އެބައި މީހުންގެ ކިސްރާއެއްގެ ގޮތުގައި ހުންނެވި ރަސްގެފާނެއްގެ ވާހަކަ ވިދާޅުވާށެވެ! މިއީ ހިކުމަތްތެރިކަމާއި ބުއްދިވެރިކަމުގައި އަރާހުންނެވި ކިސްރާއެއްކަމުން ދެވަނަ އަފްލާތޫނުގެ ގޮތުގައި މި ކިސްރާ މަޝްހޫރުވެވަޑައިގެންފައިވެ އެވެ. އެއްދުވަހަކު ދަރުބާރުގައި އިންނަވާފައި އޭނާގެ ދަރުބާރީންނަށް ވިދާޅު ބަސްފުޅު އިއްވެވިއެވެ. މިއުޅެ ފެންނަ އަރަބިކަރައިން އަންހެން ކުއްޖަކާ ކާވެނިކޮށް އަރަބީންނާ ޅިޔަންފަހަރިވެރިކަމެއް ބާއްވަން ތިމަން މަނިކުފާނު އެބަ ގަސްދުކުރައްވަމެވެ. މިކަމުގައި ތިޔަ ބޭކަލުންގެ ވިސްނުންފުޅަކީ ކޮބާތޯ އެވެ؟ އެންމެހާ ދަރުބާރީން އެއް އަޑަކުން ދެންނެވިކަމުގައިވަނީ، ތަމައްދުނެއް ތަހުޒީބެއް ނެތް، ބަކަރި ހުއިހައްޕަން އުޅޭ ދަނޑުވެރިންތަކަކާ ޅިޔަންފަހަރިވެރިކަމެއް ބޭއްވުމަކީ، އަހަރެމެން ފަދަ ދުނިޔޭގެ ވެރިކަންކުރަމުންދާ ފާރިސީންނާ ލާއިގުކަމެއް ނޫންކަމުގައެވެ. އެންމެހާ ދަރުބާރީން އެއްއަޑަކުން މިހެން ދެންނެވީމާ ކިސްރާ އޭނާގެ ބުއްދި އިސްކުރައްވައި، މި މީހުންނާ ޖަދަލު ނުކޮށް މައުލޫ ބަދަލުކުރެއްވި އެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެއް ދުވަހަކު ކިސްރާ ދަރުބާރުގައި އިންނަވާފައި، އަމުރު ބަސްފުޅު އިއްވައިގެން ފޮއްޓެއް ގެންނެވި އެވެ. މި ފޮށީގެ މަތި ހުޅުވާފައި، ޒަބަރުޖުދާއި ޔާގޫތާއި ރަނުން ފުރިފައިވާ ހާރެއް ނެންގެވިއެވެ. އެގޮލާގެ ރީތިކަމާއި ޒީނާތްތެރިކަމުން މުޅި ދަރުބާރު އާޝޯޚުވި އެވެ. ބުނެވޭ ގޮތުގައި މި ހާރުގެ އަގު ވިހިހާސް ދީނާރަށްވުރެ ކުޑަ ނުވާނެކަމުގައިވެ އެވެ. އެންމެހާ ދަރުބާރީން، ހާރު ފެނި އަންތަރީސްވެ އެޔަށް ބަލައި އަޖައިބުވި ގަޑީގައި ކިސްރާ އޭނާގެ ބަސްފުޅު އިއްވެވި އެވެ. ހާރު ބޭނުން މީހަކު ނަމަ، އެމީހެއްގެ އަންނައުނުތައް ބާލައި، މައިމީހާގެ ބަނޑުން ވިހޭ ދުވަހު ހުރި ފަދައިން ވެގަންނާށެވެ! ކިސްރާ މިހެން ވިދާޅުވިތާ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދަރުބާރު އެކީ ބަރަހަނާވެ އޮރިޔާންވެއްޖެއެވެ. އެޔާއެކު އެކަކު އަނެކަކަށް ޒުވާބުވެސް ކުރަން ފަށައިފިއެވެ. ކަލެޔަށްވުރެ ކުރިން އޮރިޔާންވީ ތިމަންނަ އެވެ. ހާރު ލިބެންވާނީ އަހަރެންނަށެވެ. ކޮންމެއަކަސް އެކި މީހުންގެ ވާހަކަތަކަށް ބަލައި ނަޒަރުކުރުމަށްފަހު ހާރު ލިބެންވީ ފަރާތް ކިސްރާގެ އަމުރު ބަސްފުޅުން ކަނޑައަޅުއްވައި އެމީހަކަށް ހާރުދެއްވައިފި އެވެ.

