ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ގްރޫޕް ބީގެ މެޗުން ބ. ތުޅާދޫ އަތުން 5-0 އިން މޮޅުވެ، މާލެ ސިޓީން މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުތަކަށް ބަލާއިރު، މާލެ ސިޓީން ތ. ތިމަރަފުށި ބަލިކުރީ 4-0 އިންނެވެ. އަދި ތުޅާދޫ އަތުން ބ. އޭދަފުށި މޮޅުވީ 5-1 އިންނެވެ. މާލެ ސިޓީ މި ވަގުތު މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭދަފުށްޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މާދަމާ ހަވީރު އެ ޓީމުން ތިމަރަފުށްޓާ ދެކޮޅަށް ކުޅޭނެ އެވެ.
ގޯލްޑް ކަޕްގެ ފޯމެޓްގައިވާ ގޮތުން، ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ. ބާކީ 12 ޓީމަށް ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭއިރު، އޭގެ ފުރަތަމަ ޖާގަ މި ޔަގީންކުރީ މާލެ ސިޓީންނެވެ. ގްރޫޕް އޭގައި ހިމެނޭ ފުވައްމުލަކު ސިޓީން ފުރަތަމަ ދެ މެޗުން މޮޅުވިއިރު، އެެއީ ފަސް ޓީމު ވާދަކުރާ ގްރޫޕެއް ކަމަށްވާތީ، އަދި އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުރަން ޕޮއިންޓް ބޭނުންވާނެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މާލެ ސިޓީން ކޮންޓްރޯލް ނަގައިގެން ކުޅެން މަސައްކަތްކުރިއިރު، ތުޅާދޫން ކައުންޓަ އެޓޭކުގައި ލަނޑެއް ޖެހޭތޯ ބަލަމުންދިޔަ އެވެ. މާލެ ސިޓީން ލީޑުނެގި ލަނޑަކީ ތުޅާދޫގެ ޝަމްވީލް މުހައްމަދު (ބޮންޑާ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދެ ވަނަ ޑިވިޝަނުގައި ކުޅެ، ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ވެސް ހިމެނުނު ޝަމްވީލް ފަހަތަށް މަތިން ޖައްސާލި ބޯޅަ ގޯލަށް ވަނީ ތުޅާދޫގެ ކީޕަރު އަލީ ރަމީޒް ބޯމަތިން ގޮހެވެ.

ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރެއްނުވެ، މާލެ ސިޓީން ދެ ވަނަ ލަނޑު ޖެހި އެވެ. ތުޅާދޫގެ ކީޕަރު، އަލީ ރަމީޒް އަތުގައި ޖެހިފައި އޭރިއާތެރެއިން، އެ ބޯޅަ މާލެ ސިޓީގެ މިޑްފީލްޑަރު މުހައްމަދު ޔަޒްދާން ހުސެއިން (ޔަޒޭ) އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތުޅާދޫ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ. ޔަޒޭ އަކީ ޓީސީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިއެކެވެ.
މާލެ ސިޓީ އަށް ފުރަތަމަ ހާފުގައި ތިން ވަނަ ލަނޑެއް ޖަހަން ވެސް ލިބުނެވެ. މާލެ ސިޓީ އަށް ކުޅޭ ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން މާލެ ސިޓީގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ޕެނަންކާ ޕެނަަލްޓީ އަމާޒުވީ ކީޕަރު އަލީ ރަމީޒް އަތަށެވެ.
ދެ ވަނަ ހާފުގައި މާލެ ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ނަފްކޮ އެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ނަފްކޮ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
އޭގެ ފަހުން ބަދަލަކަށް އެރި މާލެ ސިޓީ ޓީމުގެ މުހައްމަދު ނާއިލް ވަނީ ބަދަލަކަށް އަރައި ދެ ގޯލު ޖަހައިފަ އެވެ. އޭނާ ދެ ގޯލު ޖެހީ ހަތަރު ވަރަކަށް މިިނިޓް ތެރޭގަ އެވެ. ފުރަތަަމަ ގޯލު ޖެހީ އޭރިއާ ރޮނގުމަތިން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. އަނެއް ލަނޑު ޖެހީ، އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ތިރިތިރިން ގޯލަށް އަމާޒުކޮށްލައިގެންނެވެ.












