ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި އައްޑޫ ސިޓީން ކުޅުނު ދެ ވަަނަ މެޗުން ކ. ގުރައިދޫއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
އައްޑޫން މި ގްރޫޕްގައި ކުޅުނު ފުރަަތަަމަ މެޗުން ވަނީ ޅ. ކުރެންދޫއާ 1-1 އިން އެއްވަރުވެފަ އެވެ. ގުރައިދޫން ވަނީ ފުރަތަމަ މެޗުން ކ. ހުރާ އަތުން 3-1 އިން މޮޅުވެފަ އެވެ. މި ގްރޫޕްގައި ދެން ކުޅޭ މެޗުގައި ކުރެންދޫން ކުޅޭނީ ހުރާއާ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި، އައްޑޫން ވަނީ 13 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އައްޑޫ ސިޓީގެ ކެޕްޓަން، ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ކުޅުނު، އަލީ ނާފިއު (ކަޅޭ) އޭރިއާތެރެއަށް މަތިން މަތިން ހުރަސްކޮށްލި ބޯޅަ މުހައްމަދު އިންޝާލް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ، މި ފަހަރުގެ ގޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ ރީތި އެއް ގޯލެވެ.
ގުރައިދޫ ޓީމަށް އެއްވަރުކޮށްދިން ލަނޑު ޖަހާފައިވަނީ މެޗުގެ 22 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ އަރިމަތިން ކުޅެމުން އައި އަހުމަދު އަހްޒާމް ވަދީއު އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އައްޑޫ ސިޓީގެ ކީޕަރު ވިޝާން އަބްދުލް މަޖީދު (ވިތަޅޭ) ބޯމަތިން އޮއްސިގެން ގޮހެވެ.
އައްޑޫ ސިޓީން ދެ ވަނަ ހާފުގައި ބަދަލަކަށް އިސްމާއިލް އީސާ (މެސީ) ވެސް ކުޅެން އެރުވި އެވެ. އެކަމަކު، ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ނުކުރެވުނެވެ. އަނެއްކޮޅުން، ގައުމީ ޓީމުގެ ކުޅުންތެރިޔާ، އަހުމަދު ނޫމާން (ހެލްމެޓް) ވެސް ކުޅެމުން އައި ގުރައިދޫ ޓީމުން ވެސް އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އިތުރު ގޯލެއް ޖަހައި މޮޅުވެވޭގޮތެއްނުވި އެވެ.
މި ނަތީޖާއާ އެކު، މި ގްރޫޕްގެ އެއް ވަަނައިގައި ގުރައިދޫ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އައްޑޫ ސިޓީ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކުރެންދޫ އަށް އެއް ޕޮއިންޓް ވަނީ ލިބިފަ އެވެ. ފުލުގައި އޮތް ހުރާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.












