މަސްތުވާތަކެތި ބޭނުންކޮށް އެ ތަކަތީގެ ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި އަދަބުތައް ދެވޭގޮތަށް ތަންފީޒީ އިދާރާތަކަށް އިތުރު ބާރު ލިބޭ އިސްލާހުތަކާ އެކު މަޖިލީހަށް ހުށަހަޅާފައި އޮތް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.
ގަމު ދާއިރާގެ ޕީއެންސީ މެންބަރު، ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ބަލައިގަންނަން ބޭނުން ނުވާ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުދިނުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
އެގޮތުން މި ބިލުގެ ދަށުން ހާސިލްކުރަން ބޭނުންވާ އަށް ކަމެއް ސަރުކާރުން ފާހަގަކޮށްފައިވެ އެވެ. އެއީ؛
- ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން.
- މަސްތުވާތަކެއްޗަށް ދެވިހިފާފައިވަ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރަދަނާކުރުން.
- ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޜުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން.
- ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާކުރުން.
- އެނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހުރި ކަންކަމަށް ބަލާއިރު، ފުލުހުންނާއި ކަސްޓަމްސްގެ ބޭފުޅުންނަށް އިތުރު ބާރުތަކެއް ދިނުމާއި މަސްތުވާތަކެތީގެ ބާވަތްތަކުގެ ގޮތުގައި ގާނޫނުގައި ބަޔާން ކޮށްފައިވާ ބާވަތްތަކުގެ ގޮތުގައި އިތުރު ވައްތަރުތައް ހިމެނުން ހިމެނެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ބިލު ދިރާސާ ކުރާނީ ޖުޑީޝަރީ ކޮމިޓީންނެވެ.












