ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް އަނދައި އަޅިޔަށްވީ ޑިޖިޓަލްކުރަން މިލިއަނުން ފައިސާ ދީފައި ވަނިކޮށް

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ތިން މިނިސްޓްރީއެއް އަނދައި އަޅިއަށްވި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލުގައި ހުރި ބިންތަކުގެ ރަޖިސްޓްރީތަކާއި އުފަން ދުވަހުގެ ރަޖިސްޓްރީތައް އަނދައި އަޅިއަށްވީ، އެ ލިޔުންތައް ވެސް ހިމެނޭހެން ސިޓީ ކައުންސިލްގައި ހުރި ހުރިހާ ލިޔުމެއް ޑިޖިޓަލް ކުރަން ބޮޑު އަގެއްގައި ބަޔަކާ ހަވާލުކޮށްފައި އޮއްވައި ކަން "އަދަަދު" އަށް އެނގިއްޖެ އެވެ.

މި މަސައްކަތް މާލޭ ސިޓީ ކައުންސިލުން ހަވާލުކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކުރި އިއުލާނެއްގެ ދަށުންނެވެ. އޭގައި އޮތީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒެއް ކަމުގައިވާ ޑިޖިޓަލް ކުރުމުގެ މަޝްރޫއު ހިންގުމަށްޓަކައި ސެކްޝަންތަކުގައި ހުރި އެންމެހާ ލިޔެކިޔުންތައް ސްކޭންކުރުމަށް ބޭނުންވާތީ ބިޑު ހުށަހެޅުމަށެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތަކުގެ ގޮތުގައި އޮތީ އެ އިދާރާގެ ހުރިހާ ޑިޕާޓްމަންޓް، ސެކްޝަން އަދި ޔުނިޓް ތަކުގައި ހުރި އެންމެހާ ޑޮކިއުމަންޓްތައް ސްކޭންކުރުމެވެ. މި ހުރިހާ ލިޔެކިޔުންތައް ތަރުތީބުކޮށް ލާންޖެހޭ ފޯލްޑަރުތަކަށްލައި، އަޕްލޯޑުކުރަން ޖެހޭ ތަކެތި އަޕްލޯޑު ކުރަން ވެސް ޖެހެ އެވެ. މި ހުރިހާ ކަމެއް ކުރަން 14 މީހުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައި އޮތެވެ.

މި އިއުލާނުގެ ދަށުން މަސައްކަތް ހަވާލުކުރީ އެކުއިޓައިޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު އާއި ގިނަ ވިޔަފާރިތަކެއްގައި ހަރަކާތްތެރިވާ ހުސެއިން ސޮފްވާން ކިޔާ މީހެކެވެ.

އެކިއުޓައިޒް މޯލްޑިވްސްއާ ލިޔެކިޔުންތަކުގެ ޑިޖިޓަލައިޒޭޝަަން މަސައްކަތް ހަވާލުކުރީ ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެހެންނަމަވެސް މިއަހަރުގެ މެއި މަހާ ހަމައަށް ދިޔަ ދިޔައިރު، މަސައްކަތް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ނަމަވެސް، އެ ކުންފުންޏަށް ސިޓީ ކައުންސިލުން 4.5 މިލިއަން ރުފިޔާ ދީފައިވާ ކަމަށް، އެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

މި އަދަދު ކަށަވަރުކުރަން އެކިއުޓައިޒް މޯލްޑިވްސްއާ ތަކުރާރުކޮށް ސުވާލު ކުރެވުނެވެ. ނަމަވެސް ޖަވާބު ދޭން ބޭނުމެއް ނުވި އެވެ.

މި މަޝްރޫއުއާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ އެކި ފަންތިތަކުގެ މުވައްޒަފުންނާ މި ނޫހުން ވާހަކަ ދެއްކި އެވެ. ބައެއް ސްޓާފުން ގަބޫލުކުރާ ގޮތުގައި އެ މަޝްރޫއުގެ ބޭނުމަކީ ބަޔަކަށް ފައިސާތަކެއް ދޫކުރުމެވެ.

