ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، ބ. ކެންދޫން މޮޅުވާން ދަނިކޮށް، އެ ޓީމާ 1-1 އިން އެއްވަރުކޮށް، ކ. މާފުށިން ޕޮއިންޓެއް ހޯދައިފި އެެވެ.
ގޯލްޑް ކަޕް ގްރޫޕް ޑީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ރ. އަލިފުށިން ވަނީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އަނެއް ބުރު ޔަގީންކޮށްފަ އެވެ. ދެ ވަނައިގައި އޮތް ނައިފަރަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މާފުށްޓާއި ހަަތަރު ވަަަނައިގައި އޮތް ކެންދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެންދޫން ނިންމާލީ ލީޑުގައި އޮވެ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަށް ކުޅުމުގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފައިވާ ގާސިމް ސައްމާމު (ސަންމެ) ޖެހި ގޯލުންނެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ސައްމަ ވަނީ ހަަމަޖެހިލައިފައި ބޮލުން ގޯލަށް ވައްދާލައިފަ އެެވެ.
މާފުށްޓަށް މި މެޗުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭނުމެއް ނުކުރެވުނެވެ.
ކެންދޫ މޮޅުވާން ދަނިކޮށް، މާފުށިން އެއްވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނިޓަށް ވެފައި އޮއްވައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ކާމިޔާބު ކުރީ އަލީ އުޒައިރު މުހައްމަދު އެވެ.












