ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ދ. ކުޑަހުވަދޫ އަތުން ދ. މީދޫން 2-1 އިން މޮޅުވުމާ އެކު، އެ ޓީމާއި ހއ. ދިއްދޫ އަށް މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު ޖާގަތަށް ލިބިއްޖެ އެވެ.
މި ގްރޫޕްގެ ފަހު މެޗުގައި ދިއްދޫން ގދ. ފަރެސްމާތޮޑާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެ ޓީމަށް ވަނީ ގަދަ 12 ޓީމުގެ ތެރޭގައި ހިމެނި އަނެއް ބުރު ޔަގީންވެފަ އެވެ. ދިއްދޫން ރޭ ފަރެސްމާތޮޑާ ބަލިކުރީ 4-2 އިންނެވެ.
ފަސް ޓީމު ހިމެނޭ ގްރޫޕް އޭގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހޯދައިގެން، ޏ. ފުވައްމުލަކު ސިޓީ ވަނީ އަނެއް ބުރު ޔަގީންކޮށްފަ އެވެ. ދެ ވަނައިގައި އޮތް ދިއްދޫ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މީދޫ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް، ދ. ކުޑަަހުވަދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ގދ. ފަރެސްމާތޮޑާ ފުރަަތަމަ ތިން މެޗުން ވެސް ބަލިވެ ވަނީ މުބާރާތުން ކަޓައިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މީދޫން ލީޑުނެގީ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވާޑް، މުޒްދާން ހަސަން ޖެހި ޕެނަލްޓީންނެެވެ. ޒުވާން ގައުމީ ޓީމަށް މީގެ ކުރިން ކުޅުނު، އަދި ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އިބްރާހިމް އިމްރާން (އިންމި) މި ފަަހަރުގެ ގޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މި މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.
މީގެ ކުރިން، އަތޮޅު ފުޓްބޯޅަ މުބާރާތުގެ މިިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ކުޑަހުވަދޫ މިއަދުގެ މެޗުން މޮޅުވުން މަޖުބޫރުކަން އެނގި، އެ ޓީމަށް ޖެހުނީ އެންމެ ގޯލެކެވެ. މެޗުގެ ފަހުކޮޅުގައި މި ގޯލު ޖެހީ، މުހައްމަދު ޒިހާން ހުސެއިންނެވެ. މި މުބާރާތުގައި ކުޑަހުވަދޫން ޖެހި ގިނަ ގޯލުތަކެއް ފެނިގެންދިޔައީ ޒިހާންގެ ފަރާތުންނެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ޖާގަތައް ހޯދީ، ކ. މާފުށި، ޅ. ނައިފަރު، ކ. ގުރައިދޫ، ޅ. ކުރެންދޫ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި، ތ. ތިމަރަފުށި، ދ. މީދޫ އަދި ހއ. ދިއްދޫ އެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ ފުރަތަމަ ބުުރުގެ 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ. ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެއް ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ.












