ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު، ތ. ތިމަރަފުށި 4-0 އިން ބަލިކޮށް، ބ. އޭދަފުށިން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.
ގްރޫޕް ބީން މި ވަނީ ދެ ވަނަ ބުރުގެ ޖާގަ ލިބޭ ދެ ޓީމެއް ޔަގީންވެފަ އެވެ. އެ ގޮތުން، ފުރަތަމަ ދެ މެޗުން މޮޅުވެ، މާލެ ސިޓީ އާއި އޭދަފުށި މި ވަނީ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. މި ގްރޫޕްގެ އެއް ވަނަ ކަނޑައެޅޭނީ މާލެ ސިޓީ އާއި އޭދަފުށި ކުޅޭ މެޗުންނެވެ. އަދި މި ގްރޫޕުން ދެން އަނެއް ބުރަށް ދާ ޓީމެއް ޔަގީންވާނީ ތުޅާދޫ އާއި ތިމަރަފުށިން ކުޅޭ މެޗުންނެވެ.
ގޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖުން ކޮންމެ ގްރޫޕަކުން ތިން ޓީމެއް ކަޓާނެ އެވެ. ދެ ވަނަ ބުުރުގެ ގްރޫޕް ސްޓޭޖުގައި ހިމެނެނީ، ތިން ޓީމު ގްރޫޕެއްގައި ހިމެނޭ ގޮތަށް ހަތަރު ގްރޫޕެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން، އޭދަފުށިން ކޮންޓްރޯލް ނަގައިގެން ކުޅެ، ފުރުސަތުތައް ތަނަަވަސްކުރި އެވެ. އެ ގޮތުން، އެ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ޖެހި ބޯޅައެއް ތިމަރަފުށީގެ ކީޕަރު، މުހައްމަދު ޝަރުހާން ވަނީ މަތަކޮށްފަ އެވެ. އަދި އަލީ ނަސީމް (ދިއްލި) އާއި ޖައުޝަން މުހައްމަދު (ޖައުޅޭ) އަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭނުންނުކުރެވި އެވެ.
ތިމަރަފުށްޓަށް ލީޑުނަގައިދޭން އާދަމް ނާސިހް (އާދަންނާ) ޖެހި ބޯޅައެއް އޭދަފުށީގެ ކީޕަރު، އަލީ އަޖުފާން އަމްޖަދު ވަނީ މަތަކޮށްފަ އެވެ. އޭގެ ކުރިން އާދަންނާ ނަގައިދިން ބޯޅައަކުން، އޭރިއާތެރެއިން އަލީ އިލްމާން ހުސްކޮށް އަރައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.
އޭދަފުށްޓަށް ލީޑުނަގައިދިނީ، ސައްޓު ދިން ބޯޅައަކުން ދިއްލި ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ކީޕަރު ސަރުހާން ކައިރިން ސައްޓު ދިން ބޯޅަ ދިއްލި ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި ތިމަރަފުށްޓަށް ލަނޑެއް ޖަހައިދޭން، އަހުމަދު އަފްލާޒް ބޮލުން ޖެހި ބޯޅައެއް ކީޕަރު އަޖުފާން ވަނީ މަތަކޮށްފަ އެވެ. އަފްލާޒް ކޯނަރަކުން ނެގި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.
ދެ ވަނަ ހާފުގައި ތިމަރަފުށިން ކުޅުން ރަނގަޅުކުރި ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގައި ލަނޑެއް ނުޖެހުނެވެ.
އެކަމަކު، އޭދަފުށިން ވަނީ މި ހާފުގައި ލިބުނު ދެ ފުރުސަތެއްގައި ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ، ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނު ތަޖުރިބާކާރު ކުޅުންތެރިޔާ، މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ފާއްޓޭ، ފުރަތަމަ ލަނޑު ޖެހީ ސައްޓު ދިން ފުރުސަތެއްގައި އޭރިއާތެރެއިން ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އަދި ފާއްޓެ ފަހު ގޯލު ޖެހީ ހުސެއިން ޝަރީފް ނެގި ކޯނަރަކުން ބޮލުންނެވެ.
އިތުރު ވަގުތުގައި އޭދަފުށީގެ ހަތަރު ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ޝަރީފް އެވެ.
ތިމަރަފުށިން ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އަބްދުﷲ ތަހުސީން ވަނީ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާތެރެއިން ބޯޅަ ހިފައިގެން ވަދެ، ޖެހި ޝޮޓެއް ދަނޑިއަށް އަމާޒުވި އެވެ. އަދި އޭގެ ފަހުން، ލިބުނު ފުރުސަތެއްގައި ބޮލުން ޖެހި ބޯޅަ ކީޕަރު އަޖުފާން ވަނީ މަތަކޮށްފަ އެވެ.
އޭދަފުށްޓާއި ތިމަރަފުށިން ގަލޮޅު ދަނޑުގައި މެޗަކަށް މި ނުކުތީ އަށް އަހަރު ފަހުންނެެވެ. އެންމެ ފަހުން، 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި އޭދަފުށިން ވަނީ 1-0 އިން ތިމަރަފުށި ބަލިކޮށްފަ އެވެ.












