ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު، ހަވީރު، ބ. ތުޅާދޫ 4-2 އިން ބަލިކޮށް، ތ. ތިމަރަފުށިން ދެ ވަނަ ބުުރުގެ ޖާގައެއް ހޯދައިފި އެވެ.
މިއަދުގެ މެޗާ އެކު، ގްރޫޕް ބީގެ މެޗުތައް ވަނީ ނިމިފަ އެވެ. އެ ގޮތުން، މި ގްރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ބ. އޭދަފުށްޓެވެ. ދެ ވަނަ ހޯދި މާލެ ސިޓީ އަށް ވަނީ ތިން މެޗުން ހަަ ޕޮއިންޓް ހޯދައިފަ އެވެ.
މިއަދުގެ މެޗަށް ތުޅާދޫ އާއި ތިމަރަފުށި ނުކުތްއިރު ފުރަތަމަ ދެ މެޗުން ދެ ޓީމު ވެސް ބަލިވެފައި އޮތުމުން މޮޅުވި ޓީމަކަށް ދެ ވަނަ ބުރުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ތިމަރަފުށި މޮޅުވެ، ތިން ވަނަ ހޯދީ ތިން މެޗުން ތިން ޕޮއިންޓާ އެކުގަ އެވެ. ފުލަށް ދިޔަ، ތުޅާދޫ ވަނީ ތިން މެޗުން ބަލިވެފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ތިމަރަފުށިން ލީޑުނެގީ އަބްދުﷲ ޒިޔާން ޖެހި ގޯލުންނެވެ. ފުރަތަމަ ޑިވިޝަނުގައި ކްލަބް އީގަލްސް އަށް ކުޅެފައިވާ ޒިޔާން އޭރިއާތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މި ހާފުގައި ތުޅާދޫގެ އަހުމަދު ހުސެއިން އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅަ ތިމަރަފުށީގެ ކީޕަރު މުހައްމަދު ސަރުހާން ވަނީ މަތަކޮށްފަ އެެވެ.

ދެ ވަނަ ހާފުގައި، ތިމަރަަފުށިން ކުރިއަށް ޖެހިގެން ކުޅެ، މެޗުގެ 61 ވަނަ މިނިޓްގައި، އިބްރާހިމް ސިނާހު (ސިނާ) ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. ކްލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓް އަދި ވިކްޓަރީ އަށް ވެސް ކުޅެފައިވާ ސިނާ އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ހަ މިނިޓް ފަހުން، ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނާ) ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ކުރިން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު އާދަންނާ އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ތިމަރަފުށިން ތިން ވަނަ ގޯލެއް ޖެހިތާ ދެ މިނިޓް ފަހުން، ތުޅާދޫ ޓީމުގެ އަހުމަދު ރަޝީދު (އަންމަޑޭ) ވަނީ އެ ޓީމުގެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަށް އަދި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ތަޖުރިބާކާރު ފޯވާޑް، އަންމަޑޭ ވަނީ އޭރިއާތެރެއަށް އައި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިފަ އެވެ.
އޭގެ ފަހުން، ތުޅާދޫން ވަނީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެެވެ. މިއީ، ކޯނަރެއްގައި ތިމަރަފުށީގެ ޑިފެންޑަރު، އަނޫފް އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އިތުރު ވަގުތުގައި ތިމަރަފުށީގެ ފަހު ގޯލު ޖެހީ އަހުމަދު އަފްލާޒް އެވެ. އަފްލާޒް ވަނީ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ ފުރަތަމަ ބުުރުގެ 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ. ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން ފަސް ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެ ޖާގަތައް ހޯދީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި އަދި ތިމަރަފުށިންނެވެ.












