ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުން ކޮށްގެން ޖޫރިމަނާ ކުރިއަސް ވޭޕް އަތުނުލާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ގާނޫނުގެ ދަށުން ވޭޕް ބޭނުން ކޮށްގެން ޖޫރިމަނާ ކުރަމުން ދިޔަ ނަމަވެސް، އެމީހެއް ބޭނުން ކުރި ވޭޕެއް ފުލުހުްން އަތުނުލާނެ ކަމަށެވެ.
"ވޭޕް ބޭނުން ކޮށްގެން ޖޫރިމަނާ އެކަނި ކުރާނީ. ވޭޕް އަތެއް ނުލާނެ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި ވޭޕުް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުން ޑިސެމްބަރު 15، ގައި މަނާވި ފަހުން، މިހާތަނަށް ހަތަރު މީހަކު 5،000ރ. ގެ މަގުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަ ކޮށްފަ އެވެ.
ފުލުހުން ބުނީ ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ކުރު މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށް ލިބޭނެ ކަމަށެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމަށް ފުލުހުން ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.
މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.












