ސޮނީ ފިޝިން އިން އިންތިޒާމު ކޮށްގެން މިއަދު ބޭއްވި "ކަނޑުފޯރި" މަސް ރޭހުގެ ދެވަނަ އެޑިޝަންގެ ޗެމްޕިއަންކަން ކެޕްޓަން ބޯޓް ކްލަބުން ހޯދައިފި އެވެ.
މުބާރާތުގައި ވާދަކުރި 12 ޓީމުން ހެނދުނު 06:00 ޖެހިއިރު މަހަށް ފުރިއިރު، އެނބުރި އައިސްފައި ވަނީ ރޭގަނޑު 08:00 ޖެހިއިރެވެ.
މުބާރާތުގެ ދެވަނަ ނޯރާއިން ހޯދިއިރު، ތިންވަނަ ހޯދީ ޝިޔާޒް ސްޕޯޓްސް ފިޝިންއިންނެވެ.
މުބާރާތުގެ އެއްވަނަ ހޯދި ކެޕްޓަން ބޯޓް ކްލަބްގެ އާސިމް މުހައްމަދު (ސިމްބެ) ބުނީ މުބާރާތުގެ ދެވަނަ މިދިޔަ ފަހަރު ލިބުމާއެކު މިފަހަރުގެ މުބާރާތަށް ނުކުތީ އެއްވަނަ ހޯދުމުގެ އަޒުމުގައި ކަމަށެވެ. އެގޮތުން އެއްވަނަ ހޯދުމުގެ އިތުރުން އެންމެ މޮޅު ފިޝަމަންގެ މަގާމު ޓީމަށް ލިބުމުން އުފާވާ ކަމަށް އޭނާ ބުންޏެވެ.

ކަނޑު ފޯރި 2024 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އެއްވަނަ ޓީމަށް 25،000ރ. ފައިސާގެ އިނާމުގެ އިތުރުން 10،000ރ. ގެ ވައުޗާއެއް ލިބުނެވެ. ދެވަނަ ޓީމަށް 15،000ރ. ގެ ފައިސާގެ އިނާމަކާ އެކު 8،000ރ. ވައުޗާއެއް ދިންއިރު، ތިންވަނަ ޓީމަށް 10،000ރ. ގެ ފައިސާގެ އިނާމާ އެކު 5،000ރ. ގެ ވައުޗަރެއް ދިނެވެ.
ކަނޑު ފޯރީގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ބެސްޓް ފިޝަމެންގެ މަގާމު ހޯދީ ކެޕްޓަން ބޯޓް ކްލަބުގެ އަހުމަދު ރިއްފަތު (ރިއްޕެ) އެވެ. އޭނާއަށް 5،000ރ. ލިބުނެވެ.

ކަނޑު ފޯރި 2024 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ރިއްޕެ ބުނީ މުބާރާތުގެ އެންމެ މޮޅު ފިޝަމަންގެ މަގާމު ހޯދުނީ ހެނދުނުން ފެށިގެން ކުރި ބުރަ މަސައްކަތުން ކަމަށާއި 10 އަކަށްވުރެ ގިނަ މަސް އޭނާ އެކަނި ބޭނި ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި ކަނޑު ފޯރީގެ ޗެމްޕިއަންކަން ހޯދީ ޓީމް ބަނޫން އެވެ.
މިފަހަރުގެ ކަނޑުފޯރި ނިންމާލީ އަންނަ އަހަރު ވެސް މުޅިން އާ ބަދަލުތަކާ އެކު ކަނޑުފޯރި އޮންނާނެ ކަމުގެ އުފާވެރި ހަބަރު އިއުލާން ކުރުމަށްފަހު އެވެ.








