ރާއްޖޭގެ ބައެއް ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން މަރާކަމުގެ ޝަކުވާތައް ލިބޭތީ އެކަން ނުކުރަން މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން އިލްތިމާސް ކޮށްފި އެވެ.
އެނިމަލް ވެލްފެއަ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގައި ޖަނަވާރުގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށާއި ޖަނަވާރަށް ރަހުމުކޮށް، އަޅާލައި، އެތަކެއްޗަށް އޯގާތެރިވުމަށް އިސްލާމްދީން ބާރު އަޅާ ކަމެއް ކަމަށެވެ،
އިންސާނުންނާއި ޖަނަވާރުން ވެސް ދިރިއުޅޭން ލައްވާފައިވާ ތަނަކީ ދުނިޔެ ކަމަށް ވުމުން މި ދުނިޔެއަކީ ޖަނަވާރަށް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާރުއަޅާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ، އެ ސޮރުމެންނަށް ވެސް ލިބޭ މިނިވަންކަމުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި މައިގަނޑު ފަސް ކަމެއް ބަޔާންކުރެ އެވެ. އެއީ؛
- ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
- ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
- ވޭނާއި، ހާނީއްކައާއި، ބަލިން ބަލީން މިންޖުވުމުގެ މިނިވަންކަން.
- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
"މިނިސްޓްރީން ބުނީ މިފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ އެސޮރުމެންގެ ފަރާތުން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތްތަކުގައި އެ ސޮރުމެންނަށް ހާނިކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެންވާނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްޢިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވެ އެވެ. އޭގެތެރޭގައި ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، އިލްމީ ދިރާސާކުރުމަށާއި، އެނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުން ހިމެނެ އެވެ.

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކީ، ވަކި ބާވަތެއްގެ ކާނާއެއް ކާންދީ، އެ އެއްޗެއްގެ ސުލޫކު ވަކިގޮތަކަށް ބައްޓަންކޮށް، އަޅައިލުމާއި، ލޯބިދީ، ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެސޮރުމުންނަށް ލިބެމުން ދިޔަ އަޅައިލުމާއި، ލޯބިން މަހުރޫމުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.