އެ ފަހުން ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ ދަރުބާރުގައި އިންނަވާފައި ކިސްރާ ވިދާޅުބަސްފުޅު އިއްވެވި އެވެ. އަރަބީންގެ ކަނބުރުވެރިއަކު މިރަށަށް ފައިބައި އުޅޭ ހަބަރު އަހައިފީމެވެ. އޭނާ މިދަރުބާރަށް ހާޒިރުކޮށްދެއްވާށެވެ! އިސާހިތަކު ކިސްރާގެ ދަރުބާރަށް އަރަބި ކަނބުރުވެރިޔާ ހާޒިރުކުރެވިއްޖެ އެވެ. އިއްޒަތާއި ޖާހުން ބޮޑު މި ދަރުބާރަށް ބިރުން ތުރުތުރުއަޅާ ހާލުގައި އަރަބި ކަނބުރުވެރިޔާ ވަދެގެންދިޔައިރު ދަރުބާރު އޮތީ ފުރިބާރުވެފަ އެވެ. ކިސްރާ ވިދާޅުވި އެވެ. ހާސްވެ ކަންބޮޑު ނުވާށެވެ! ކަލޭ ހާޒިރުކުރެވުނީ ކަލެޔަށް މަންފާ ހުރި ކަމަކައިގެންނެވެ. މިހެން ވިދާޅުވެފައި އެއްކަލަ ދުވަހު ގެނައި ކަހަލަ ފޮށްޓެއް ގެންނަވައިފި އެވެ. މި ފޮށީގެ މަތި ނެގިއިރު، ހަމަ އެ ދުވަހު އޮތްފަދަ އަގުބޮޑު ރީތި ހާރެކެވެ. ޒަބަރުޖުދާއި ޔާގޫތާއި ރަނުން ފުރިފައިވާ މި ހާރު ކުރީ ދުވަހުގެ ހާރާ ހަމަ ކުޑަވެސް ތަފާތެއް ނެތެވެ.

މި މަންޒަރު ފެނިފައި ދަރުބާރީން ހިތަށް އެރިއެވެ. ކިސްރާ އެ އުޅުއްވަނީ ކުރީ ދުވަހު ކުޅުއްވި ކުޅިވަރު ކުޅުއްވާށެވެ. މިއަދު ހާރު ދަމައިގަންނާނީ ތިމަންނާ އެވެ. ގިނަ ބަޔަކު ހެނދުން ގަނޑުގައި ހިފައި އެއްލާލާން ތައްޔާރުވި އެވެ. ނަމަވެސް ކިސްރާ އަރަބި ކަނބުރުވެރިޔާއަށް އިޝާރާތްކުރައްވާފައި ވިދާޅުވިއެވެ. މިހާރަކީ ވިހި ހާސް ދީނާރަށްވުރެ އަގު ބޮޑު ހާރެކެވެ. މި ހާރު ކަލެޔަށެވެ. ގެންދާށެވެ. އެކަމަކު ޝަރުތަކާއެކުގަ އެވެ. މި ހާރުގައި ހިފަންވާނީ ލައިގެން ތިޔަހަރަހާ ފޭރާން ބާލާފައި، މައިމީހާގެ ބަނޑުން ނުކުތްއިރު ހުރި ގޮތަށް ހުރެގެންނެވެ.

އަރަބި ކަލޭގެ ދެންނެވިއެވެ. މުޅި ފާރިސްކަރަ ތިމަންނާއަށް ދެއްވާފައި އެކަރައިގެ ވެރިކަން ދެއްވި ނަމަވެސް، ތިމަންގެ ބޮލުގައި މިއޮތް ފަގުޑި ވެސް ހިއްލާނުލާނަމެވެ. ކޮންމެއަކަސް މުޅި ދަރުބާރު މިކަމާ ހައިރާންވެގެން ތިބެއްޖެއެވެ. އަދި ކިސްރާގެ ބުއްދިވެރިކަމާއި ކިސްރާއަށް ފާރިސީންގެ ކިބައިގައި ނެތް އަރަބީންގެ ކިބައިގައި ހުރި މާ ރަނގަޅު އަނެއް ސިފައަކީ ކޮބައިކަން ދެނެވަޑައިގަންނަވާލެއް ބޮޑުކަމާއެކު ކިސްރާގެ ހިކުމަތްތެރިކަމާމެދު އެންމެން އާޝޯހުވެފައި ތިބެއްޖެ އެވެ.

