ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހަވީރު ދ. ކުޑަހުވަދޫ އަތުން 6-2 އިން މޮޅުވެ، ހއ. ދިއްދޫ އިން މުބާރާތުގައި ކުރިއަށްދިއުމަށް އުންމީދެއް ހޯދައިފި އެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި ފުވައްމުލަކު އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ.
މި ގްރޫޕުން ދެން، ދެ ވަނަ ބުރު ލިބޭނެ ދެ ޓީމެއްގެ ޖާގައިގެ ފޯރި ވަނީ ގަދަވެފަ އެވެ. ދެ ވަނައިގައި އޮތް ދިއްދޫ އާއި ތިން ވަނައިގައި އޮތް ދ. މީދު އަދި ހަތަރެއްގައި އޮތް ކުޑަހުވަދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެެވެ. އަދި އެންމެ ފުލުގައި އޮތް ގދ. ފަރެސްމާތޮޑާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ތިން ގޯލު ވެސް ޖެހީ ދިއްދޫންނެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލީ ފަރީދު ދެ ގޯލާއި އާދަމް އާޒިމް ގޯލެކެވެ. ކުޑަހުވަދޫގެ މުހައްމަދު ޒިހާން ހުސެއިން އާއި ހާރޫން އިބްރާހިމް (ހާންޑޯ) ވަނީ އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ދިއްދޫގެ ލީޑުކުޑަކޮށްދީފަ އެވެ.
އެކަމަކު، ދިއްދޫގެ އަހުޒަމް ރަޝީދު ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ހެޓްރިކެއް ހަދައިފަ އެވެ. އޭރިއާތެރެއިން ފުރަތަމަ ދެ ގޯލު ޖެހި ނަމަވެސް ފަހު ގޯލު ޖެހީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށެވެ. މިއީ، މި ފަހަރުގެ މުބާރާތުގައި ބަދަލަކަށް ކުޅެން އަރައި ހެދި ފުރަތަމަ ހެޓްރިކް އެވެ.
މި ގްރޫޕްގައި ބާކީ އޮތީ، ފުވައްމުލަކާއި ފަރެސްމާތޮޑާ ކުޅޭ މެޗާއި މީދޫން ދިއްދޫއާ ކުޅޭ މެޗާއި ކުޑަހުވަދޫ އިން މީދޫއާ ބައްދަލުކުރާ މެޗުގެ އިތުރުން، ފަރެސްމާތޮޑާ އިން ދިއްދޫއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.












