ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިއަދު ހަވީރު ކ. ގުރައިދޫ 1-0 އިން ބަލިކޮށް. ޅ. ކުރެންދޫން ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.
މި މެޗުން ބަލިވި ނަމަވެސް, ގުރައިދޫ އަށް ވެސް ވަނީ ދެ ވަނަ ބުރުގެ ޖާގަ ޔަގީންވެފަ އެވެ.
ގްރޫޕް ސީގެ އެއް ވަނަ ހޯދީ ފަސް ޕޮއިންޓް ހޯދި އައްޑޫ ސިޓީ އެވެ. ދެ ވަނަ ހޯދި ގުރައިދޫ އާއި ތިން ވަނަ ހޯދި ކުރެންދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕުން ކެޓީ ތިން ޕޮއިންޓް ލިބުނު ކ. ހުރާ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކުރެންދޫ އަށް ޖަހައިދިނީ އެ ޓީމަށް ކުޅޭ ބެލްޖިއަމް މިޑްފީލްޑަރު، ޖޯޑީ ބާޓް އެވެ. އޭރިއާތެެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޖޯޑީ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ގުރައިދޫން ކުރިއަށް ޖެހިގެން ކުޅެ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަމެއް ހާސިލެއް ނުވި އެވެ. ކުރެންދޫގެ ގޯލު ބެލެހެއްޓި ސްރީ ލަންކާގެ ކެޕްޓަން، ސުޖަން ޕެރޭރާ ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ގޯލެއް ވަނަނުދީ ހިފަަހައްޓައިފަ އެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ ފުރަތަމަ ބުުރުގެ 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ.
ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން އަށް ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެ ޖާގަތައް ހޯދީ، ގުރައިދޫ، ކުރެންދޫ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި އަދި ތިމަރަފުށިންނެވެ.