މިވާހަކައިން ތަފާތު އެތަކެއް އިބުރަތެއް ލިއްބައިދެއެވެ. އެއް ކަމަކީ، އެ ކިސްރާއަކީ ކިތަންމެ ބުއްދިވެރި ހިކުމަތްތެރި އިލްމުވެރި ބޭކަލެއް ނަމަވެސް، އޭނާގެ ފަހަށް ބާރުގަދަ ދައުލަތެއް ނެގެހެއްޓޭފަދަ މީހެއް އޭނާގެ ދަރުބާރުގައި ނެތްކަމެވެ. މުދާފައިސާއަށްޓަކައި މަރުދަންޖެހިފައިވާ އެ ދަރުބާރީންގެ ތެރެއިން މީހަކަށް ކިސްރާގެ ވެރިކަން ވާރުތަވުމާއެކު އެ ދައުލަތް ނެތިގެންދާނެ ކަމެވެ. ކަންވީވެސް އެހެން ނޫންތޯއެވެ؟

ދެވަނަ ކަމަކީ، މި ވާހަކައިގެ ތާރީހީ ދުވަސްވަރަށް ބަލާއިރު މި ވާހަކައަކީ އިސްލާމްދީން އައުމުގެ ވެސް ކުރީގެ ހާދިސާއެކެވެ. އާދޭހެވެ! މުދާފައިސާއަށްޓަކައި ތިމާގެ ނަފުސުގެ އިއްޒަތް ގުރުބާންކުރުމަކީ ޖާހިލިއްޔަ ޒަމާނުގެ އަރަބީންވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. އެކަމަކު އަހަރެމެންގެ ދިވެހި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ އުޅުއްވާ ގިނަ ބޭފުޅުންނަށް މުދާފައިސާއަށްޓަކައި ހަމަ ކޮންމެ ކަމެއް ކޮށްލުމަކީ ވެސް ކިސްރާގެ ދަރުބާރުގައި އެތިބަ މީހުން ބަރަހަނާވި ގޮތަށްވުރެ ވެސް ފަސޭހަކަމެކެވެ. ކިސްރާގެ ދަރުބާރުގައި ތިބި މީހުންވެސް ބަރަހަނާވަނީ ހަމަ އެކަނި ލައިގެން ހުންނަ ފޭރާންގަނޑު އެއްލާލައިގެންނެވެ. ނަމަވެސް މި ދިވެހި ދައުލަތުގެ އިސްވެރިންނާ މެދު މިފަހުން ފެނިމިދާހާ ވައްކަމާއި ހިޔާނާތުގެ ކަންކަމުގައި އެބައިމީހުން ފައިސާއަށްޓަކައި ބަރަހަނާވެ އެގަންނަނީ ނަފުސުގެ އެންމެހާ އިއްޒަތަކާއި އަބުރުގެ އެންމެހާ އަގަކާއި އިންސާނީ ލަދުވެތިކަން ވެސް ނަގާ ހޫރާލުމަށްފަހުގައެވެ.

އަލްބަޤަރާ ސޫރަތުގެ 206 ވަނަ އާޔަތް ބައްލަވާށެވެ! "އަދި ﷲ އަށް ބިރުވެތިވާށޭ އެމީހާޔާ ދިމާޔަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާ ހިސޯރުކުރެއެވެ. ފަހެ، އެމީހާޔަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، ވަދެ އޮންނާނެ ތަނެއްގެ ގޮތުގައި އެތަނުގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ!"

ފާޠިރު ސޫރަތުގެ 10 ވަނަ އާޔަތުގައި އަންގަވައެވެ. "އިއްޒަތްތެރިކަން އެދޭމީހާ (ދަންނާށެވެ!) ފަހެ، އެންމެހާ އިއްޒަތް، މިލްކުވެގެންވަނީ ﷲ އަށެވެ. ރަނގަޅު ބަސްތައް އުފުލިގެންދަނީ، އެކަލާނގެ ހަޒުރަތަށެވެ. އަދި ހެޔޮ އަމަލު އެކަލާނގެ ހަޒުރަތަށް އުފުލައްވައެވެ. އަދި ނުބައި ކަންތައް ރާވައިހަދާ މީހުންނަށް، ގަދަވެގެންވާ އަޒާބު ހުށްޓެވެ. އަދި، ގެއްލި ހަލާކުވެދާނީ ހަމައެމީހުންގެ ރޭވުންތަކެވެ. " މުނާފިޤޫން ސޫރަތުގެ 8 ވަނަ އާޔަތުގައިވެއެވެ. "...އިއްޒަތްވަނީ، ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިގުންނަކަށް (އެކަމެއް) ނޭނގެއެވެ." އަދި އަންނިސާއު ސޫރަތުގެ 138 ވަނަ އާޔަތުގައި އަންގަވައެވެ. "ހަމަކަށަވަރުން، މުނާފިގުންނަށް ވޭންދެނިވި އަޒާބުހުރިކަމުގެ ހަބަރު ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!"

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox