އިސްތިއުފާއަށް ފަހު އާދަމް ނަސީރުގެ ނުސީދާ މެސެޖެއް، އަރަބި ޅެމަކުން!

ކުރީގެ މިނިސްޓަރު އާދަމް ނަސީރު

ކުރީގެ މިނިސްޓަރު އާދަމް ނަސީރު

ރައީސުލްޖުމްހޫރިއްޔާގެ ސީދާ "ލަފާ ފުޅާއި އިރުޝާދުގެ ދަށުން" ކަންކަން ހިންގަވަމުން ގެންދެވި 10 ވަޒީރެއްގެ ބުޑުގައި ސައްޕުޖައްސަވައި އިއްޔެ އެއްލަވައިލެއްވީ ސަރުކާރުގެ ހިންގުމަށް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ "ހެޔޮ ބަދަލުތަކަށް" ފުރުސަތު ދިނުމަށް ކަމަށް ބުނެ އެވެ.

"ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވައިފި،" ރައީސް އޮފީހުން ބުނެފައި ވެ އެވެ.

ހެޔޮ ބަދަލެއް ގެންނާން ޖެހޭނީ، ގޯހުން ހިނގަމުންދިޔަ ކަމަކަށެވެ. ވަޒީރުންގެ ތެރެއިން 10 ބޭފުޅެއްގެ އިސްތިއުފާއާ ގުޅުވައި ސަރުކާރަށް ހެޔޮ ބަދަލުތަކެއް ގެންނަ ވާހަކަ ދެއްކީމާ "ގޯސް" މި ލަފުޒު އިބާރާތުގައި ނެތަސް، މުއިއްޒުގެ ވިސްނުމުގައި ގޯހަކީ އެ ބޭފުޅުންކަން ސާފުވެ އެވެ.

Advertisement

އެ ހުތުރު ބަދުނާމު ވަޒީރުންގެ ބޮލުގައި އެޅުވުމަށްފަހު، އިއްޔެ މުއިއްޒު ގެންނެވި ބަދަލާއެކު، މުޅި ސަރުކާރު އޮތީ ހަނުހިމޭނުންނެވެ. ވަކިކުރި ގިނަ މިނިސްޓަރުންގެ ވެސް މާބޮޑު ހިލަމެއް ނެތެވެ.

ނަމަވެސް، އެ ހިމޭންކަމުގެ ތެރެއިން، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމުން  އިިސްތިއުފާދެއްވި އާދަމް ނަސީރު ނުސީދާ މެސެޖެއް އިއްޔެ ސޯޝަލްމީޑިއާއަށް ދޫކޮށްލައްވައިފި އެވެ.

ފޭސްބުކްގައި ނަސީރު ހިއްސާކުރެއްވީ ކޮންމެ މީހެއްގެ ގައިގައި ވެސް ފޮރުވިފައިވާ އުނި ކަންތައްތަކެއް ބަޔާންކޮށްފައިވާ ޅެމެކެވެ. އެއަށްފަހު ދެނީ އަގުހުރި ނަސޭހަތްތަކެކެވެ.

ޅެމުގެ ފުރަތަމަ ބައިތުގައި ވެސް ދީފައި ވަނީ ނުހަނު އަގުހުރި އަދި އެހާމެ މާނަ ފުން ނަސޭހަތެކެވެ.

މީސްތަކުންގެ އައިބުތައް ފާޅުވާހިނދު، ހަނދާކުރާށެވެ،

ތިބާގެ ގައިގައި ވެސް އައިބުތަކެއްވެ އެވެ. އަދި އެހެންމީހުންނަށްް އެތަން ފެނެއެވެ،

މި ބައިތުގައި ބަޔާންކޮށްފައި އެވަނީ މީހެއްގެ އައިބުތައް ހާމަވާ ވަގުތުގައި އެ މީހެއްގެ އައިބުތަކުގެ ވާހަކަދައްކައި މައްލަވަކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމެވެ. ސަބަބެއްގެ ގޮތުގައި ޅެންވެރިޔާ އެ ބަޔާންކުރަނީ ކޮންމެ މީހެއްގެ ވެސް އައިބުތަކެއްވާ ކަމެވެ. އެ އައިބުތައް އަމިއްލަ ލޮލަށް ނުފެނުނުކަމުގައިވިޔަސް، ދުރުގައި ތިބި މީހުންނަށް އެ އައިބުތައް ފެންނަ ވާހަކަ އެވެ.

މީހެއްގެ ނުބައިކަމުގެ ވާހަކަދައްކާލުމަކީ ދުލަށް ކިތަންމެ ލުއިކަމެއް ކަމުގައިވިޔަސް، އެ ވާހަކަދައްކާ މީހާގެ ވެސް އައިބުތަކެއްވާކަން ދަންނަނީ މަދު ބައެކެވެ. ފުރަތަމަ ބައިތުގައި ޅެންވެރިޔާ ނަސޭހަތް އެ ދެނީ އެ މައުލޫގަ އެވެ،

އަދި އެހެން މީހުންގެ އައިބުތައް ތިބާއަށް ފެންނަމަ ބުނާށެވެ،

ފަހަރެއްގައި އެ މީހުންނަށް އެ އައިބުތައް ކުރިމަތިވީ، އަހަންނަށް ވެސް ކުރިމަތިވި ފަދައިންނެވެ،

މި ބައިތުގައި ޅެންވެރިޔާ އެ ކިޔައިދެނީ އިންސާނީ އާންމު ތަބީއަތުގެ ވާހަކަ އެވެ. ތިމާގެ ހުންނަ އުނި ސިފައަކީ މިވެނި އެވެނި ސަބަބަކާހުރެ ހުންނަ ސިފައެއް ކަމަށް އަމިއްލަ ބުއްދިއަށް ގަބޫލު ކުރެވެ އެވެ. އަދި، ތިމާގެ އަމިއްލަ ނަފުސުުގައި ހުންނަ އުނިކަމަކީ އެއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ވެސް އިންސާނާ ނުބަލަ އެވެ.

ނަމަވެސް، އެހެން މީހެއްގެ އުނިކަމެއް ނުވަތަ ނާގާބިލުކަމެއް ފާހަގަކުރެވިއްޖެ ނަމަ، އެ މީހަކަށް ބަލަން ދެލޮލަށް އިންސާނާގެ ސިކުނޑި ވެސް ލާޒިމު ކުރެ އެވެ. ގިނަ މީހުންގެ ހާލަކީ މިއީ އެވެ. 

ޅެންވެރިޔާ ދޭ ނަސޭހަތަކީ، އެހެން މީހެއްގެ އުނި ސިފައެއް ތިމާއަށް ފެނިއްޖެ ނަމަ، ތިމާގެ ހުރި އުނި ސިފަތަކާމެދު ތިމާ ދެކޭ ގޮތަށް އެ މީހާގެ ސިފައާ މެދު ވެސް ދުށުމެވެ. އެހެނީ އެ މީހާއަށް ވެސް އެ އުނިކަން ލިބިފައި އެ ވަނީ ހަމަ، ތިބާގެ އުނިކަން ތިބާއަށް ލިބުނު ފަދައިން ކަމުގައި ވާތީ އެވެ.

އެތައް ބަޔަކު އެމީހުންނަށް ފާޑުކިޔަ އެވެ،

އެމީހުންގެ އަމިއްލަ ނަފުސު އައިބުތަކުން ފުރިގެންވާއިރު ވެސްމެ އެވެ،

މިއީ ދިވެހި މުހާވިރާގައި ވެސް އޮންނަ ފަދައިން ދުނިޔޭގެ ސުންނަތެވެ. ހަތް ގުދުލީ މީހާ އެއް ގުދުލީ މީހާއަށް އެއްޗެހި ގޮވާނެ އެވެ.

ގިނަ ފަހަރު ކަން ހިނގާ މަގަކީ، މީހުންގެ އުނި ސިފަތަކާއި މީހުންގެ ކުށްތަކުގެ ވާހަކަދައްކާ މީހުންގެ ފަސްބައި މާބޮޑަށް ހުތުރުވުމެވެ. އާންމުގޮތެއްގައި އެންމެ ގިނައިން މީހުންގެ ކުށް ދައްކަމުން ހިނގާ މީހުންނަކީ އުޅުން އެންމެ އައިބު މީހުންނެވެ. 

އެ ބާވަތުގެ މީހުންގެ އުޅުން ހުންނަ ގޮތް ދެން އޮންނަ ބައިތުގައި ޅެންވެރިޔާ އިތުރަށް ތަފުސީލުކޮށްދެ އެވެ. ތިމާގެ ފަތިފުށް ކިތަންމެ ހުތުރަސް، އެހެން މީހުންނަށް ނަސޭހަތްދިނުމާއި ތައުބާ ލައިދިނުމުގައި އެމީހުން ވާދަ ޖަހަ އެވެ.

ނަސޭހަތްތެރިން އެތައް ނަސޭހަތެއްދެއެވެ،

ނަމަވެސް ނަސޭހަތްދިނުމަށް ފަހު އެމީހަކު ތައުބާއެއް ނުވެއެވެ،

ތިމާގެ އައިބުތަކުގެ މައްޗަށް އެހެން މީހުންގެ އުނި ސިފަތައް އިސްކުރާ މީހުންނަށް ނުކުރެވޭ ކަމަކީ އެ މީހުންގެ ކުށްތައް ގަބޫލު ކުރުމެވެ. ޅެންވެރިޔާ ބަޔާން އެ ކުރަނީ އެފަދަ މީހުން ކުރާ ކުށްތަކަށް އެމީހުން ތައުބާ ނުވާ ވާހަކައެވެ.

އެ ބާވަތުގެ މީހުންނަކީ މީސްތަކުންގެ ތެރެއިން އެންމެ އަހުލާގު ހެޔޮ، ރަނގަޅު މީހުން ކަމުގައި ގިނަ ބަޔަކަށް ގަބޫލު ކުރެވެ އެވެ. ސަބަބަކީ އެމީހުންގެ ކުށްތައް ފޮރުވުމުގައި އެމީހުން ކުޅަދާނަވުމެވެ. އަދި، އެހެން މީހުންނާ ދިމާލަށް އިނގިލި ދިއްކުރުމުގައި އެމީހުން އަވަސްވެގަންނަ މިންވަރުންނެވެ. ދެން އޮތް ދެ ބައިތުގައި ޅެންވެރިޔާ ބަޔާންކުރަނީ އެ ވާހަކަ އެވެ.

އެތައް ބަޔަކު ބޭރުފުށުން ދުވާލު ރޯދައަށް ތިބެއެވެ،

ނަމަވެސް ސިއްރިއްޔާތުގައި ނުބައި ކަންކަމަށް އަވަސްވެގަނެއެވެ،

މީސްތަކުންގެ ކުރިމަތީގައި އޭނާ ފެންނަނީ ތަގުވާވެރިއެއްގެ ގޮތުގަ އެވެ،

ނަމަވެސް އެކަހެރިވުމުން އޭނާ ވަނީ ނުބައިކަމާ ގާތްވެގެންނެވެ،

މި ދެ ބައިތުގައި ޅެންވެރިޔާ ބަޔާން އެ ކުރަނީ އެ ބާވަތުގެ މީހުން، އެމީހުންގެ ކުށްތައް ފޮރުވަން ކުރާ މަސައްކަތެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސާ ގޮތެވެ.

އެ ބާވަތުގެ މީހުންނަކީ ވަރަށް އަޅުވެރި، ޒުހުދުވެރި ބައެއްކަމުގައި ބޭރުފުށުން މީހުންނަށް ދައްކަ އެވެ. އެހެންނަމަވެސް، މީހުންނަށް ނުފެންނަ ތަނުގައި އެމީހުންގެ އަމަލުތައް ހުންނަނީ ދިމާ އިދިކީލަކޮށެވެ. ދުވާލު ވާ ވައުދުތައް ރޭގަނޑު އެމީހުން މުގުރާލަ އެވެ. ރޭގަނޑު ކުރާ ކަންކަން ދުވާލު ވަންހަނާ ކުރެ އެވެ.

އެފަދަ މީހުންނަކީ މާތް ބައެއްގެ ގޮތުގައި ގިނަ މީހުން ގަބޫލުުކުރަނީ އެ ސަބަބާހުރެ އެވެ.

އަންހެނުންގެ ކުރިމަތީގައި އަބުރުވެރި، އިއްފަތްތެރިއެކެވެ،

ނަމަވެސް އެކުވެރިންގެ ތެރޭގައި އޭނާގެ އުޅުން ގޯހެވެ،

މި ބައިތުގައި ޅެންވެރިޔާ ބަޔާން އެ ކޮށްދެނީ އެފަދަ މީހުންގެ ދެފުށް ދެގޮތް ކަމެވެ. އެ މީހުންނަކީ ގޭތެރޭގައި ހުލްގުހެޔޮ އަބުރުވެރި ބައެކެވެ. ހަމައެހެންމެ، އެހާމެ އިއްފަތްތެރި ތެދުވެރި ވެސް ބައެކެވެ.

އެހެނަސް، އޭނާގެ މިތުރުންގެ ގާތުގައި އޭނާގެ އަސްލު ސިފަ ހާމަކުރެ އެވެ. ފޮރުވައިގެން ގެންގުޅޭ އޭނާގެ ނުސިޔާނުކަމުގެ ފޮށި އެމީހުންގެ ގާތުގައި އޭނާ ހުޅުވަ އެވެ. އަދި، އެ ކަންކަމުގެ ހަބަރު، އެހެން މީހުންނަށް ނޭނގޭ ކަމަށްޓަކައި އެމީހުން ހީނ ސަމާސާ ކުރެ އެވެ.

އެ ހުރިހާ ކަމެއް ބަޔާން ކޮށްދިނުމަށްފަހު، ޅެންވެރިޔާ ކުރަނީ ސުވާލެކެވެ.

ފަހެ އަހަންނަށް ބުނެދީބަލާށެވެ؛ އެއްވެސް އައިބެއް ނެތި ދިރިއުޅެނީ ކާކު ހެއްޔެވެ؟

الله އެ ކަންކަން ފަރުދާ ނުކުރެއްވިނަމަ، ދޫތައް ދުވަހަކު ވެސް ހިމޭނަކުން ނުއޮތީހެވެ،

ކިޔުންތެރިންނަށް ދޫކޮށްލާ ސުވާލާއެކު މުހިންމު ވާހަކައެއް މި ބައިތުގައި ޅެންވެރިޔާ އެބަ އޮޅުންފިލުވައިދެ އެވެ. އަހަރުމެންގެ ވެރި ރަސްކަލާނގެ، އަހަރުމެންގެ ކުށްތައް ފަރުދާ ނުކުރެއްވި ނަމަ، ސިއްރުގައި އަހަރުމެން އަރައިގަންނަ ފާފަތައް މީސްތަކުންނަށް ވަންހަނާ ނުކުރެއްވި ނަމަ، އަހަރުމެންގެ ތެރެއިން އެއްވެސް މީހަކަށް އެގޮތުގައި އުޅެވުނީސް ހެއްޔެވެ؟ ހުރިހާ ނުބައި ކަމަކަށް އަރައިގަންނަމުން، ތިމާގެ ހުރިހާ އައިބެއް ފޮރުވައިގެން ހުރެ، އެހެން މީހުން ކުށްވެރި ކުރުމުގެ ފުރުސަތު އޮތީސް ހެއްޔެވެ؟ އަހަރުމެންގެ ފާފަތައް ފޮރުއްވައިނުދެއްވި ނަމަ، އަހަރުމެން ފަލީހަތްވެ، އެންމެން އެ ވާހަކަތައް ދެއްކުން ހުއްޓާލާނެ ވަގުތެއް އަންނާނެ ހެއްޔެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox