މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސޮނީ ފިޝިންގެ "ކަނޑު ފޯރި" މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދެ ކަޓަރަގީއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ކަނޑު ފޯރި" މަސް ރޭހުގައި އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ އެވެ. އެ މަސް ރޭހުގައި ހިމެނެނީ ސްޕޯޓްސް ފިޝިން އާއި އަތުނަނުގެ މަސްވެރިކަމުގެ ދެ ކެޓަގަރީ އެވެ.
އެ ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމަށް 7388536 ނަންބަރާ ގުޅައިގެން ވެސް އަދި www.kandufoari.com އަށް ޒިޔާރަތްކޮށްލައިގެން ވެސް ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެ އެވެ.
ސޮނީ ފިޝިންއާއި ޔުނިކްސް ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެ މަސް ރޭހަކީ އެ ދެކުންފުނި ގުޅިގެން ހަދާފައިވާ "ކަނޑު ފޯރި" ވާޗުއަލް ފިޝިން އެޕު ލޯންޗު ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
އެގޮތުން އެ މުބާރާތުގައި "ކަނޑު ފޯރިި" އެޕު ދައްކާލުން އޮންނާނެ އެވެ. މަސް ހިފައިގެން ކިރަން އަންނަ އުސޫލު ނިނުމަކަށް ގެނެސް، އެ މަސްރޭހުގައި ބާނާ މަސް، ކަނޑު ފޯރި އެޕު ބޭނުންކޮށްގެން ބައިވެރިންގެ އަމިއްލަ ޕްރޮފައިލަށް އަޕްލޯޑުކޮށް ޕޮއިންޓު ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ އެވެ.
ކަނޑު ފޯރީގެ ފުރަތަމަ ރޭހަށްފަހު ކޮންމެ މަހަކު ވެސް ރޭހެއް ބޭއްވުމަށް ސޮނީ ފިޝިން އިން ވަނީ ނިންމާފަ އެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ބާއްވަ މުބާރާތްތަކުގައި އޮންލައިންކޮށް ބައިވެރި ވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކަނޑުފޯރި އެޕު ތައާރަފު ކުރުމަށްފަހު ބާއްވާ ރޭސްތަކުގައި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ބައިވެރިވެވޭނެ އެވެ.
"ކަނޑު ފޯރި" ގެ ފުރަހަމަ މަސް ރޭހުގައި ބައިވެރިވާ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުތައް ސޮނީ ފިޝިން އިން ވަނީ ހުށަހަޅާފަ އެވެ.
އެ މުބާރާތުގެ ސްޕޯޓްސް ފިޝިން ކެޓަގަރީއިން އެއްވަނަ ހޯދާ ފަރާތަށް 15،000ރ. ފައިސާގެ އިނާމާއި 10،000ރ. ގެ ގިފްޓު ވައުޗަރެއް ލިބޭނެ އެވެ.
އޭގެ އިތުރުން އަތުނަނު ކެޓަގަރީން އެއްވަނަ ހޯދާ ފަރާތަކަށް 10،000ރ. އާއި 5000ރ. ގެ ގިފްޓު ވައުޗަރެއް ސޮނީ ފިޝިން އިން ވަނީ ހުށަހަޅާފަ އެވެ.
މަސް ރޭސް އިންތިޒާމުކުރާ ޔުނިކްސް ސްޕޯޓްސްއިން ބުނީ ކަނޑު ފޯރީގެ ފުރަތަމަ މަސް ރޭހުގައި "ކަނޑު ފޯރި" އެޕާއި ގުޅޭ ގޮތުން މަސްވެރިކަމުގައި އުޅޭ ގިނަ ފަރާތްތަކަށް މައުލޫމާތު ދެވޭނެ ކަމަށާއި އޮންލައިން އެޕެއް ބޭނުންކޮށްގެން މަސް ރޭސް ބޭއްވުމުގެ އެންމެ މުހިންމު ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ހިތްވަރުދިނުން ކަމަށެވެ.








