ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ދ. މީދޫ އަތުން 4-0 އިން މެޗު ކާމިޔާބުކޮށް، މޮޅުވުުމުގެ ރެކޯޑް ދަމަހައްޓައި، ފުވައްމުލަކު ސިޓީން ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން ހަތަރު ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެއީ، ފުވައްމުލަކުގެ އިތުރުން މާލެ ސިޓީ އާއި ބ. އޭދަފުށި އަދި ރ. އަލިފުށިންނެވެ. މީގެ ތެރެއިން ފުވައްމުލަކަކީ ތިން މެޗުން މޮޅުވެގެން ދެ ވަނަ ބުރަށް ދިޔަ ފުރަތަމަ ޓީމެވެ. އެއީ، އެ ޓީމު ވާދަކުރާ ގްރޫޕް އޭގައި ފަސް ޓީމު އޮތުމުންނެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި ފުވައްމުލަކު އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކުޑަހުވަދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މީދޫ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ހއ. ދިއްދޫ އާއި ފުލުގައި އޮތް ގދ. ފަރެސްމާތޮޑާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅޭ ފުވައްމުލަކު ޓީމަށް މިރޭގެ މެޗުގައި، ފުރަތަމަ ޑިިވިޝަނުގައި އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފައިވާ، އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ޝަންމު ފުރަތަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފުގަ އެވެ. ހެޓްރިކް ފުރިހަމަކުރި ގޯލު ޖެހީ މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ.
ފުވައްމުލަކު ޓީމުގެ އަނެއް ގޯލު ޖެހީ، މި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިނާން އަހުމަދު އެވެ. އޭނާ މި ގޯލު ޖެހީ، އެކްރަބެޓިކް ކިކަކުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ، 12 ޓީމު ހަތަރު ގްރޫޕަަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ ގޮތަށެވެ.