"އެހެން ނޫންނަމަ ތިން މަސް ދުވަހަށް ހަވާލުކުރި މަސައްކަތެއް އެތައް އަހަރަކަށް ދިގު ދެމިގެން ދާންޖެހޭ ސަބަބެއް ނެތް. އެ މީހުން ބައެއް ސްޓާފުން ގެނައި އެ މަސައްކަތަށް. ނަމަވެސް ހުރިހާ ވަސީލަތެއް، ސްކޭނަރަށް ދާންދެން ދިނީ ސިޓީ ކައުންސިލުން. ނަމަވެސް މަސައްކަތް އޮތީ ނުނިމި،" ސިޓީ ކައުންސިލްގެ މުވައްޒަފަކު ބުންޏެވެ.

ވަސީލަތްތައް ފޯރުކޮށް ދިނީ ސިޓީ ކައުންސިލުން ކަމަށް އެކުއިޓައިޒްގެ ފަރާތުން ވާހަކަ ދެއްކި މީހުން ވެސް އެއްބަސްވި އެވެ. ނަމަވެސް އެ މީހުން ބުނި ގޮތުގައި ހުރިހާ ޑޮކިއުމެންޓެއް ޑިޖިޓަލް ކުރުމުގެ މަސައްކަތް ނުނިންމުނީ ސިޓީ ކައުންސިލްގެ އިހުމާލުންނެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ ހަވާލު ކުރާ މިންވަރަށް. އަޅުގަނޑުމެން ތަކުރާރުކޮށް އެދިފައި ހުންނާނެ މަސައްކަތްތަކަށް،" ނަން ނުޖެހުމަށް ބުނެ، އެކުއިޓައިޒްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި މަސައްކަތުގައި ހޭދަވި ތިން އަހަރަށް ވުރެ ދިގު މުއްދަތުގައި 1 މިލިއަނަށް ވުރެ ގިނަ ކަރުދާސް ސްކޭންކޮށް، ރައްކާކުރެވިފައިވާނެ ކަމަށް އެކުއިޓައިޒްއިން ބުނެ އެވެ. އެއީ 2016 ފެށިގެން ކުރިއަށް ކުރިއަށް ހިނގާފައިވާ އަހަރުތަކުގެ ލިޔެކިޔުންތައް ކަމަށް ވެސް ބުނެ އެވެ.

ސިޓީ ކައުންސިލްގެ ލިޔުންތައް ޑިޖިޓަލްކޮށް އާކައިވްކުރުމުގެ މަސައްކަތް 2021 ގައި ބަޔަކާ ހަވާލުކުރިއިރު 2020 ވަނަ އަހަރުން ފެށިގެން ސިޓީ ކައުންސިލަށް ލިބޭ ހުރިހާ ލިޔުމެއް ދިޔައީ ސްކޭންކޮށް ރައްކާކުރަމުން ކަމަށް ވެސް އެ ކައުންސިލްގެ ބައެއް މުވައްޒަފުން ބުންޏެވެ.

މިކަން މިގޮތަށް ހިނގާފައިވާނަމަ، އެކުއިޓައިޒްއިން ކުރާނީ 2016 އިން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހުރި ލިޔުންތަކެވެ.

މާލެ ސިޓީ ކައުންސިލުގެ އިއުލާނުން އެނގޭ ގޮތުގައި އެ މަސައްކަތް އެކިއުޓައިޒްއާ ހަވާލުކުރީ މި މަސައްކަތް ކުރަން ފުރަތަމަ ކުރި އިއުލާނަށް އެއްވެސް ބަޔަކު އިޖާބު ނުދިނުމުންނެވެ. ނަމަވެސް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި މިކަމަށް އެދި ހުށަހެޅީ ކިތައް ކުންފުނިން ކަމެއް ނޭނގެ އެވެ.

މިއީ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލޭ ސިޓީ ކައުންސިލުގެ ތެރެއިން މިގޮތަށް ހިނގާފައި އޮތް ފުރަތަމަ ކަމެއް ނޫނެވެ. އާސަހަރާ މަރާމާތުކުރަން އެތަން ތަޅާލަން ވެސް ބަޔަކާ ހަވާލުކުރި އެވެ. ދެ މަސް ދުވަހުގެ ތެރޭގައި ކޮށް ނިންމާ ގޮތަށް ހަވާލުކުރި މި މަސައްކަތް ނުނިމި ހަ މަސް ވޭތުވީ ފަހުން، ކޮންޓްރެކްޓަރާ އެކީ ވެވުނު އެއްބަސްވުން ބާތިލުކުރީ މަސައްކަތުގެ އަގުގެ ތެރެއިން 3.9 މިލިއަން ރުފިޔާ ވެސް ދިނުމަށް ފަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox