ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗުން ތ. ތިމަރަފުށްޓާ 1-1 އިން އެއްވަރުވެ، މުބާރާތުގައި މޮޅުވުމުގެ ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުން އައި ފުވައްމުލަކު ސިޓީ އަށް ހުއްޓުމެއް އަތުވެއްޖެ އެވެ.
ގްރޫޕް ސްޓޭޖުގައި ފުވައްމުލަކުން ވަނީ ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ. އެ ގްރޫޕްގައި ފަސް ޓީމު ހިމެނުނުއިރު، ފުވައްމުލަކު ވަނީ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފަ އެވެ. ތިމަރަފުށިން ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވީ، މާލެ ސިޓީ އާއި ބ. އޭދަފުށި އަތުންނެވެ. ދެ ވަނަ ބުރަށް އައީ، ހަނި ފަރަގަކުން ބ. ތުޅާދޫ ބަލިކޮށްފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ތިމަރަފުށިން ވަނީ 10 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ފުރަަތަމަ ޑިވިޝަނުގައި ކުޅުނު އާދަމް ނާސިހު (އާދަންނާ) ނެގި ހުރަހަކުން އަލީ އިލްމާން އަހުމަދު މޫސާ ބޮލުން ޖެހި ގޯލެެކެވެ. އިލްމާން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.
ތިމަރަފުށްޓަށް ލީޑު ހިފަހައްޓައިލެވުނީ، 15 މިނިޓެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ފުވައްމުލަކަށް ކުޅޭ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. ދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު ކޯފީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި އަށް ވަނަ ގޯލެވެ.
މެޗުގައި ދެ ވަނަ ފަހަރަށް ތިމަރަފުށްޓަށް ލީޑުނަގައިދޭން އަބްދުﷲ ޒިޔާނަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ފުވައްމުލަކަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފުރަތަމަ ޑިވިޝަނުގައި ވެސް ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކާ އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ އެޓޭކްތަކެއްކޮށް އެ ޓީމު މޮޅުކޮށްދެވޭތޯ މަސައްކަތްތަކެއްކޮށްފަ އެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރަކީ، 12 ޓީމުގެ މެދުގައި ކުޅޭ ގްރޫޕް ސްޓޭޖު ބުރެކެވެ. ހަތަރު ގްރޫޕަށް ބެހިފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. ތިމަރަފުށްޓާއި ފުވައްމުލަކުގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ، ކ. ގުރައިދޫ އެވެ.












