ދިވެހިބަހުގެ އެކެޑަމީގެ މަސައްކަތްތައް ހިންގުމަށް ދިވެހި ލޭންގުއޭޖު، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އައްޔަންކޮށް، މިނިސްޓަރު އާދަމް ނަސީރު ސޮއި ކުރައްވައި އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް މެމޯއެއް ފޮނުވައިފި އެވެ.
ޑިސެމްބަރު 5، 2024 ގައި މިނިސްޓަރު އާދަމް ނަސީރު ފޮނުއްވި މެމޯގައި ވިދާޅުވެފައި ވަނީ؛ "ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން 2024 ނޮވެންބަރު 26 އިން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓަވާނީ މި ވުޒާރާގެ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖު، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބު އަލްފާޟިލް އިބްރާހިމް ވަހީދުގެ ލަފާގެ ދަށުން ކަމުގައި ހުރިހާ މުވައްޒަފުންގެ މައުލޫމާތަށް ޓަކައި ދަންނަވަމެވެ."
މެމޯގެ ސުރުހީގައި ލިޔެފައި ވަނީ ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް ހިންގުމަށް ވަހީދު އައްޔަންކުރާ ވާހަކަ އެވެ.
މިއީ ސައްހަ މެމޯއެއް ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ކަށަވަރުކޮށް ދިނެވެ.

ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ ދަށުން 2009 ގައި އުފެއްދި ބަހުގެ އެކަޑަމީ ހިންގަން ފަސް މެންބަރުންގެ ބޯޑެއް އައްޔަން ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންވެ، މިނިސްޓަރު ފޮނުވި މެމޯގެ ގާނޫނީ ބާރުވެރިކަމެއް ނެތް ކަމަށް މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވި އެވެ.

އެކެޑަމީގެ ރައީސްގެ މަސްއޫލިއްޔަތު
- އެކެޑަމީގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދޭތޯ ކަށަވަރުކުރުން.
- އެކެޑަމީގެ ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން.
- އަދަބީ ޖަމްއިއްޔާތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުން.
- ފަންނީ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކޮށް ހިނގާ ނުހިނގާގޮތް ބެލުން.
- އެކެޑަމީގެ މަސައްކަތްތަކާ ގުޅިގެން ކަމާބެހޭ ވަޒީރަށް ޖަވާބުދާރީވުން.
- މި ގާނޫނު ތަންފީޒުކުރެވެމުންދޭތޯ ބަލައި، އެކަން ކަށަވަރުކުރުން.
ނައިބުރައީސްގެ މަސްއޫލިއްޔަތު
- ރައީސްގެ ލަފާގެ މަތީން، އެކެޑަމީގެ އިދާރީ ހުރިހާ ކަމެއް ވިލަރެސްކުރުން.
- ރައީސް ނެތް ހާލަތެއްގައި ނުވަތަ މަސައްކަތަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި އޭނާގެ މަސްއޫލިއްޔަތު އަދާކުރުން.
- މީގެ އިތުރުން، މި ގާނޫނުގެ ދަށުން އެކެޑަމީގެ މަގްސަދު ހާސިލުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުން.
ބަހުގެ އެކަޑެމީ ހިންގުމަށް މިނިސްޓަރުގެ މެމޯއަކުން އައްޔަން ކުރި ވަހީދު އަކީ، މިހާރު ވެސް ބަހުގެ އެކެޑަމީގެ މެމްބަރެކެވެ.











