ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިރޭ ކ. ހުރާ އަތުން 1-0 އިން މޮޅުވެ، އައްޑޫ ސިޓީން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މި މޮޅާ އެކު، އައްޑޫ ސިޓީން ވަނީ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ފުރަތަމަ ދެ މެޗުން އެއްވަރުވި އައްޑޫން ތިން ވަަނަ މެޗުގައި މޮޅުވެ، މި ވަނީ ފަސް ޕޮއިންޓް ހަމަކޮށްފަ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ކ. ގުރައިދޫ އެވެ. ތިން ވަނައިގައި އޮތް ހުރާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޅ. ކުރެންދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ފުރަތަމަ ހާފުގައި އައްޑޫ ޓީމަށް ޖަހައިދިނީ އެ ޓީމަށް ފަހުން އިތުރު ކުރި، ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކާއި ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މިއީ، އޭރިއާތެރެއިން، އައްޑޫ ޓީމުގެ ހާޒިމް ފައުޒީ (ހަތީ) ދިން ބޯޅައަކުން އިއްބެ ހަމަޖެހިލައިފައި ޖެހި ގޯލެކެވެ.
ހުރާ އިން ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ އެޓޭކްތަކެއް ކުރިިއިރު، އެ ޓީމަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިޔާ، މުހައްމަދު ތަޝްމީން (ތައްތި) ހިލޭޖެހުމަކުން ޖެހި ބޯޅަ ބޭރުވީ، އައްޑޫ ސިޓީގެ ކީޕަރު، ވިޝާން އަބްދުލް މަޖީދު އަތުގައި ޖެހިފައި ދަނޑީގައި ވެސް ޖެހިފަ އެވެ.
އައްޑޫ އަށް ދެ ވަނަ ގޯލެއް ޖެހުމަށް، ހަތީ އާއި އެ ޓީމުގެ، އިސްމާއިލް އީސާ (މެސީ) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުނެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ ފުރަތަމަ ބުުރުގެ 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ. ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން ހަ ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެ ޖާގަތައް ހޯދީ، އައްޑޫ ސިޓީގެ އިތުރުން، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި އަދި ތިމަރަފުށިންނެވެ.












